twitterviber whatsapp telegramfacebookyoutube instagram
30th April 2024

އަނިޔާއިން އަންހެނުން ރައްކާތެރިކުރުމުގައި ސަރުކާރުން ދެމިއޮންނާނެ: ނައިބު ރައީސް

ނަބީލާ އިސްމާޢީލް
Nov 25, 2020

އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތަކީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަން ދޭ އެއް މަސައްކަތްކަމުގައި ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅުވައިގެން ދެއްވި ހިތޯބުގައި ނައިބު ރައީސް ވިދާޅުވީ އަނިޔާ ލިބޭ އަންހެނުންގެ މަސައްލަހަތު ހިމާޔަތްކޮށްދީ، އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ މީހުންނަށް ހައްގު އަދަބު ދިނުމަށް ޝަރުއީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ނައިބުގެ ހިތޯބުގައި ވިދާޅުވީ ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ކޮންމެވެސް ބާވަތެއްގެ އަނިޔާގެ ޝިކާރައަކަށް ހުޅަހެޅޭ މީހެއްކަން ހިތާމައާއެކު ފާހަގަކުރައްވާ ކަމުގައެވެ. އަދި، ގިނަ ފަހަރަށް، ފަސޭހަކަމާއެކު އެކަށީގެންވާ ފަރުވާ ހޯދުމުގައި އެ މީހުންނަށް ދަތިތަކާ ކުރިމަތިވާކަމަށާއި، އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށް ވެސް އެކި ހުރަސްތަކާ ކުރިމަތިވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިފަދަ އަނިޔާތަކާ ދެކޮޅަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ވަނީ ކޮވިޑް-19ގެ ހާލަތާއެކު ގެންނަން ޖެހުނު ފުރަބަންދުގައި މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާ، އެ ހާލަތުގައި ވެސް މިފަދަ މައްސަލަތައް ބަލައި، ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާ ކަމުގައެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ މި މަސައްކަތަކީ ކޮވިޑް-19އާއި ގުޅިގެން ކުރިމަތިވި ހާލަތުންނާއި، ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު އެއް އަސާސް ކަމުގައެވެ. މި ގޮތުން، އަނިޔާއާ ކުރިމަތިލާންޖެހޭ އަންހެނުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމާއި، އެ މީހުންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމާއި އަންހެނުންނެ ހައްގުތަކަށް އަރައިގަންނަ މީހުންނަށް ހައްގު އަދަބު ދިނުމަށް ޝަރުއީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު އެރުވިއެވެ.

ނައިބުގެ ވާހަކަފުޅުގައި މިފަދަ މައްސަލަތަކަކީ ވަކި ގައުމަކަށް ހާއްސަ މައްސަލަތަކެއް ނޫންކަން ފާހަގަކުރެއްވިއެވެ. އެ ގޮތުން، މިފަދަ މައްސަލަތަކުގެ ނުރައްކާތެރިކަން ފާހަގަކުރައްވާ، ހުރިހާ ބާވަތެއްގެ އަނިޔާއިން އަންހެނުންނަށް ސަލާމަތްކަން ހޯދައިދީ، އެ މީހުންނަކީ އިހުތިރާމު ލިބިގެންވާ ގަދަރުވެރި ބަޔެއްގެ ގޮތުގައި ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް މަސައްކަތް ކުރުމަށް އެ މަނިކުފާނުގެ ހިތާބުގައި ގޮވައިލެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355