twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކޯރަމް ހަމަނުވެގެން އަތޮޅު ކައުންސިލް މިއަދުގެ ޖަލްސާ ކެންސަލް!

_ ކައުންސިލްގެ ކޯރަމަކީ ތިން މެމްބަރުން
- މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވީ ދެ މެމްބަރު
- ކައުންސިލްގައި މިހާރު ތިއްބަވަނީ ފަސް މެމްބަރުން

އަބްދުލް ވާހިދު ޙަސަން
Nov 5, 2020
3

ހދ އަތޮޅު ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން، އެ ބައްދަލުވުން ކެންސަލްކޮށްފި އެވެ. އެ ކައުންސިލުން މިއަދު ބާއްވަން ނިންމާ ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފައިވަނީ 158 ވަނަ އާންމު ބައްދަލުވުމެވެ.

ހަފްތާއަކު އެއްދުވަހު ކައުންސިލްތަކުން އާންމު ބައްދަލުވުމެއް ބޭއްވުމަށް ލާމަރުކަޒީ ގާނޫނު ކައުންސިލްތަކަށް ލާޒިމްކޮށްފައިވެ އެވެ. މިހާރު ފަސް މެމްބަރުން ތިއްބަވާ ހދ އަތޮޅު ކައުންސިލްގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވީ ކައުންސިލްގެ ރައީސް އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަސީމާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އާދަމް އަލީ އެވެ.

ކައުންސިލްގެ ބައްދަލުވުން މިއަދު ހެނދުނު 10 ޖެހިއިރު ފެށިނަމަވެސް ކޯރަމް ހަމަވާ ވަރަށް މެމްބަރުން ވަޑައިގެންފައިނުވާތީ ވަނީ ނުފެށިފަ އެވެ. އަދި ކޯރަމް ހަމަނުވުމާ ގުޅިގެން، ކައުންސިލްގެ ރައީސް ވަނީ ޖަލްސާ ފެށުން ފަސްކުރައްވައި ކޯރަމް ހަމަކުރުމަށް ކައުންސިލްގެ ހިންގާ ގަވައިދުގެ ދަށުން 15 މިނެޓް ދެއްވި އެވެ.

އެހެންނަމަވެސް އެ ވަގުތުގައިވެސް ކޯރަމް ހަމަވާވަރަށް މެމްބަރު ހާޒިރުވެފައިނުވާތީ ބައްދަލުވުން ވަނީ ކެންސަލްކޮށްފަ އެވެ. ކައުންސިލްގެ ކޯރަމަކީ ތިން މެމްބަރުންނެވެ.

ކައުންސިލްގެ މިއަދުގެ ބައްދަލުވުމަށް ވަޑައިނުގަންނަވަނީ ނައިބު ރައީސް އަދި ހަނިމާދޫގެ ދާއިރާގެ މެމްބަރު އަލީ މުހައްމަދާއި ނޮޅިވަރަންފަރު ދާއިރާގެ މެމްބަރު ހުސެއިން ހަސަން އަދި މަކުނުދޫ ދާއިރާގެ މެމްބަރު އިބުރާހިމް އަލީ އެވެ. އެއްވެސް މެމްބަރު ސަލާމްގައި ނުވަތަ ޗުއްޓީގައި ހުންނެވިކަމެއް ރިޔާސަތު ހާމަކޮށްފައެއްނުވެ އެވެ.

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާކޮށްފައިވަނީ 157 ވަނަ ޔައުމިއްޔާ ފާސްކުރުމާއި 2020 ވަނަ އަހަރުގެ އަތޮޅު ކައުންސިލްގެ ވޯކް ޕްލޭން ރިވިއުކޮށް ފާސްކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355