twitterviber whatsapp telegramfacebookyoutube instagram
1st May 2024

ބާރަދުވަސް - މިއޮއް ލާރި ބެހީ!

Oct 29, 2020
4

އަޅުގަނޑުމެންގެ ކާބަފައިޒަމާނުން ފެށިގެން ވަރަށް ފަހަކާ ޖެހެންދެން ވެސް ކީރިތި ރަސޫލާގެ ޢީދުމީލާދު ދުވަސް ނުވަތަ ރަބީޢުލްއައްވަލު މަހުގެ ބާރަވަނަ ދުވަސް ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ދިވެހިން އައީ ނުހަނު ޤަދަރުވެރިކަމާއެކު ފާހަގަކުރަމުންނެވެ. ދީނީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. ނަމަވެސް، ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުވުމާ އެކު، މިފަދަ، އިސްލާމުދީނާ ބީރައްޓެހި ކަންކަން ކުރުން ދިވެހިން މިއަދު މިވަނީ ހުއްޓާލާފައެވެ.

ކީރިތި ރަސޫލާގެ ޢީދުމީލާދު ދުވަސް ދިވެހިން މިއަދު ފާހަގަ ނުކުރި ކަމުގައިވިޔަސް، މިދުވަހަކީ ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ ތެރޭގައި މުހިންމު ދައުރެއް އަދާކުރި ދުވަހެކެވެ. ޔަގީނުން ވެސް ކުޅުދުއްފުށީ އާދަކާދައިގެ ތެރޭގައި މި ދުވަސް ޚާއްޞައެވެ. މި ދުވަހަށް ވެވުނު ތައްޔާރީތަކާއި ކުރެވުނު އިންތިޒާރު އެހާމެ ބޮޑެވެ.

އަޅުގަނޑުމެން ކުޑައިރު (ކުޅުދުއްފުށީގައި) އާންމުގޮތެއްގައި "ބާރަދުވަސް" ގެ ނަމުން މުޚާތަބުކުރެވޭ މި ދުވަހުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮންނަނީ ކީރިތި ރަސޫލާއަށް ޞަލަވާތް ކިޔެވުމާ، އޭގެ ފަހުގައި އޮންނަ ޖާފަތެވެ. މި ދުވަހު ކުކުޅު ކަތިލައި ކުކުޅުރިހަ ކެއްކުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއްގެގޮތުގައި އޮންނަނީ ވެފައެވެ. އެހެން ކަމުން، ބާރަދުވަހަށް ތައްޔާރުވުމުގެ ގޮތުން އެންމެ އަހަމިއްޔަތު ކަމެއްދޭ އެއްކަމަކީ މަސްފަލަ ހާލާއި ކުކުޅު ދުރާލާ ހޯދުމެވެ. ރަށުން ނުލިބޭނަމަ އަވައްޓެރި ރަށްރަށުން ވެސް ހޯދުމެވެ. އެއަށްފަހު، ރިހަކެއްކުމަށް ބޭނުންވާ ހަވާދު ދެވުމާއި މަސްބޮޑި އާއި އަސާރަ ހެދުމަށް ބޭނުންވާ ތަކެތި ހަމަކުރުމެވެ. ޕާޕަރާއި ކުކުޅުބިހާއި ދޮންކެޔޮ ހޯދައެވެ. ފަނި ކެއްކުމާއި ބޮނޑިބަތް ތައްޔާރުކުރުމަށް ސާގު ގަނެއެވެ. ޞަލަވާތް ފާތިހާއާއި ކައިވެނި ޕާޓީ ފަދަ ބޮޑެތި ޙަފުލާތަކަށް ތައްޔާރުކުރެވޭ ޖާފަތްތަކުން ނޫނީ ފެނުމުގެ ނަސީބު ނުލިބޭ ބިއްލޫރި ތައްޓާއި ބޯތަށިތަކާއި ސަމުސާތައް ބޮޑުފޮށިން ނަގާ ދޮވެސާފުކޮށް ބާރަދުވަހަށް ތައްޔާރުކުރެވެއެވެ. ގޭތެރެ ފޮޅާސާފުކުރެއެވެ. ހާއްސަކޮށް ބޭރުގެއާއި ކާގެއެވެ. ޞަލަވާތް ކިޔަވާ ވަގުތު ދުންއެރުވުމަށްޓަކާ މީރުވަސްދުވާ ދުންދަނޑި ހޯދާ، ދުންދަނޑިޖަހާއެތީގެ ވެލިކޮޅު އާކޮށްލައެވެ. ދުފާތަބަކުގައި އާންމުކޮށް ހުންނަ ތަކެތި ހަމަކުރުމުގެ އިތުރުން ފޮނިތޮށި ކާފޫރުތޮޅި އަޅާ ދުފާތަބައް ތިޔާގިކޮށްލައެވެ. ކައި ނިމިގެން އަތްދޮންނަން ފެންކުރަޔާއި ސައިބޯނި ތައްޔާރުކުރެވެއެވެ. އަތް ފުހުމައްޓަކާ ރީތި ތުވާލިކޮޅެއް ހޯދައެވެ. އަދި ބާރަދުވަހު ޞަދަޤާތް ކުރުމަށްޓަކާ ލާރި މާރުކުރުމަކީ ހަނދާނުން ކައްސާލަން ފުރުޞަތު ދެވޭ ވަރަށް ވުރެ މުހިންމުކަން ބޮޑު ކަމެކެވެ.

