twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް 82 ހާސް ފަތުރުވެރިން އައިސްފައިވޭ

ޚަދީޖާ އާދަމް
Dec 5, 2020

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށްފަހު ޖުލައި 15 ގައި ހުޅުވާލިފަހުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 82،902 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އަންމުކުރި ތަފާސް ހިސާބަށް ބަލާއިރު މިއަހަރުގެ ޖެނުއަރީ އިން ޑިސެމްބަރު ހަތަރެއްގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 465,749 އެވެ.

މި ހިނގާ ޑިސެމްބަރު މަަހަށް ބަލާއިރު އެއްވަނަ ދުވަހު 2،031 ފަތުރުވެރިން ދެވަނަ ދުވަހު 1،455 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ތިންވަނަ ދުވަހު 1،604 ފަތުރުވެރިން އައިސްފައިވާއިރު އިއްޔެ 1،671 ފަތުރުވެރިން ރާއްޖެ އައި ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ. އެ ގައުމުން ޖުމްލަ 46,065 ފަތުރުވެރިން އައި އިރު، ބޯޑަރު ބަންދުކުުރުމަށްފަހު އަލުން ހުޅުވާލި ފަހުން ރަޝިއާ އިން އައި ފަތުރުވެރިންގެ އަދަދު 17,404 އަށް އަރައެވެ.

ބޯޑަރު ހުޅުވާލިފަހުން ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިންނެވެ. އިންޑިއާއިން މި އަހަރުތެރޭ ރާއްޖެ އައި ފަތުރުވެރިންގެ ޖުމްލަ އަކީ 44,268 އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުވެރިކަމަށް ބޮޑު ހީނަރުކަމެއް ވަނީ އައިސްފައެވެ. ބޯޑަރު ހުޅުވާލިތާ ފުރަތަމަ ދުވަސްކޮޅު އަންދާޒާ ކުރި މިންވަރަށް ފަތުރުވެރިން އައިސްފައި ނުވާނަމަވެސް ފިނިމޫސުމާއި އާ އަހަރުގެ ޗުއްޓީ އާއި ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ.

ރާއްޖެ އަށް އެއާލައިންތަކުން ކުރާ ދަތުރުތައްވެސް އިތުރުވެފައިވާއިރު އިތުރު އެއާލައިންތަކުންވެސް އަންނަނީ ރާއްޖެއަށް ދަތުރުތައް ފަށަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355