މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށާއި އެ މަސައްކަތްތަކުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބް ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ބައެއް ރަށްރަށާއި ފުވައްމުލައް ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އައްޑޫ ސިޓީގެ ހިތަދުއަށް ވަޑައިގަންނަވާ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
ނައިބު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް އަދި މުޅި ސަރުކާރު ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް އަމާޒަކީ ރާއްޖޭގެ އެކި އަތޮޅުތަކާއި ރަށްތަކުގައި ފޯރުކޮށްދެމުންދާ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް އެ ދާއިރާ ތަރައްގީ ކުރެއްވުން ކަމުގައެވެ. އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ބައެއް ދަތިތައް ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެ ކަންކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.
ނައިބް ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ވެސް ފަސޭހަކަމާއެކު ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެސްޓީއޯ މެދުވެރިކޮށް މިހާރު ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމުގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ހޯދޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސްގެ އަރިހުގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދުދީދީ، އަދި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރުގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިޤާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.