ކީރިތި ރަސޫލާގެ ޢީދުމީލާދު ދުވަސް ފާހަގަކުރުމަށްޓަކާ ބޮޑެތިމީހުން ތައްޔާރުވަނީ ދީނީ ކަމެއްގެގޮތުގައި ދެކިގެން ކަމުގައިވިޔަސް، ކުޑަކުދިން މި ދުވަހަށް ބޮޑު އިންތިޒާރެއް ކުރަނީ "އިޤުތިޞާދީ ނުވަތަ މާލީ" ސަބަބުތަކައްޓަކައެވެ. އެހެނީ، އެއުމުރުގައި ޔަގީންކޮށް "އާމްދަނީ" އެއް ލިބޭނެ ދުވަހަކަށް އަހަރުގައި ވެސް އަންނަ ހަމައެކަނި ދުވަހަކީ ބާރަދުވަހެވެ. ޞަލަވާތާއި އެކު ކޮންމެ ގެއެއްގައި ވެސް ޞަދަޤާތްކުރުން އޮންނާތީއެވެ. އަދި ޞަދަޤާތުގެ ގޮތުގައި ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް ބަހަނީ ރުފިޔާ ނުވަތަ ވަކިލާރި ކަމުގައިވާތީއެވެ. ކުޑަކުދިންނަށް ބާރަދުވަހަކީ ޢީދެކެވެ. ކުޅިވަރެކެވެ. އަދި އެންމެ ގިނަ ރުފިޔާ އެއްކުރެވޭ މީހަކަށް ވުމަށްޓަކާ އޮންނަ ފޯރިގަދަ މުބާރާތެކެވެ.

