ކުޅުދުއްފުށީގައި އިމާރާތްކުރަން ފަށައި ހުއްޓިފައިވާ ހައުސިންގ ޔުނިޓްތައް މިސަރުކާރުން މަރާމާތުކުރަން ފެށުމުގެ ކުރިން އެތަންތަން އަޅާލައި އަލުން ޑިޒައިންކޮށް، އުސް ފްލެޓްތަކެއް އިމާރާތްކުރުމަށް ސަރުކާރަށް ހުށަހެޅިކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިރަށުގައި އިމާރާތްކުރަން ފެށި ރޯހައުސްތަކުގެ މަސައްކަތް މެދުކެނޑުނީ އެމަނިކުފާނުގެ ވެރިކަން ބަދަލުވި ހިސާބުންނެވެ. އޭރު ވަނީ އެ ހައުސިންގ ޔުނިޓްތަކުގެ ކޮންސްޓްރަކްޝަންގެ ބޮޑުބައި ނިމި ހިޔާވެސްކޮށްފަ އެވެ. އެހެންނަމަވެސް ފަހުން އައި ސަރުކާރުތަކުން އެ މަސައްކަތް ކުރިއަށްގެންގޮސްފައިނުވާތީ އެ އިމާރާތްތައް ހުރީ ވަރަށް ބޮޑަށް ވިރާނާވެ ހަލާކުވެފަ އެވެ.
އޭރުވެސް އެ ހައުންސިންގ ޔުނިޓްތަކުގެ ޑިޒައިންތަކާ މެދު ގިނަ ބަޔަކު ފާޑު ކިޔެވެ. އެއީ ރަށުގެ އާބާދީ އާއި ބިމުގެ ޖާގައަށް އެންމެ އެކަށީގެންނުވާ ޑިޒައިންތަކެއްކަމަށް ބުންޏެވެ. އެހެންނަމަވެސް އޭރުވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. އެ ރޯހައުންތައް އިމާރާތްކުރަން ފެށި ދުވަސްވަރު ކައުންސިލަރުގެ މަގާމުގައި ހުންނެވީ މިހާރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ޖަމްޝީދު މުހައްމަދެވެ.
ރައީސް ސޯލިހްގެ ސަރުކާރުގެ ހައުންސިންގ މިނިސްޓަރު އާތިފާ ޝަކޫރު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ހައުންސިންގ ޔުނިޓްތަކަށް ވަޑައިގެން އެތަންތަނުގެ ހާލަތު ބެލެއްވި އެވެ. އަދި އެތަންތަން މަރާމާތުކުރަން ނިންމާފައިވާކަން އެކަމަނާ ވަނީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައިވެސް ވިދާޅުވެފަ އެވެ.
ކޭއޯއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، މިސަރުކާރުން ހައުންސިންގ ޔުނިޓްތައް މަރާމާތުކުރަން ފެށުމުގެ ކުރިން އެތަންތަނުގެ ކަންބޮޑުވުން މިސަރުކާރުގެ ފުރަތަމަ ހައުންސިންގ މިނިސްޓަރު އާތިފާ ޝަކޫރާ ހިއްސާކުރެއްވި ކަމަށެވެ.
އެ ޑިޒައިނަކީ ކުޅުދުއްފުއްޓަށް އެކަށީގެންވާ ޑިޒައިނެއް ނޫން ކަމަށާއި އެވަރުގެ ބިމަކުން ބޯހިޔާވަހިކަން ހަމަޖެހެން ޖެހޭނީ އެއަދަދަކަށްވެސް ނޫން ކަމަށެވެ. އަދި އެއަށްވުރެ ގިނަ މީހުންނަށް އެވަރުގެ ބިމަކުން ބޯހިޔާވަހިކަން ހަމަޖެހެން ޖެހޭނެކަމަށް މިނިސްޓަރ އަރިހުގައި އޭރު އެދުނިންކަމަށް ލަތީފް ވިދާޅުވި އެވެ.
