މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ޓްރޭޑިން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްގެން ކުޅުދުއްފުށީ ހިއްކި ބިމުގައި ގާއިމް ކުރި ބަނދަރު މަސައްކަތް މިމަހު 10 ވަނަ ދުވަހު ވަނީ ނިންމާލާފަ އެވެ. އެ ކުންފުންޏާ ހަވާލުކޮށްގެން ކުރި މަސައްކަތްތައް ނިންމާލައި މިހާރު ދަނީ ސައިޓް ރޫޅުމުގެ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް ބަނދަރުގެ މަސައްކަތް ނިމުނުއިރު އެތަނުގައި ކަރަންޓާއި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްވެފައި ނެތުން މިވަނީ ގިނަ ބައެއްގެ ކަންބޮޑުވުމަކަށްވެފަ އެވެ. ގިނަ ރަށްރަށުގައި ބަނދަރުގެ މަސައްކަތް ނިމޭއިރު ކަރަންޓާއި ނަރުދަމާގެ މުހިންމު މަސައްކަތްވެސް ހުންނަނީ ނިމިފަ އެވެ. އެ މަސައްކަތްތައް ކުރަނީ އެކަމާ ގުޅުން ހުރި މުވައްސަސާތައް ކަމަށްވާ ފެނަކަ އާއި އެމްޑަބުލިއުއެސްސީންނެވެ.
ބަނދަރުގެ މަޝްރޫއުގެ ތެރެއިން ފެރީ ޓާމިނަލްއަކާއި މަސްމާރުކޭޓެއް އިމާރާތްކޮށް ނިންމިފައިވީނަމަވެސް އެތަންތަނަށް ކަރަންޓާއި ނަރުދަމާ އަދިވެސް ގުޅާފައެއް ނުވެ އެވެ. އެހެން އެ އިމާރާތްތައް ބޭނުން ނުކޮށް ގިނަ ދުވަހު ހުރެއްޖެނަމަ އެތަންތަން އަވަހަށް ހަލާކުވުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
ކައުންސިލްގެ ޒިންމާގެ ދަށުން އެތަނުގައި ނަރުދަމާއާއި ފެނުގެ ނިޒާމް އަދި ކަރަންޓް އެޅުމަށް މަގުތައް ހަދައި އެ މަގުތައް ދައްކަން ޖެހެ. އެ މަސައްކަތް ކައުންސިލް ނިންމާފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކުޅުދުއްުފުށީ ކައުންސިލްގެ ރައީސް އަބްދުލަތީފް ހަސަން ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފުރަތަމަ މި މަސައްކަތް ލަސްވެގެން ގޮސްފައިވަނީ ކުރެހުން ނެތުމުން ކަމަށާ ނަަމަވެސް މިހާރު މަގުތައް ހަދައި ފާހަގަކޮށްފައިވާ ކަމަށެވެ.
އެގޮތުން ލަތީފް ވިދާޅުވީ، މިހާރު އޮތީ އެ ކުންފުނިތަކަށް މަސައްކަތް ފެށޭވަރަށް ކަންކަން ހަމަޖެހިފައިކަމަށާއި ކައުންސިލުންވެސް ކަމާބެހޭ އިދާރާތަކަށް އެ މަސައްކަތްކުރުމަށް އެދިފައިވާނެކަމަށް ލަތީފް ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ލަސްވެގެން ގޮސްފައިއެވަނީ މަގުތަކުގެ ކުރެހުން ނެތީމަ. ދެން މިހާރު އެހެންނަމަވެސް މަގުތައް ދެއްކިފަ އެވަނީ. މިހާރު އެމްޑަބްލިއުއެސްސީ ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަންވެފައި މިހާރު އެއޮތީ. މުޅި އެތި ލަސްވެފައި އެވަނީ އެމްޑަބްލިއުއެސްސީގެ މައްސަލައަކުން ނޫން. ނަމަވެސް މިހާރު މިވަގުތު އެއޮތީ އެމްޑަބްލިއުއެސްސީ އެމަސައްކަތް ކޮށްފިއްޔާ އެކަން ކުރެވޭ ހާލަތުގައި." ލަތީފް ވިދާޅުވި އެވެ.
ބަނދަރުގެ މަޝްރޫއު ނިމިފައިވީ ނަމަވެސް ބަނދަރު، ކައުންސިލާ ހަވާލުކުރާނެ ސީދާ ދުވަހެއް ނޭނގޭކަމަށް ލަތީފް ވިދާޅުވި އެވެ. މި ބަނދަރަކީ އޭޑީބީގެ އެހީގައި ހަދާފައިވާ ބަނދަރެކެވެ.