ކުޑަކުދިންނަށް ބާރަދުވަސް ފެށެނީ ފޮނި އުންމީދުތަކާ އެކުއެވެ. އެކުއުޅޭ ރަހުމަތްތެރިންނާއި އެއް އުމުރުފުރާގެ ކޮއްކޮ ބޭބެމެންގެ އޮންނަނީ އެއް އަމާޒެކެވެ. އެއް ވާދަވެރިކަމެކެވެ. އެއީ ދުވަސް ނިމުމުގެ ކުރިން އެންމެ ގިނަ ރުފިޔާ ހޯދުމެވެ. ހެނދުނުހެނދުނާ ސައިބޯލައިގެން "އާމްދަނީ" ހޯދުމަށްޓަކާ މަގުމައްޗަށް ނުކުމެއެވެ. ހިނގާފައެވެ. ބައިސްކަލު ދުއްވާ ކުދިން ބައިސްކަލުގައެވެ. ގޭގޭ ކައިރިއަށް މަޑުކުރަމުން، ފެންނަ މީހުން ކައިރީ "މިގޭގަ ބަހައިފިތަ؟ އެގޭގަ ބަހައިފިތަ؟" އަހަމުންނެވެ. ޞަލަވާތް ކިޔަވާ މީހުން ގެއަކަށް ވަދެއްޖެނަމަ، އެގޭގެ ދޮރުމަތީ މުގޯލިއަޅާލައަޅާލަ ތިބެއެވެ. ކުރިން އަހަރުތަކުގައި ބޮޑު އަދަދަކުން ބެހި ގެތަކަށް ޚާއްޞަ ސަމާލުކަމެއް ދެވެއެވެ. ކަންފަތުގައި ޖެހޭނެ އެންމެ ހިތްހަމަޖެހޭ އަޑަކީ "މި އޮތް ބަހަނީ!" އޭ ކިޔާފަ ގޮވާލާ އަޑެވެ. ލާރި ބަހާތަން ފެނުނަސް ލާރި ލިބޭނީ ކެރިގެންނެވެ. އެންމެ ކައިރިއަށް ގޮސް، "އަތްފީނި" މަތިން އަތް ދިއްކޮށްގެންނެވެ. ބަހަން ހުންނަ މީހައާ ހަތަރުކަޅި ހަމަކޮށްގެންނެވެ.

ލާރި ހޯދަން ކުދިން ގެންގުޅޭ އުކުޅުތަކާ އެއްވަރަށް ލާރި ބެހުމަކީ ވެސް ހުނަރެކެވެ. ލާރި ބަހާ މީހާގެ ޒިންމާއަކީ އިންސާފުވެރިކަމާއެކު ވީހާވެސް ގިނަކުދިންނަށް ބެހުމެވެ. ތަކުރާރުކޮށް ދިއްކުރެވޭ އެއް އަތްތަކަށް ސަމާލުކަން ދިނުމެވެ. ލާރި ހޯދަން ތޮއްޖެހޭ ވަގުތު "އޮޅިގެން" ލާރި ތަށި ފުލުގައި އަތުން ޖެހި ބަންޑުން ވުމަކީ ވެސް ބައެއްފަހަރު ދިމާވާ ދެރަގޮތެއްކަމުން ލާރި ތަށީގައި ހިފަހައްޓަންޖެހޭ ބާރުމިނާއި ބަހައްޓަންޖެހޭ އުސްމިނަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ނޫޓު ބަހާ ގެއަކާ ދިމާވުމަކީ ނާދިރުކަމެވެ. އެއް ރުފިޔާ އަކީ ވެސް އޭރުގަ ބޮޑު އެއްޗެއްކަމުން، އެއް ރުފިޔާ ބަހާ ގޭގެއަށް ވެސް ޚާއްޞަ ޤަދަރެއް ދެވެއެވެ. ޝުކުރުގެ ޝުޢޫރުތައް ހިތުގައި އުފެދެއެވެ.

