ކުޅުދުއްފުށީ ކައުންސިލުން ދެމުން އައި ބޮނބިތެޅުމުގެ ހިދުމަތް މެދުކެނޑިފަ އޮތުމަށްފަހު މިއަދު އަލުން އެހިދުމަތް ފެށުމަށް ހަމަޖެހިފައިވާކަމަށް އެކައުންސިލުން ބުނެފި އެވެ.
އެކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ބޮނބިތެޅުމުގެ ހިދުމަތް މިއަދުން ފެށިގެން އަލުން ދޭން ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ހިދުމަތް އަލުން ފަށައިގެން ދެމުންގެންދާނީ ރަށްކޮޅު ގޯތިން (ކުރީގެ އައިލެންޑް އެކްސްޕާޓް ސައިޓް އިމާރާތް) ކަމުގައި ވެސް އެކައުންސިލުން ބުނެފައިވެއެވެ.
ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން 12:30 އަށެވެ. ބޮނބިތެޅުމުގެ ހިދުމަތް ބޭނުންވާ ފަރާތްތަކުން މި ގަޑިތަކުގައި ހިދުމަތްދޭ ތަނަށް ދިއުމުން ހިދުމަތް ލިބޭނެ ކަމަށް އެކައުންސިލުން ބުނެއެވެ.
ކައުންސިލުން މިހިދުމަތް އަލުން ފެށިއިރު އަގުތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސް ފައެވެ. އެގޮތުން 38 ގިލަނުގެ ޓައްޕެއްގެ ބޮނބި -/20ރ ،28 ގިލަނުގެ ޓައްޕެއްގެ ބޮނބި -/15ރ އަދި 21 ގިލަނުގެ ޓައްޕެއްގެ ބޮނބި -/10ރ އަށެވެ.
ބޮނބިކުނޑި ވިއްކާ އަގުތަކަކީ ބަސްތާއެއް -/50ރ އަށެވެ. 10 ބަސްތާ ނަގާނަމަ ބަސްތާއެއް -/40ރ ވިއްކާނެކަމަށް އެކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު، ކުޅުދުއްފުށީ ކައުންސިލަށް ހަދިޔާކުރެއްވި ބޮނބިނަރު އުފައްދާ މެޝިންގެ ހިދުމަތް ދޭންފަށާފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.
މިމެޝިނަކީ ދުވާލަކު 6000 ބޮނބިން، ނަރު އުފެއްދުމުގެ ގާބިލުކަން ހުރި މެޝިނެއްކަމަށް ނަޝީދު ވިދާޅުވި އެވެ. މި މެޝިނަށް ރޯ ބޮނބިލުމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަރަށް ބަދަލުކޮށް ނެރެ އެވެ.