2030 ވަނަ އަހަރަށް ބޭރުގެ ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެނަމަ ރާއްޖެއަށް "ނެޓް ޒީރޯ" އާއި ހަމައަށް ވާސިލުވެވިދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޕެރިސް އެއްބަސްވުމަށް ފަސްވަނަ އަހަރުފުރުން ފާހަގަކުރުމަށް އ.ދ އިން އޮންލައިންކޮށް ބޭއްވި ކްލައިމެޓް އެމްބިޝަން ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭގައި މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން 2030 ވަނަ އަހަރުގެ ނިޔަލަށް، ޖައްވު ހޫނުކުރާ ވިހަގޭސްތައް ރާއްޖޭގައި ބޭނުންކުރާ މިންވަރުގެ ހަތަރުބައިކުޅަ އެއްބައި ނައްތާލެވޭނެކަމަށެވެ.
އަދި ރާއްޖެއިން އޮތީ މޫސުމީ ކަންކަމަށް އަންނަ ބަދަލުތައް ދެނެގަނެ އެކަން ކުޑަކުރުމަށް ކުރާ މަސައްކަތުގައި ކުރިމަތިވާނެ ދަތިތަކާއި ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި އެހެން ގައުމުތަކާއި ހިލާފަށް ރާއްޖެއަކީ މިހާރުވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރަމުންދާ ގައުމަކަށްވާތީ އެކަންކަން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުއްވުމަށް ރާއްޖެއަށް މަޖުބޫރުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
2030 ވަނަ އަހަރުގެ ނިޔަލަށް، ޖައްވު ހޫނުކުރާ ވިހަގޭސްތައް ރާއްޖޭގައި ބޭނުންކުރާ މިންވަރުގެ ހަތަރުބައިކުޅަ އެއްބައި ނައްތާލެވުމަކީ ރަނގަޅު ފެށުމެއްކަމުގައި ދެކިގެން މުސްތަގުބަލުގައި މިހާރަށްވުރެ ބޮޑު ތަސައްވަރަކާއިއެކު މަސައްކަތްކުރައްވާނެކަމަށާއި ދަ ލަނޑުދަނޑިއެއް ހާސިލުކުރާއިރު ބޭރުގެ ފަރާތްތަކުން މީގެ ކުރިން ރާއްޖެފަދަ ގައުމުތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފަންނީ އަދި މާލީ އެހީތެރިކަން ބޭނުންވާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ތަހައްމަލުކުރަންޖެހޭނެ ފަދަ ނާޒުކު ފައްތަރެއްގައިވާ ގައުމަކަށް ވުމާއެކު، ޖައްވަށް ބޭރުކުރާ ވިހަގޭސްތައް މަދުކުރުމުގައި ރާއްޖެއަކީ ނަމޫނާ މަސައްކަތްތަކެއްކުރާ ގައުމަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.