twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގާނޫނީ ކޮލަމް: ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގަން ބޭނުންތަ؟

Nov 26, 2020

ލޯކަލް ޓޫރިޒަމްއަކީވެސް މިހާރު ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ހަރަކާތްތެރިވާ ދާއިރާއެކެވެ. ގެސްޓްހައުސްއެއް ހިންގަން ބޭނުންނަމަ ވަކި ޙާއްސަ ހުއްދައެއް ބޭނުންވާނެތޯއެވެ؟ ތިމާއަށް ލިބިފައިވާ ބަންޑާރަ ގޯއްޗެއްގައި ގެސްޓްހައުސްއެއް ހިންގިދާނެތޯއެވެ؟ ނުވަތަ އެހެން މީހެއްގެ ބަންޑާރަ ގޯއްޗެއް ކުއްޔަށް ނަގައިގެން ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގިދާނެތޯއެވެ؟ މިއީ ޓޫރިސްޓް ގެސްޓްހައުސް ހިންގަން ބޭނުންވާނެ ފަރާތަކަށް ކޮންމެހެންވެސް އެނގެންޖެހޭނެ މަޢުލޫމާތެވެ. އެހެންކަމުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ޤާނޫނީ ނަޒަރަކުން ބަލާލަމާތޯއެވެ؟

ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދެވޭނެ ފަރާތްތައް

ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ މިނިސްޓްރީ އޮފް ޓުއަރިޒަމްއިން ދޭނީ ދިވެހި ރައްޔިތުންނާއި، ބިދޭސީން ނުހިމެނޭގޮތަށް އުފައްދާފައިވާ ޕާރޓްނަރޝިޕްތަކަށާއި ކުންފުނިތަކަށެވެ. ނަމަވެސް، ސަރުކާރުން މީހުން ދިރިއުޅުމަށް ދޫކޮށްފައި ހުންނަ ގޯއްޗާއި، ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް މިނސްޓްރީއިން އިޢުލާނުކޮށްގެން ދޫކުރާ ބިމާއި، ސަރުކާރުގެ އެކި އިދާރާތަކަށް ކުއްޔަށްދޭ ބިމުގެ ތެރެއިން، ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ބިމުގައި ގެސްޓްހައުސް ހިންގާ ފަރާތްތައް މީގެތެރެއިން އިސްތިސްނާވެއެވެ.

ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދުން

ޓޫރިސްޓް ގެސްޓްހައުސްއެއްގެ ގޮތުގައި އެއްވެސް ތަނެއް ރަޖިސްޓްރީ ކުރެވޭނީ، އެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ނަގަންޖެހޭ ހުއްދަ ނެގުމަށް ފަހުގައެވެ. މިހުއްދައަށް އެދި ހުށަހަޅަނީ ގެސްޓްހައުސް ހިންގުމަށް އެތަނެއް ކުއްޔަށް ނަގައިގެންއުޅޭ ފަރާތުން ކަމުގައިވާނަމަ، ލިޔުމުން ކުލީގެ އެއްބަސްވުމެއް އޮވުމާއިއެކު، ގެސްޓްހައުސް ހިންގުމަކީ އެ އެއްބަސްވުމުން ހުއްދަކުރާ ކަމެއްކަމުގައިވުމަކީ ލާޒިމުކަމެކެވެ. ހުއްދައަށް އެދި ހުށަހަޅަނީ ޕާރޓްނަރޝިޕަކުން ނުވަތަ ކުންފުންޏަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕެއް ނުވަތަ ކުންފުންޏެއްގެ މަޤްޞަދުގެ ތެރޭގައި، ޓޫރިސްޓް ގެސްހައުސް ހިންގުން ހިމެނިފައި އޮތުން ލާޒިމުކުރެއެވެ. އަދި ޓޫރިސްޓް ގެސްޓްހައުސް ރަޖިސްޓްރީކުރުމަށް ރަޖިސްޓްރޭޝަން ފީއެއް ނަގާނެއެވެ.

ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރުން

ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދުމުން، މިނިސްޓްރީ އޮފް ޓޫރިޒަމްއިން ނުވަތަ އެ މިނިސްޓްރީއިން އައްޔަނުކުރާ ފަރާތަކުން، ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ބޭނުންވާ އިމާރާތް އިންސްޕެކްޓްކޮށް، އެއިމާރާތަކީ ޓޫރިސްޓުން ބޭތިއްބުމަށް ފުރިހަމަވާންޖެހޭ މިންގަނޑުތައް ފުރިހަމަވެ، ކަނޑައެޅިފައިވާ ފަސޭހަތަކާއި ޚިދުމަތްތައް ލިބެންހުރި އިމާރާތެއްތޯ ބަލާނެއެވެ. މިއިންސްޕެކްޝަން ހެދުމަށް ހަމަޖައްސަންޖެހޭ ދަތުރުފަތުރާއި، އެކަމަށް ހިނގާ އެހެނިހެން ޚަރަދަކީ ހުއްދައަށް އެދޭފަރާތުން ދައްކަންޖެހޭނެ ޚަރަދެކެވެ. އަދި ގެސްޓްހައުސް ހިންގާ ފަރާތުން އެދޭކަމެއްގެ ސަބަބުން ގެސްޓްހައުސް އިންސްޕެކްޓް ކުރަންޖެހޭނަމަވެސް، އެކަމުގެ ހުރިހާ ޚަރަދެއްވެސް ދައްކަންވާނީ ގެސްޓްހައުސް ހިންގާ ފަރާތުންނެވެ.

