twitterviber whatsapp telegramfacebookyoutube instagram
24th April 2024

އުސޫލާ ހިލާފަށް 2018 ވަނަ އަހަރު ކައުންސިލްތަކަށް 5 މިލިއަނަން ދޫކޮށްފައިވޭ

ނަބީލާ އިސްމާޢީލް
Nov 25, 2020

ހޯމް މިނިސްޓްރީން 2018 ވަނަ އަހަރު އުސޫލާ ހިލާފަށް ކައުންސިލްތަކަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އެ މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ކުދި މަޝްރޫއުތަކަށް އެހީގެ ފައިސާ ދިނުމުގެ ގޮތުން ހޯމް މިނިސްޓްރީން 2017 ވަނަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު އުސޫލެއް ފާސްކޮށްފައިވެއެވެ. އެ އުސޫލުގައި ބަޔާން ކޮށްފައިވާ ގޮތުން ރަށްރަށުގެ ކައުންސިލް އިދާރާތަަކުން ޖަމާއަތުގެ ފައިދާއަށްޓަކައި ހިންގާ މަޝްރޫއުތަކަށް އެހީ ހޯދުމަށް ޕްރޮޕޯޒަލް ހުށައެޅުމަށް އެދި މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

އަދި ފައިސާގެ އެހީ ދެވޭނީ ޕްރޮޕޯޒަލްތައް އިވެލުއޭޓްކޮށް އެންމެ ގިނަ މާރްކްސް ލިބޭ މަޝްރޫއުތަކަށް ކަމަށް ބަޔާން ކޮށްފައިވެއެވެ. ނަމަވެސް 2018 ވަނަ އަހަރު އިއުލާނު ނުކޮށް އުސޫލާ ހިލާފަށް މިނިސްޓްރީގެ ބަޖެޓުން ކައުންސިލްތަކަށް 5،316،657 ރުފިޔާ އެހީގެ ގޮތުގައި ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

އަދި މި މަޝްރޫއުތަކަށް ފައިސާދޫކުރުމަށްފަހު އުސޫލުގައި އޮންނަ ގޮތަށް އެކަމާ ގުޅޭ ރިޕޯޓްވެސް ހުށައަޅާފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން ހޯމް މިނިސްޓްރީއާއި ކައުންސިލްތަކާމެދު ސޮއި ކުރެވިފައިވާ އެމްއޯޔޫއެއްގެ ދަށުން މަސައްކަތް ނިންމުމަށް ހަވާލު ކޮށްފައިވާ މުއްދަތުގެ 50 އިންސައްތަ ފަހަނައަޅާ ދާއިރު މަސައްކަތް ނުފަށާނަމަ ފައިސާގެ އެހީ އެއްވެސް އުނިއިތުރެއް ނެތި ހަވާލު ކުރަން ޖެހެއެވެ. ނަމަވެސް އެފަދަ ހާލަތްތަކުގައިވެސް މިނިސްޓްރީން އެ ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކޮށްފައިނުވާކަން ރިޕޯޓުން ހާމަވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355