ކުޅުދުއްފުށީ ކައުންސިލުން 2018 ވަނަ އަހަރު އިމާރާތް ކުރުމަށް އިއުލާންކުރި 6 ބުރި އިމާރާތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަަމަށް އެކައުންސިލުން ބުނެފި އެވެ.
ކުރީގެ އުސްގެ ހުރި ސަރަހައްދުގައި އިމާރާތް ކުރުމަށް ނިންމާފައިވާ 6 ބުރީގެ އިމާރާތް އިއުލާން ކުރީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެއަށް ފަހު އިމާރަތް އެޅުމަށް 2019 ވަނައަހަރުތެރޭ ބީއޯކިޔު ހެދުމަށްވެސް ބަޔަކާ ހަވާލުކުރިއެވެ.
އަދި އިމާރާތް ހެދުމަށްޓަކާ އިމާރާތުގެ ފައުންޑޭޝަނާއި ފުރަތަމަ ޝީޓާއި ގުރައުންޑް ފްލޯރގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފާރާތްތަކުން ކައުންސިލްގައި ރެޖިސްޓްރީ ވުމަށް 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހު ހުޅުވާލި އެވެ.
ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ކައުންސިލްގެ ގިނަ މަސައްކަތްތަކެއް ހުއްޓާލަން ޖެހުނު ކަމަށާއި މި އަހަރު ކުރަން ނިިންމި މަސައްކަތްތައް އަންނަ އަހަރަށް ވަނީ ތާވަލް ކުރެވިފައި ކަމަށެވެ.
އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ޕްރޮގްރާމުތައް ހިމަނައިގެން މި އަހަރުގެ ތެރޭ ކައުންސިލުން ކުރަން ނިންމި ކަންކަން ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.
"މި އަންނަ އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން މި ޕްރޮގްރާމުތައް ހިމަނައިގެން މި އަހަރުތެރޭ ކަނޑައެޅި ކަންތައްތައް ބަހާލައިގެން ކުރިއަށް ގެންދާނީ. އެހެންވީމަ 2021 ވަނަ އަހަރުގެ އެކްޓިވިޓީ ތެރޭގައި 6 ބުރި އިމާރާތުގެ މަސައްކަތް ކުރެވޭނެ" ލަތީފް ވިދާޅުވި އެވެ.
އިމާރާތުގެ ބީއޯކިޔުގެ މަސައްކަތާއި ކުރެހުމުގެ މަސައްކަތް ވެސް ނިމިފައިވާކަން ފާހަގަކޮށް ލަތީފް ވިދާޅުވީ މިހާރު ހަމައެކަނި އޮތީ ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކުރުން ކަމަށެވެ.
މި އިމާރާތުގައި ފިހާރައަކާއި ލައިބުރަރީއެއް އަދި ހޯލެއްގެ އިތުރުން އެޕާޓްމަންޓާއި ވީއަޕީ އެޕާޓްމަންޓް އަދި ވީއައިޕީ ރޫމްތަކެއް ހުންނާނެ އެވެ.
މި ޕްރޮޖެކްޓު އިއުލާނު ކުރި އިރު ކައުންސިލުން ވަނީ މި އިމާރާތުގެ ސަބަބުން މާލިއްޔަތު އިތުރުވެ އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަރައްގީއަށް ގިނަ ކަންތައްތަކެއް ކުރުމަށް ކައުންސިލަށް ފުރުސަތު ފަހިވެގެންދާނެކަމަށް ވިދާޅުވެއެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ކައުންސިލަކުން ހަރަދުކޮށްގެން އިމާރާތްކުރާ އެންމެ ބޮޑު އިމާރާތްކަން ފާހަގަކޮށްލެވެއެވެ.