twitterviber whatsapp telegramfacebookyoutube instagram
18th April 2024

ސައްހަ ނޫން ޓްރާންސްފާ ސްލިފް ފޮނުވާ މައްސަލަ ބޮޑުވެ ސަމާލުވާން އެދިއްޖެ

ނަބީލާ އިސްމާޢީލް
Dec 3, 2020

ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ޓްރާންސްފަރ ސްލިޕް ހަދައި ވައިބާކޮށް އޮޅުވާލައި މަކަރާއި ހީލަތުން މުދާ ހޯދަމުންދާ މައްސަލަތައް ގިނަވެ ސަމާލުވާން ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން ބުނީ މިފަދަ މީހުން ސްލިޕް އެޑިޓްކޮށް އޭގެ ތާރީހާއި ވަގުތާއި ގަންނަން ބޭނުންވާ މުދަލަށް އަރާވަރު އެޑިޓްކުރާކަން ފާހަގަވެފައިވާ ކަމަށެވެ.

އަދި އެ ސްލިޕްގައި ޖަހާފައިވާ ގަޑީގެ ދެތިން މިނެޓް ކުރިން އެ ސްލިޕްގެ އަގަށްވާ ތަކެތި ނަގަން ފިހާރައަށް ގޮސް ވިޔަފާރި ކުރުމަށްފަހު ފައިސާ ދައްކަން ބުނުމުން، ފައިސާ ވެސް އެކައުންޓަށް ފޮނުވައި ސްލިޕް ވައިބާ ކުރާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފިހާރައިގެ ފޯނަށް ޓްރާންސްފާ ސްލިޕް ވައިބާ ކުރުމުން، އެ ފައިސާ އެކައުންޓަށް ޖަމާވޭތޯ އާންމުކޮށް ނުބަލާ ކަމަށާއި ސްލިޕްގައި އިންނަ އެކައުންޓްގެ ނަންބަރު ރަނގަޅުތޯ ވެސް ބައެއް ފަހަރު ކަށަވަރު ނުކުރާކަމަށް ފުލުހުން ފާހަގަ ކުރެ އެވެ.

މިފަދަ ގޮތަކަށް ވައްކަންކުރާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް ފުލުހުން ބުނީ ވައްކަން ކުރާ ވަގުން މޮޅެތި އުކުޅުތައް އީޖާދުކޮށް ޒަމާނާ އެއްގޮތަށް ވައްކަންކުރުން ވެސް ތަރައްގީ ކުރަމުންދާ ކަމަށެވެ.

މި އުކުޅުތަކަށް ވިޔަފާރިވެރިންނާއި ސޭޓުން ވަރަށް ރަނގަޅަށް ސަމާލުވެ ޒަމާނީ ވަސީލަތްތަކާއެކު ވިޔަފާރީގެ ފަސޭހަކަން ބޭނުންކުރި ނަމަވެސް މިފަދަ ކަންކަމުގައި ފަރުވާ ކުޑަ ނުކުރުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.

އޮންލައިންކޮށް ވިޔަފާރިކުރުމަށް ފަހު ފޮނުވާ ސްލިޕްތައް ފޮނުވުމުން އެކައުންޓަށް ޖަމާވެފައިވޭތޯ އާއި އެކައުންޓް ނަންބަރު ރަނގަޅުތޯ ވަގުތުން ބަލާ، އޮންލައިން ޓްރާންސްފާ ކޮށްފިނަމަ ކަސްޓަމަރުގެ މައުލޫމާތު ނޯޓުކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.

މި ގޮތަށް އަމަލުކުރަން ޖެހެނީ ވައްކަން ކުރުމުގެ ފުރުސަތު ހަނި ގޮތަކަށް ނަމަވެސް ނުދިނުމުގެ ގޮތުންކަމަށާއި އެހެން ނޫނީ ފަހުން ލިބޭ ގެއްލުން މާބޮޑުވާނެ ކަމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355