ދަތުގައި ރިއްސުމަކީ ވޭން ހުރި ކަމެއްކަން އެނގޭނީ އެ ވޭން ތަހައްމަލު ކުރި މީހަކަށެވެ. އަޑު އިވޭ ގޮތުގައި އެއީ ހަމަ ބުއްދިވެސް ފިލައިދާހާ ވޭންހުރި ކަމެކެވެ.
ދަތެއްގައި ރިއްސުމަކީ ހަމަ އެކަނި ސާފުތާހިރު ނުވެގެން ނުވަތަ ދަތް ފަނި ކެއުން ފަދަ ކަމެއް ދިމާވެގެން އެކަނިވާ ކަމެއް ނޫނެވެ. މިނޫން ކަމެއް މެދުވެރިވެގެންވެސް ދަތެއްގައި ރިއްސަފާނެ އެވެ. ނަމަވެސް މުހިންމު އަދި އެންމެ ބުއްދިވެރިގޮތަކީ އަބަދުވެސް ދަތްތައް ސާފުކޮށް ބެހެއްޓުމެވެ.
ރާއްޖޭގެ ކޮންމެ ތާކުން ދަތުގެ ފަރުވާ ލިބޭކަށް ނުހުރެއެވެ. ލިބޭ ތަނަކުންވެސް އެ ފަރުވާ ހޯދުމަށް ދިގު ކިއު އަކަށް އެރުން ފަދަ ތަކުލީފުތަކާއިވެސް ކުރިމަތިލާން ޖެހެއެވެ. އެހެން ކަމުން އެ ވޭނަށް ކުޑަނަމަވެސް ލުޔެށް ގޭގައި ހޯދިދާނެ ގޮތެއް ފެނޭތޯ ބަލާލަމާ ހިނގާށެވެ.
ލޮނު ފެނުން އަނގަ ދޮވުން:
ތާފަނާ ފެން ތައްޓެއްގެ ތެރެއަށް ލޮނުކޮޅެއް އަޅައި އަނގަ ދޮންނާށެވެ. އަނގައިގެ ތެރޭގައި ފެން ދައުރުކުރުން ހިރުގަނޑުގައި އުފެދިފައި ހުންނަ އިންފެކްޝަންގެ އަސަރު ކެނޑި ނުވަތަ އަސަރު ކުޑަވުމުގެ އިތުރުން ދަތުގެ ދޭތެރެތަށް ސާފުވުމަށް އެހީވެދެ އެވެ. އެހެން ކަމުން މިގޮތަށް ހެދުމުން ރިހުން ކުޑަކޮށްދެ އެވެ.
ކަރަންފޫ:
ދަތެއްގައި ރިއްސާ ނަމަ އަނގަޔަށް ކަރަންފުލެއް ލައިގެން ހަފާލީމައި ރިހުމަށް ލުއެއް ލިބޭކަން ފަހަގަވާކަމުގައި ގިނަ ބަޔަކު ބުނެއެވެ. ހިރުގަނޑުގައި އިންފެކްޝަން އުފެދުމުގެ ފުރުސަތު ކަރަންފުލުގެ ސަބަބުން ކުޑަކޮށްދޭނެ އެވެ. ދަތެއްގައި ރިއްސާ ނަމަ ކަރަންފޫ ބޭނުންކުރުމުން، ދަތުގެ ރިހުމުގެ ސަބަބުން އަންނަ އައްސިކަން ވެސް ކަނޑުވައިދޭނެ އެވެ. ކަރަންފޫ ބޭނުންކުރެވިދާނެ އިތުރު ގޮތްތަކުގެ ތެރޭގައި ރީތިކޮށް ހިމުންކޮށް ރިހުން ކަނޑުވާ ތެލެއް ކަމަށްވާ ކްލޯވް އޮއިލް އާއި އެއް ކުރުމަށް ފަހު ރިހޭ ދަތެއްގައި ހާކާލެވިދާނެ އެވެ. ކަރަންފޫ ހިމުން ކުރުމަށް ފަހު ކްލޯވް އޮއިލް އާއި އެއް ކުރުމަށް ފަހު ކަފަ ބުރަކުން ރިހޭ ދަތުގައި ޖެއްސުމުން ދަތުގަ ރިހުމަށް ލުއިވާނެ އެވެ.
ލޮނުމެދު:
ދަތުގައި ރިއްސާ ނަމަ ލޮނުމެދަކީ ވެސް އަވަސް ހައްލެއް ލިއްބައިދޭ އެއްޗެކެވެ. ލޮނުމެދެއް ޗިސްކޮށްފައި ކުޑަކުޑަ ލޮނުކޮޅާ އެއްކޮށްލުމަށްފަހު ރިއްސާ ދިމާލުގައި ހާކާލުމުން ވެސް ލުއިވާން ފަށާނެ އެވެ. މިކަން ކަމަކީ ދަތެއްގައި ރިއްސާ ނަމަ އަމިއްލަ އަށް ކުރެވިދާނެ ކަންކަމެކެވެ.
މި ކަންތައް އަމިއްލަޔަށް ކުރިނަމަވެސް ވީ އެންމެ އަވަހަކަށް ދަތުގެ ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދައި ފަރުވާ ކުރަންވާނެ އެވެ.