ކޮވިޑް-19 ގެ މި އަހަރަކީ އެކިއެކި ގޮތްގޮތުން ކިޔަވައި ދިނުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަަކަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެކެވެ. ސްކޫލް ކްލާސް ރޫމްތަކުގެ ބަދަލުގައި ޓީޗަރުންނަށް ދަރިވަރުންނާއި ބައްދަލުކުރަން ޖެހުނީ ސްކްރީނުގެ ފުރަގަހުންނެވެ. އެހެން ކަމުން ކުރީ އަހަރުތަކުގައި ދަރިވަރުންނަށާއި ޓީޗަރުންނަށް އަމާޒުކޮށްގެން ގެންދިޔަ ހަރަކާތްތައް މިއަހަރު ވަނީ ހުއްޓިފައެވެ.
ނަމަވެސް ނޮޅިވަރަންފަރު ސްކޫލުން ވަނީ އެ ސްކޫލުގެ މުވައްޒަފުންގެ ގުޅުން ބަދަހިކޮށް ވާދަވެރި މާއުލެއްގައި މަސައްކަތް ކޮށްލެވޭނެ ހާއްސަ ހަރަކާތެއް ހިންގާފައެވެ. ސްކޫލްގެ ހުރިހާ މުވައްޒަފުން އެއްކޮށްލައިގެން 3 ޓީމަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ބަގީޗާ ހެއްދުމުގެ މި ޕްރޮގްރާމުގެ މަގުސަދަކީވެސް ސްކޫލުތެރެ ފެހިކޮށް މުވައްޒަފުންގެ މެދުގައި އޮތް ގުޅުން ބަދަހި ކުރުންކަމަށް ކޭއޯއަށް މައުލޫމަތު ދެމުން އެ ސްކޫލްގެ ޕްރިންސިޕަލް އަލީ އަހުމަދު ވިދާޅުވި އެވެ.
ވަނަވަނަ ވެސް ހޮވި މި ހަރަކާތުގައި ވަނަތައް ހޮވާފައިވަނީ ގްރޭޑް 9،10 ގެ ދަރިވަރުންނާއި މުވައްޒަފުން ވޯޓުލައިގެންނެވެ. މީގެ އިތުރުން ބަގީޗާތަކަށް އިންސާފު ކުރުމަށް ރަށުގެ ބައެއް މުވައްސަސާތަކުގެ ވެރިންވެސް ޒިޔާރަތް ކުރިކަމަށް އަލީ ވިދާޅުވި އެވެ.
އެގޮތުން އެއްވަނައަށް ގޮސްފައިވަނީ ލޯރަލް ގާޑެންއެވެ. ދެވަނައަށް މެދު މައިޒާން ގޮސްފައިވާއިރު 3 ވަނައަށް ހޮވިފައިވަނީ ގޯލްޑެން ބްލޫމް އެވެ. ޕްރޮގްރާމް ނިމި ވަނަވަނަ ހޮވާފައިވީ ނަމަވެސް ގްރޫޕަތަކުން ބަގީޗާތައް ބަލަހައްޓަމުން ދާނެކަމަށް އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ މިއީ މި ޕްރޮގްރާމް ހިންގުނު ދެވަނަ އަހަރު ކަމަށާއި ނަމަވެސް މިދިޔަ އަހަރަށް ވުރެ މި އަހަރު ބަގީޗާ ބޮޑު ކަމަށެވެ. ގަސް އިންދުމުން ފެށިގެން ބަގީޗާތަކުގައި ބޭނުން ކޮށްފައިވާ އެހެން ހުރިހާ ސާމާނެއްވެސް ހޯދާފައިވަނީ މުވައްޒަފުން އަމިއްލައަށްކަން އަލީ ފާހަގަ ކުރެއްވި އެވެ.