ޞަލަވާތް ކިޔަވަން ގޭގެއަށް ކާފަމެން ފަދަ ބޮޑެތި މީހުންނާއި އެކު ދިއުމުގެ ފުރުޞަތު ބައެއް ފަހަރު ލިބެއެވެ. ނުވަތަ ޢާއިލީ ގޭގޭގައި ޞަލަވާތް ކިޔަވާއިރު ބޮޑުއަށި ކައިރިއަށް އެރުމުގެ ފުރުޞަތު ދެއެވެ. މި ފަދަ ފުރުޞަތުތަކުގައި ނުހަނު ހަރު މީހަކަށް ވެގެން ބޮލުގައި ތާކިހާ އަޅައިގެން ތިބެމުއެވެ. ބޮޑުވަރަކަށް ވެސް ކުރަން ޖެހޭނެ ކަމަކީ "އަލްފާތިޙަ" ބުނާ އަޑު އިވިއްޖެނަމަ ސޫރަތުލް ފާތިޙާ ކިޔެވުމާއި ދުޢާއަށް އަތްނެގުމާއި ޙަމްދުއެޅުމެވެ. ފޫހިކަންމަތީ ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލަން ޖެހުނަސް އާޚިރުގައި ޖީބައްލާން ނޫޓުލިބެއެވެ. އިސްކޮށް ޞަލަވާތްކިޔާ މީހާއަށް ލިބޭ ވަރަށް ވުރެ މަދުން ލިބުނުކަމުގައި ވިޔަސްމެއެވެ.

ޞަލަވާތް ނިމޭއިރު ޖާފަތް ހުންނާނީ ތައްޔާރުކުރެވިފައެވެ. ފުނޑި ހަވާދުގެ ކުކުޅު ރިހަޔާއި ފިޔާ ސަޓަންޏާއި މަސްބޮނޑިއާއި ޕާޕަރު ތައްޔާރުކޮށްފައި ނުހުންނަ ގެއެއް މަދުވާނެއެވެ. ބަތް ކަނހަބު މަތީގައި ތުނިކޮށް ފަތުރާލާފައި އޮންނަ ބިސްގަނޑަކީ ސުފުރާ މައްޗަށް އިތުރު ރަހަޔަކާއި ފުރިހަމަ ކަމެއް ގެނެސްދޭ އެއްޗެކެވެ. ކައިނިމިގެން އަނގަ ފޮނިކޮށްލަން ބޮނޑިބަތާއި ދޮންކެޔޮލަކީ އާންމު އެއްޗެކެވެ. ޞަލަވާތް ކިޔެވުމަށް ގިނަ ގޭގެއަށް ދާންޖެހޭތީ، ކޮންމެ ގެއަކުން ވެސް ކާލަނީ އައިބު ނުވާ ވަރަށް ކުޑަ އެތިކޮޅެކެވެ. ޖާފަތް ތައްޔާރުކުރި މީހުން ހިތުގައި ނުޖެއްސުމަށްޓަކާ ވެސް މެއެވެ.

މެންދުރުން ފަސްވެ ހަވީރު ވެގެން އަންނަ އިރު ރައްޓެހިންނާއި ޢާއިލީ ކުދިންނާއި ބައްދަލުވެ، ދުވަހުގެ ނަފާ އަޅާކިޔުމުގެ ފުރުޞަތު ލިބެއެވެ. މި ވަގުތަކީ ހީ ސަމާސާކޮށް ސަކަރާތްޖަހާ މަޖާކޮށްލެވޭ އުފާވެރި ވަގުތެކެވެ. އަމިއްލަ މަސައްކަތުން ހޯދި ފައިސާއިން މިނިވަންކަމާ އެކު ޚަރަދުކުރުމަށް އެންމެން އެކީ ފިހާރަތަކަށް ދަމުއެވެ. ލޮލީ އާއި މެޓަޔާއި ޖޫސްޕެޓީއާއި ލުއިކާނާ ގަންނަމެވެ. ބާކީ ބައި މި ފަދަ "ޒަރޫރީ" ބޭނުންތަކަށް ޙަރަދު ކުރުމަށްޓަކައި ފަހަށް ރައްކާކުރެވެއެވެ.

ބާރަދުވަސް ނިމިގެންދަނީ ރަބީޢުލްއައްވަލު މަހުގެ ސާދަވަނަ ދުވަހަށް އިންތިޒާރުކުރަމުންނެވެ. އެއީ ވެސް، ބައެއް ގޭގެގައި ޞަލަވާތް ކިޔަވާ ލާރި ބަހާ ދުވަހަކަށް ވާތީއެވެ.

ލިޔުނީ: މުޙައްމަދު އިބްރާހީމް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355