ކޮވިޑް-19އާ ގުޅިގެން ކުރާ މަސައްކަތުގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތާބުގައި ރައީސް ސޯލިހު ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު، އެކަމާ ދެކޮޅަށް މަސައްކަތްކުރަމުން އައިސްފައިވަނީ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ކަމަށެވެ.
އެގޮތުން ބަލިޖެހޭ މީހުންނަށް ފަރުވާކުރުމާއި، އެކަހެރިކުރުމާއި ކަރަންޓީނު ކުރުމުގައިވެސް، ދިވެހި ދައުލަތުގެ ފަރާތުން އަމަލުކުރަމުން އަންނަނީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، ދިވެހި ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތުކުރުމެއް ނެތިކަން ރައީސް ވިދާޅުވިއެވެ. އަދި އެކަމުގައި އިންސާނަކަށް ވީތީ ލިބެންޖެހޭ އަސާސީ ހައްގުތައް ފުރިހަމައަށް ލިއްބައިދިނުމަށް ސަރުކާރުން އިސްކަންދޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައިވެސް، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ވާނީ ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެ އިންސާނީ ޙައްޤުތައް، އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ރައްކާތެރިކޮށްދިނުން ކަމަށެވެ.
ހާއްސަކޮށް ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ދިވެހިންނަށް ވަޒީފާ ހޯދޭނެ ގޮތްތަކަށް މަގުފަހިކޮށްދީ، ދިރިއުޅުން އަލުން އާރާސްތު ކުރުމަށް މަސައްކަތްކުރުމަކީ މިހާރު އެކުލަވައިލާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭން 2020-2022 ގައިވެސް، ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮވިޑްގެ ސަބަބުން އާއިލާތަކަށާއި މުޖުތަމައަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކާއި ނަފްސާނީ ހިތްދަތިކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި އެންމެންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި މިފަދަ ދަތި އުނދަގޫ ކޮންމެ ދަނޑިވަޅެއްގައި ދިވެހިންގެ ކިބައިގައި ހުންނަ އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް ކުރިއަށް ނެރެ އެންމެން ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ ކޮވިޑްގެ ގެއްލުންތަކުން އަރައިގަތުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.