twitterviber whatsapp telegramfacebookyoutube instagram
24th April 2024

އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޓީސީސީން އަދާކުރަނީ ނަމޫނާ ދައުރެއް: ރައީސް

ނަބީލާ އިސްމާޢީލް
Dec 19, 2020

ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އުފެއްދީ ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކެއް ވީހާ އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައިކަމަށާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމުގައި، އެމްޓީސީސީން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އެމްޓީސީސީއަށް 40 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ދެއްކި "ކާމިޔާބު 40" ޓީވީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ހުރަސްތަކާ އެކުވެސް، ނިމިގެން މިދާ އަހަރަކީ، އެމްޓީސީސީގެ މުޅި ތާރީހުގައި ވެސް އެންމެ ފައިދާ ބޮޑު އަހަރުކަން ފާހަގަކުރައްވައި، މިދިޔަ 40 އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މުހިންމު ހިދުމަތްތަކުގެ އަގު ވަޒަންކޮށް، ކުންފުނި މެދުވެރިކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ޝާމިލްވި، ހުރިހާ ބޭފުޅުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެ މަނިކުފާނު ވަނީ ކޮވިޑް-19ގެ ސަބަބުން، ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމުން އަރައިގަތުމުގައި، ތަރައްގީގެ މުޅިން އާ މަސައްކަތްތަކެއް ބާރު ދުވެލީގައި ކުރިއަށް ގެންދަންޖެހިފައިވާ ކަމުގައި ވިދާޅުވެފައެވެ. މި ގޮތުން، ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އިސްކަން ދީގެން އަންނަ އަހަރުގެ ތެރޭގައި ރަށްރަށުގައި ހިންގަން ހަމަޖެހިފައި ހުރި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އެ މަޝްރޫއުތަކުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކުރެވޭ މަޝްރޫއުތައް ކަނޑައެޅިފައިވާ ތާރީހުތަކަށް ނިންމައި، ކުންފުންޏާ މެދު އުފެދިފައިވާ އިތުބާރާއި ޔަގީންކަން ދަމަހައްޓާނެކަން ޔަގީންކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ހުރަސްތަކާއި އެކުވެސް މި އަހަރުގެ ފުރަތަމަ 9 މަހުގެ ނިޔަލަށް ޓެކުހަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް ލިބުނު ފައިދާ 140 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވުމަކީ ކުންފުނީގެ ހިންގުންތެރިކަމާއި މާލީ ރޭވުންތެރިކަން ހަރުދަނާކުރެވިފައިވާ ކަމުގެ ހެއްކެއްކަމުގައެވެ.

ކުރިއަށް އޮތް އަހަރުގެ ތެރޭގައި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް ހާއްސަ އިސްކަމެއް ދޭން ސަރުކާރުން ނިންމަވާފައިވާކަމަށާއި އެއީ ލާމަރުކަޒީ ނިޒާމުން އަސާސީ ހިދުމަތްތައް ދިނުމުގެ މުހިންމުކަން ކުރިއަށް ވުރެ އެތައް ގުނައެއް މިހާރު ބޮޑުވެފައިވާ ކަމަށް ގަބޫލުކުރެވޭތީކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ގޮތުން ރާއްޖޭގައި މިހާރު ވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ހިދުމަތަކީ ދަތުރުފަތުރުގެ ހިދުމަތްކަމުގައި ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ޤަސްދުކުރާ އެންމެ މުހިންމު އެއް މަޝްރޫއަކީ، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްކަމުގައެވެ.

އަދި ސަރުކާރުގެ އެއް ވިސްނުމަކީ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުންކަމަށާއި، މި ކަމުގެ މަޝްވަރާތައް ޕްލޭނިން މިނިސްޓްރީއިން ވަރަށް އަވަހަށް އެމްޓީސީސީއާ އެކުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ހިދުމަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގޮތުން މި ސަރަހައްދުގެ ބަހުގެ ހިދުމަތް ދިނުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355