twitterviber whatsapp telegramfacebookyoutube instagram
6th May 2024

އިންތިހާބު ބޭއްވުމުގެ ހުއްދަ މި ހަފްތާތެރޭ އެޗްޕީއޭއިން ލިބޭނެ: އީސީ

ޚަދީޖާ އާދަމް
Dec 14, 2020

މާޗު މަހު 6 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ މި ހަފްތާގައި އެޗްޕީއޭއިން ލިބޭނެކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއެއްގައި ޝަރީފު ވިދާޅުވީ އެޗްޕީއޭއިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތް އޮތުން ބާތިލު ނުކުރިނަމަވެސް އެޗްޕީއޭއިން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފިނަމަ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް ގާނޫނުގައި ބުނާކަމަށެވެ.

ވަކި ތާރީހެއްގެ ކުރިން އިންތިހާބު ބޭއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުއްދަ ނުދޭނަމަ މަސައްކަތް ނުފެށޭނެކަމަށާއި އެކަމާއިގުޅިގެން އެޗްޕީއޭއާއި މަޝްވަރާކުރައްވަމުން ގެންދަވާކަމަށްވެސް ޝަރީފު ވިދާޅުވި އެވެ. އަދި އެޗްޕީއޭއިން ނުރަސްމީކޮށް ކަނޑައެޅިފައިވާ ތާރީހަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެފައިވާކަމަށެވެ.

ކައުންސިލް އިންތިހާބާއި ބެހޭ ވަގުތީ ގާނޫނުގައި ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ފަށަންވާނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ކޯވިޑް-19 އާ ގުޅޭގޮތުން އިއުލާނުކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ހާލަތެއް ނިމުމަކަށް ގެނައުމަށްފަހު އިންތިހާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެކަމެއް ނޫންކަމުގައި ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައެޅުމަށްފަހުގައިކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އިންތިހާބު ފަސްކުރުމަށް ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގެ ނަމުގައި ވަގުތީ ގާނޫނެއް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާވަނީ ތަސްދީގްކުރައްވާފައެވެ. މި ގާނޫނު ބުނާގޮތުން އަންނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވާ ނިންމަންޖެހެއެވެ.

ގާނޫނުގައި ބުނާ ތާރީހުގެ ކުރިން އެކޮމިޝަނުން ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން 60 ދުވަހުގެ ކުރިން ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުމާއި 28 ދުވަސް ކުރިން ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ދިނުންފަދަ ކަންކަން ހިމެނޭކަމަށް ޝަރީފު ވިދާޅުވި އެވެ.

އެހެންކަމުން ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހާއި ޖެނުއަރީ މަހުގެ 5 ވަނަ ދުވަހާ ދެމެދުގެ މުއްދަތެއްގައި އިންތިހާބު ބާއްވަން ކުރަންޖެހޭ މަސައްކަތްކުރުމުގެ ހުއްދަ އެޗްޕީއޭއިން ދިނުމުން މެނުވީ ކަނޑައެޅިފައިވާ ތާރީހަށް އިންތިހާބު ނުބޭއްވޭނެކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަކީ މި އަހަރު އޭޕްރިލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހުނު އިންތިހާބެކެވެ. ނަމަވެސް ކޮވިޑް-19އާއި ގުޅިގެން މިހާރު އޮތް ކައުންސިލް ދައުރު ދަންމާލާ އިންތިހާބު ލަސް ކުރުމަށް ނިންމީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355