މޫދު ކުޅިވަރަކީ ރާއްޖޭގައި މިހާރު އެންމެ ޑިމާންޑް ބޮޑު، ފޯރިގަދަ ހަރަކާތެވެ. މިކަމުގައި ކުޑައެއް ބޮޑެއް ނޯވެ އެވެ. ކުޅުދުއްފުށީ ސިޓީއަކީ ވެސް މިކަމުގެ ފޯރި ނުހަނު ގަދަ ތަނެކެވެ. މޫދު ކުޅިވަރު ނުވަތަ ވޯޓަރ ސްޕޯޓްސްއަށް ޝައުގުވެރި އެތައް ބަޔަކު އެބަ ތިއްބެވެ. ނުވަދިހާގެ އަހަރުތަކުގެ ކުރީކޮޅަށް ބަލާލައިރުވެސް އެކަން ޔަގީންވެގެންދެ އެވެ. އޭރު އަތިރިމައްޗަށް ނުކުމެ ބަލާލުމުން ފެންނަނީ ވޯޓަރ ސްޕޯޓްސްގައި އެ ޒަމާނުގައި އެންމެ ފޯރި އަރުވާފަ ޖައްސާ ވިންޑް ސާފިންގ ގައި ޒުވާނުން ހަރަކާތްތެރިވާ މަންޒަރެވެ. ފަހުން ކައިޓް ސާފިންގ ފުޅާވެ އެދާއިރާގައި ގިނަ ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ.
އެކަމަކު މިއަދު އެ މަންޒަރު ވަނީ ބަދަލުވެފަ އެވެ. އެ ދާއިރާގައި އުޅޭ ޒުވާނުން މަދުވެގެންނެއް ނޫނެވެ. ވޯޓަރ ސްޕޯޓްސް ޖައްސާނެ ބީޗެއް ލެގޫނެއް ނެތީމަ އެވެ. ބަނދަރުތައް ހަދައި ކުރިން އޮތް އެ ރީތި ފަޅު ނެތުނީ އެވެ. ޕިކްނިކް ދަތުރުތަކާއި ވޯޓަރ ސްޕޯޓްސްއަށް ލޯބިކުރާ ޒުވާނުންނާއި އެ ކުޅިވަރުތަކުން ހިތްއުފާކޮށްލުމަށް މިހާރު ގޮސް އުޅެނީ ކައިރި ރަށްތަކަކަށެވެ. ރަށުގައި އެކަން ކުރެވޭނެ ގޮތެއް މާބޮޑު ގޮތެއް ނެތްކަމުގައިވިޔަސް އަހުމަދު ޖައިލަމް އަބުދުލް ސައްތާރު ބޭނުންވަނީ ރަށުގައި ވޯޓަރ ސްޕޯޓްސް ކުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުމެވެ. ކުޑައިރުވެސް ވޯޓަރ ސްޕޯޓްސްއަށް އޮންނަ ޝައުގުވެރިކަން ޖައިލަމު ބޮޑެވެ. އެހެންވެ އޭނާގެ އެންމެ ފުރަތަމަ ވަޒީފާއަކަށްވީވެސް ދާއިރާ ގުޅުން ހުރި ވަޒީފާއެކެވެ. މާފުށި ޑައިވް އެންޑް ވޯޓަރ ސްޕޯޓްސްގައި މަސައްކަތްކުރުމުން އޭނާއަށް އެ ދާއިރާގެ ވަރަށް ގިނަ އެއްޗެހި ދަސްވެ ދާއިރާގެ ޝައުގުވެރިކަން އިތުރުވި އެވެ.