"ވެލިގަނޑުގައި ހުރި ރޯހައުސްތައް ހިމަނައިގެން ދައުލަތުގެ މާލިއްޔަތުން ހަރަދުކޮށްގެން ހިއްކާފައޮތް ބިމަކުން އެހާ ކުޑަ ބޭނުންމެއް ހިފޭ ވަރަކަށް ބޭނުންކުރުމަކީ ދައުލަތަށްވެސް އަދި ކުޅުދުއްފުއްޓަށްވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. އެހެންވެގެން އަޅުގަނޑުމެން މިނިސްޓަރ އަރިހުން އެދުނިން. ހައުސިންގ ޔުނިޓްތައް މިހާރު ހުރި ވަރުން އަލުން ހެދުމަށްވުރެ ރައްޔިތުންނަށްވެސް އަދި ރަށުގެ ބިން ސަލާމަތްކުރުމަށް މުސްތަގުބަލަށްވެސް އެންމެ ރަނގަޅުވާނީ އެތަން ތަޅާލާފަ އަލުން ޕްލޭންކުރުމަށޭ." ލަތީފް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ، ކައުންސިލުން އެދުނީ އެންމެ ކުޑަމިނުން ދިހަ ބުރީގެ ފްލެޓްތަކެއް އަޅައިދިނުމަށް ކަމަށެވެ. އެހެންވުމުން ރަށުގެ ބިމުން ބޮޑުބައެއް ސަލާމަތްކުރެވޭނެ ކަމަށާއި އަދި ގިނަ ބަޔަކަށް ބޯހިޔާވަހިކަންވެސް ފޯރުކޮށްދެވޭނެ ކަމަށެވެ. މާފަލު ހިޔާގައި ހުރި ރޯހައުސްތަކަށްވެސް ހަމައެގޮތަށް ހަދައިދިނުމަށް އެދުނެވެ.
"ދެވަނަ ކަމަކީ އެތަނުން ގިނަ ދުވަސްތަކެއް ވަންދެން މައިގަނޑު ހެދިފައި ހުރެފަ، އަނެއްކާ މަރާމާތު ކޮށްގެން ހެދިގެން އެތަނުން އުމުރުގެ ބޮޑުބައެއް މީހުންނަށް ދިރިއުޅެން ނުލިބި މިހާރު ވަނީ ބޭކާރުވެގެން ގޮސްފަ. އެއީ ހަމަ ކަންބޮޑުވާކަމެއް. އެހެންނަމަވެސް އަޅުގަނޑުމެން މިނިސްޓަރ އަރިހުގައިވެސް ދެންނެވިން ގެތަށް އަލުން ޑިޒައިންކޮށްފައި އަލުން ހަދާދިނުމަށް." ލަތީފް ވިދާޅުވި އެވެ.
އެހެންނަމަވެސް މިނިސްޓަރ އާތިފާ ވިދާޅުވީ، އެގޮތަށް އަދި އެކަން ކޮށްދެވެންނެތް ކަމަށެވެ. މިހާރު އެ ހުރި ޑިޒައިންތަކަކީ އެގޮތަށްވެސް ކައުންސިލް ގަބޫލުކުރާ ޑިޒައިންތަކެއް ނޫންކަމަށް ލަތީފް ތަކުރާރުކޮށް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ މިއަހަރުގެ ޖެނުއަރީމަހު ކުރީކޮޅުގައި ހައުންސިންގ އާ މަޝްރޫއުއެއް ކުޅުދުއްފުއްޓަށް ލިބިފައިވާކަމަށް ހައުންސިންގ މިނިސްޓްރީން އެނގިކަމަށާ އެ ހައުންސިންގ މަޝްރޫއުވެސް ކައުންސިލުން ހުށަހެޅުން ހުށަހެޅި ކަމަށެވެ. އެގޮތުން އެ ހައުންސިންގ ޔުނިޓްތައް އެޅެން ޖެހޭނީ އުސްކޮށް ވީހާވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭނެގޮތަކަށް ކަމަށް ހުށަހެޅިކަމަސް ލަތީފް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ، އާ ހައުސިންގ މަޝްރޫއު ކުރިއަށްގެންދާނެ ތާރީހެއް ކައުންސިލަށް އަދި އަންގާފައިނުވާ ކަމަށެވެ.
ކޮވިޑްގެ ހާލަތުގައި ވަރަށް ގިނަ ބަޔަކަށް ދަތިތައް ކުރިމަތިވާކަން ފާހަގަކުރައްވައި ލަތީފް ވިދާޅުވީ، މާފަލު ހިޔާގެ ރޯހައުސްތައް ނިމިފައިވާއިރު އެތަންތަނަށް ވަންނަ ތިބި ފަރާތްތަކަށްވެސް ލުއިގޮތެއް ހޯދައިދިނުމަށް ކައުންސިލުން ވާނީ މިނިސްޓްރީގައި އެދިފަ ކަމަށެވެ. އެގޮތުން ޑައުންޕޭވްމެންޓް އެކި މަސްމަހަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަދައިދިނުމަށް އެދިފައިވާނެކަމަށް ވިދާޅުވި އެވެ.