twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް މުޅިން އާ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

އަބްދުލް ވާހިދު ޙަސަން
Nov 19, 2020
2

ހދ ހަނިމާދޫގެ ވައިގެ ބަނދަރު، ބައިނަލް އަގްވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ތަރައްގީކުރުމަށް އަންނަ އަހަރު ފަށާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހއ ހޯރަފުށީގައި މިސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ހަނިމާދޫގައި މުޅިން އާ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.

ހަނިމާދޫގައި އަންނަ އަހަރު އަލަށް ތަރައްގީކުރާ ބައިނަލްއަގްވާމީ ވައިގެ ބަނދަރެއް ތަރައްގީކުރުމާއި އިތުރު ރަށްތަކެއްގައި ޑޮމެސްޓިކް ވައިގެ ބަނދަރުތަކެއް ތަރައްގީކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމާއި އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމާއި މާލެ ބްރިޖާއި މާލޭ ޕޯޓާއި ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުން ހިމެނޭ ކަމަށެވެ.

އެހެންވުމުން ބަޖެޓް ފާސްކޮށްދެއްވުމަށް ރައީސް ސޯލިހް ވަނީ މަޖިލިސް މެމްބަރުންގެ ގާތުން އެދިވަޑައިގަންނަވާފަ އެވެ. ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދެވޭނީ އޭރުން ކަމަށާއި 2021 އަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ މި ހާލަތުގައި ހުށައެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ހަނިމާދޫގައި ގާއިމްކޮށްފައިވާ ބައިނަލް އަގްވާމީ ވައިގެ ބަނދަރުން މިހާރު ހަމައެކަނި ކުރާ އިންޓަނޭޝަނަލް ދަތުރަކީ އިންޑިޔާއަށް ކުރާ ދަތުރުތަކެވެ. އެ އެއާޕޯޓް ތަރައްގީކޮށް ފުރިހަމަ ބައިނަލް އަގްވާމީ އެއާޕޯޓަކަށް ހެދުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355