ކޮވިޑް-19 އާއި ގުޅިގެން މިދިޔަ ހަފްތާ ދައުލަތުން ކުރި ހޭދައިގެ ބޮޑު އިންސައްތައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީ އިން ކަމަށާއި ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކައިފި އެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑު ހޭދައަށް ޖުމްލަ 2.72 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެތެރެއިން 1.34 ބިލިއަން ރުފިޔާ އަކީ ސިއްހީ އަދި އިޖުތިމާއީ ދާއިރާ އަށް ކުރި ހަރަދުތަކެވެ.
ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު ގެންދަނީ ދައުލަތުން ކޮވިޑް-19 އާއި ގުޅިގެން ކުރާ ހަރަދުތަކުގެ މައުލޫމާތު އާންމު ކުރަމުންނެވެ. . ފިނޭންސް އިން ބުނީ ހަފްތާ އިން ހަފްތާ އަށް ބަލާނަމަ، މިދިޔަ ހަފްތާ އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީ އިން ކަމަށެވެ.
މިދިޔަ ހަފްތާ މި ދާއިރާ އަށް ކުރި ހަރަދުތައް އޭގެ ކުރީ ހަފްތާ އާއި އަޅަބަލާއިރު 0.4 ޕަސެންޓް ވަނީ އިތުރުވެފައިވެ އެވެ. އެގޮތުން ހެލްތު މިނިސްޓްރީ އިން 5.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އެ މިނިސްޓްރީގެ ހޭދައިގެ ބޮޑުބަޔެއް ކޮށްފައިވަނީ އޮޕަރޭޝަނަލް ކަންތަކަށް އަދި މުވައްޒަފުންނަށް ދޭ އެލަވެންސް އަށެވެ.
ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 3.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް ސެންޓަރުގެ ދަށުން ކުރާ މަސައްކަތްތަކުގައި އުޅޭ ފަރާތްތަކަށް އެލަވެންސް ދިނުމަށް 36 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
މީގެ އިތުރުން އެމްއެންޑީއެފްގެ މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 24 މިލިއަން އަދި ފުލުހުންނަށް އެލަވެންސް ދިނުމަށް 20.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ކޮވިޑް-19އާ ގުޅޭ އިގްތިސާދީ ކަންތައްތަކަށް 1.38 ބިލިއަން ރުފިޔާ މިދިޔަ ހަފްތަގެ ނިޔަލަށް ހޭދަކޮށްފައިވެ އެވެ.