twitterviber whatsapp telegramfacebookyoutube instagram
20th April 2024

އިހަވަންދޫގައި ހުންނަ އައިސްޕުލާންޓްގެ ބިމު ކުލި ނަގައި މުއާސަލާތީ ހިދުމަތްދޭ ޓަވަރުތަކުގެ ބިމު ކުލި ބޮޑު ކުރަން ކައުންސިލުން ފާސްކޮށްފި

ނަބީލާ އިސްމާޢީލް
Nov 29, 2020
1

ހއ. އިހަވަންދޫގައި ހުންނަ މިފްކޯ އައިސްޕްލާންޓު ހިންގާ ބިމުން ކުލި ނަގައި މުވާސަލާތީ ހިދުމަތްދޭ ޓަވަރުތައް ހުންނަ ބިމުން މިހާރު ނަގައި ކުލި ބޮޑު ކުރަން އިހަވަންދޫ ކައުންސިލުން ނިންމައިފި އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ މި މަހު 25 ވަނަ ދުވަހު އެކައުންސިލުގައި އޮތް އާންމު ޖަލްސާގަ ކަމަށެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓަކީ 16333 އަކަ ފޫޓުގެ ބިމެއްގައި ހަދާފައިވާ ތަނެއް ކަމަށެވެ. ކައުންސިލުން އެ ބިމުން ނަގަން ނިންމާފައިވަނީ އަކަ ފޫޓަކަށް 10 ރުފިޔާގެ ކުއްޔެކެވެ. އަކަ ފޫޓަކަށް 10 ރުފިޔާ ނަގާނަމަ މަހުކުއްޔަށް 163،330 ރުފިޔާގެ އާމްދަނީއެއް އައިސްޕްލާންޓުން ކައުންސިލަށް ލިބޭނެ އެވެ.

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ މި އައިސްޕުލާންޓަކީ ދުވާލަކު 50 ޓަނުގެ އައިސް އުފެއްދުމުގެ ކެޕޭސިޓީ ހުންނަ ޕުލާންޓެއް ކަމަށާއި މިހާރު މަސްވެރިންނަށް އައިސް ޓަނެއް ވިއްކަނީ 1475 ރުފިޔާގެ ރޭޓުން ކަމަށެވެ.

ކައުންސިލުން ބިމުކުލި ނަގަން ނިންމުމާއި ގުޅިގެން މިފްކޯއިން އައިސް ވިއްކުމުގެ އަގަށް ބަދަލު ގެނެސްފިނަމަ އިހަވަންދޫގައި ރަޖިސްޓްރީކޮށްގެން ދުއްވާ މަސްދޯނި ފަހަރަށް އައިސްގަތުމަށް ސަބްސިޓީގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ.

އިހަވަންދޫގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމަށް ޖަހާފައިވާ ޓަވަރުތައް ހުންނަ ބިންތަކުން ކުލި ބޮޑުކުރަން ވެސް ވަނީ ކައުންސިލުން ނިންމާފަ އެވެ.

އެގޮތުން ދިރާގުގެ 1 ޓަވަރާއި އުރީދޫގެ 2 ޓަވަރު ހުންނަ އިހަވަންދޫގެ ބިމުކުލީގެ ގޮތުގައި ނަގަމުން އަންނަ އަކަ ފޫޓަކަށް 15 ލާރި ނަމަވެސް އަގަށް ގެންނަށް ނިންމި ބަދަލާއެކު އަކަ ފޫޓަކަށް 60 ލާރި ނެގުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ލާމަރުކަޒީ އުސޫލުން ކައުންސިލުތަކުގެ ހިންގުމަށާއި ރަށުގެ އުމުރާނީ ތަރައްގީއަށް ފައިދާވާނެ ފަދައިން، ވިޔަފާރީ އުސޫލުން ބޮޑު ފައިދާގައި ހިންގާ ކުންފުނިތަކުގެ ބިމު ކުލީންގެ ގޮތުގައި ކައުންސިލު ތަކަށް ލިބެން ޖެހޭ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް އޮންނަން ވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355