އަންނަ ޖެނުއަރީމަހު ފެށިގެން އިންޑިއާގައި ކޮވިޑް-19 އަށް ވެކްސިން ދޭން ފަށަން ތައްޔާރުވެފައިވާ ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ އެގައުމުގައި ދޭން ފަށާ އެންޓި ވައިރަސް ވެކްސިންތަކަކީ ވޮލިންޓިއަރީ ވެކްސިންތަކެއް ކަމަށާއި ވެކްސިން ޖެހުމަށް ސަރުކާރުން މަޖުބޫރު ނުކުރާނެ ކަމަށެވެ.
މިނިސްޓްރީއިން ބުނެފައިވަނީ އިންޑިއާގައި ހަ ކުންފުންޏެއްގެ ފަރާތުން އުފައްދާ ވެކްސިން ދޭނެކަމަށާ، އެގޮތުން ބައެއް ވެކްސިންތައް އަދި އުޅެނީ ޓްރައިއަލް މަރުހަލާގައި ކަމަށް މިނިސްޓްރީއިން ބުނެއެވެ.
އިންޑިއާގައި ދޭނެ ވެކްސިންތަކަކީ ބަރަތު ބަޔޯޓެކް އާއި އައިއެމްސީ އިން ގުޅިގެން އުފައްދާ ވެކްސީން، ޒައިޑަސް ކެޑީލާ އިން އުފައްދާ ވެކްސިން، ޖެނޯވާ އޮކްސްފޯޑް އިން އުފައްދާ ވެކްސިން، އިންޑިއާގައި އުފައްދަމުން ގެންދާ ރަޝިއާގެ ސަޕްޓްނިކް ވީ ވެކްސިން، ހައިދުރަބާދުގައި ހުންނަ ބަޔޮލޮޖިކަލް އީ އާއި އެމެރިކާގެ އެމްއައިޓީ އާ ގުޅިގެން އުފައްދާ ވެކްސިން އަދި އިންޑިއާގެ ސީރަމް އީ އިންސްޓިޓިއުޓް އިން އުފައްދާ ވެކްސިނެވެ.
ޝެޑިއުލްކޮށްގެން ވެކްސިން ދިނުމަށް ހަމަޖެހިފައިވާއިރު ކޮންމެ މީހަކަށް ވެކްސީންގެ ދެ ޑޯޒް ދޭނެއެވެ. އެއީ ފުރަތަމަ ޑޯޒް އާއި އެ ޑޯޒް ދޭތާ 28 ދުވަސް ފަހުން ދޭ ޑޯޒް އެކެވެ.
މި ވެކްސިން ޕްރޮގުރާމްގެ އުންމީދަކީ އަންނަ އޯގަސްޓްމަހުގެ ކުރިން 300 މިލިއަން މީހުންނަށް ވެކްސިން ދިނުމެވެ. އިންޑިއާގައި ގާތްގަނޑަކަށް 10 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވެ އެވެ. އަދި އެ ގައުމުން 144،000 މީހުން މި ބަލީގައި ވަނީ މަރުވެފަ އެވެ.