މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުޅުދުއްފުށީގައި މަސްތުވާތަކެތީގެ އޮޕަރޭޝަން ހިންގައި މީހަކު 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނަކީ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެކަމަށެވެ.
ފުލުހުން ބުނީ އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ކުޅުދުއްފުށީ ބަނދަރުމަތިން 18 އަހަރުން ދަށުގެ ކުއްޖަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ.
މި ކުއްޖާއާ ބެހޭ އެއްވެސް ވަނަވަރެއް ފުލުހުން ހާމަކޮށްފަ އެއްނުވެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި އިއްޔެ މަހިބަދޫއިންވެސް ފުލުހުން ވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އެމީހާ ބަލާ ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ތިން ރަބަރު ޕެކެޓާއި ސެލޯފިންކޮޅެއް ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.
މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.