ޓީއެމްއޭގައިވެސް ކުޑަދުވަސްކޮޅަކު ޖައިލަމް މަސައްކަތްކުރުމަށްފަހު އެނބުރި ރަށަށް ބަދަލުވެ ބޭނުންވީ ރަށުގައި ވޯޓަރ ސްޕޯޓްސް ޖައްސާށެވެ. ބޭބެގެ އެހީތެރިކަމާއެކު މަސައްކަތް ފަށާގަތީ މިއީވެސް ރަށުގައި ކޮންމެހެން އޮންނަ ޖެހޭނެ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. ކޮންމެ މީހަކީ ދަތުރު ހަދާފައި ރަށްރަށަށް ދެވޭނެ މީހަކަށްނުވެދާނެ އެވެ. އެހެންނޫންނަމަވެސް ރަށުގައިވެސް މޫދު ކުޅިވަރުތައް އޮންނަ ޖެހެ އެވެ. ބޭނުން ވަގުތަކު ރަށުގައި ވޯޓަރ ސްޕޯޓްސް ޖައްސާލެވެންވާނެ ކަމަށް ޖައިލަމް ދެކެ އެވެ. ޖައިލަމް ބުނީ، ވޯޓަރ ސްޕޯޓްސްގެ މަސައްކަތް އަދި ފަށައިގަތްތާ މަހެއްހާ ދުވަސްވެފައިވާއިރު މިވަގުތު އޮތީ ޖެޓްސްކީ އަކާއި ފަންޓިއުބެކެވެ. އެކަމަކު ކުރިއަށް އޮތްތާގައި ވިސްނުން ހުރީ ފުޅާކޮށް ކުޅިވަރުތައް އިތުރުކުރުމެވެ.
ޖެޓްސްކީ ދުއްވާލަންވެސް ކައިރި ރަށްތަކަށް ވަރަށް ގިނަ މީހުން އެބަ ދަތުރުކުރެ އެވެ. އެކަމަކު މިހާރު އެކަން ރަށުގައި ކުރެވޭނެ ގޮތް ޖައިލަމް ހަމަޖައްސައިދީ އޭނާ އެ ހުރީ ހަމަ ތައްޔާރަށެވެ. ކޮންމެ ވަގުތަކުވެސް އެ ހިދުމަތް ލިބޭނެ އެވެ. އާއިލާ ގޮވައިގެން ޖެޓްސްކީ ދުއްވާލައި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލައި، ތަޖުރިބާކޮށްލަން މިއީ ހަމަ އެންމެ ރަނގަޅު ފަހި ފުރުސަތެވެ.
އުމުރުން 19 އަހަރުގެ ޖައިލަމް ބުނީ، ކުރިއަށް އޮތްތަނުގައި ވޯޓަރ ސްޕޯޓްސްގެ ކުޅިވަރުތައް ރަށުގައި ފުޅާކޮށް ކުރިއަރުވާނެ ކަމަށެވެ. ރަށުގައި މާބޮޑު ބީޗަށާއި ފަޅެއް ނެތަސް މިކަން ރަށުގައި ކުރެވެން ޖެހޭ ކަމަށް އޭނާ ގަބޫލުކުރެއެވެ. ބޮޑު ހަރަދެއް ކޮށްފަ ޖެޓްސްކީ ދުއްވާލަން އެހެން ރަށަކަށް ދިޔުމުގެ ބަދަލުގައި ރަށުގައި އެކަން ކޮށްލެވޭނެ ގޮތެއް އޮތުމުން އެތަކެއް ރުފިޔާއެއް ވެސް ސަލާމަތްކުރެވޭނެ ކަމެކެވެ. ޖައިލަމް އެންމެ ބޮޑަށް ބޭނުންވަނީ ރަށުގެ ކައުންސިލުން މިފަދަ ކަންކަންކުރުމުގައި އުޅޭ ފަރާތްތަކަށް އެއްބާރުލުންދީ ކުރިއެރުވުމަށް މަސައްކަތްކޮށްދިނުމަށެވެ.
މާފުށި ޑައިވް އެންޑް ސްޕޯޓްސްގެ އާސިމް މުހައްމަދު (ސިމްބެ)ގެ ނަން ޖައިލަމް ފާހަގަކޮށް އޭނާއަށް ހާއްސަ ޝުކުރެއް އަދާކުރި އެވެ. ޖައިލަމް ބޭނުންވަނީ ރަށުގައި މިވަގުތު އޮތް ކުޑަ ސަރަހައްދުގައި ވޯޓަރ ސްޕޯޓްސް ރަނގަޅަށް ޖައްސާ އެކަން ތަޖުރިބާކޮށްލުމަށް ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ހޯދައިދިނުމެވެ.