ހުއްދައިގެ މުއްދަތާއި ހުއްދަ އައުކުރުން

ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ ޖުމްލަ 5 އަހަރުގެ މުއްދަތަކަށެވެ. ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދީފައިވާ މުއްދަތު ހަމަވެގެން ހުއްދަ އައުކުރަން ބޭނުންވާނަމަ، މުއްދަތު ހަމަވުމުގެ 60 ދުވަހުގެކުރިން ހުއްދަ އައުކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. އަދި ހުއްދަ އައުކުރާ ޙާލަތުގައިވެސް ޢަމަލުކުރަންޖެހޭނީ، ފުރަތަމަ ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދުނުއިރު ޢަމަލުކުރި އުޞޫލަށެވެ. މިނިސްޓްރީއިން އަލުން ހުއްދައަށް އެދެނީ މުއްދަތު ހަމަވެގެން ނުވަތަ ހިންގާ ފަރާތް ބަދަލުވެގެން ނުވަތަ ހުއްދަ ގެއްލިގެން ކަމުގައިވާނަމަ، އަލުން ހުއްދައަށް އެދޭއިރު 500 ރުފިޔާ ގެ ޖޫރިމަނާ ފީއެއް ނެގޭނެއެވެ. ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ހުއްދައަށް އެދޭ ތަންތަނާއި، ހުއްދަދީފައިވާ ގެސްޓްހައުސްތައް ކޮންމެ ގަޑިއެއްގައިވެސް ބަލާ ޗެކްކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. ގެސްޓްހައުސް ހިންގުމަށް ނަގާފައިވާ ހުއްދަ އެހެންފަރާތެއްގެ ނަމަށް ބަދަލުކުރެވޭނީ އެކަމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން، އެ ހުށަހެޅުމުގައިވާ ކަންކަން ފުރިހަމަވެ ގެސްޓްހައުސް ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތުން ދައުލަތުގެ އިދާރާއަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ނުވަތަ ފައިސާއެއް ދައްކާ ޚަލާޞްކުރުމުންނެވެ.

ހުއްދަ ބާޠިލުވުމާއި ބާޠިލުކުރުން

ހުއްދައިގެ މުއްދަތު އިތުރުކުރުމަށް ހުށަނާޅާނަމަ، ހުއްދައިގެ މުއްދަތު ހަމަވުމުން ހުއްދަ ބާޠިލުވާނެއެވެ. ނަމަވެސް ހުއްދަ އައުކުރުމަށް އެދި ހުށަހަޅައިފިނަމަ، ހުއްދައާއިމެދު މިނިސްޓްރީއިން ވަކި ގޮތެއް އަންގަންދެން ހުއްދަ ބާޠިލެއްނުވާނެއެވެ. ހުއްދަ ބާޠިލުވުމަށްފަހު އަލުން ހުއްދައަށް އެދޭނަމަ އެކަމަށް 500 ރުފިޔާ ގެ ޖޫރިމަނާ ފީއެއް ނަގާނެއެވެ. ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދީފައިވާ ފަރާތަކުން، އެ ގެސްޓްހައުސް ހިންގުން ހުއްޓާލަން ބޭނުންވެއްޖެނަމަ ހުއްދަ ބާޠިލުކުރުމަށް ޓޫރިޒަމް މިނސްޓްރީއަށް ހުށަހަޅަންވާނެއެވެ. މިފަދައިން ހުށަހެޅުމުން، ގިނަވެގެން 7 ދުވަހުގެ ތެރޭގައި ހުއްދަ ބާޠިލުކޮށް ހުށަހެޅިފަރާތަށް އެކަން އަންގާނެއެވެ.

ނިންމުން

ގެސްޓްހައުސް ހިންގުމުގައިވެސް ޤާނޫނުގައިވާ ގޮތުގެމަތިން ހުރިހާ ކަމެއްވެސް ކުރިއަށް ގެންދިއުމަކީ، އެންމެ ރައްކާތެރި ގޮތެވެ. އޭރުން ފަހުން ދިމާވެދާނެ ޤާނޫނީ ހުރަސްތަކުންނާއި މާލީ ގެއްލުންތަކުން ސަލާމަތްވެވޭނެއެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355