twitterviber whatsapp telegramfacebookyoutube instagram
19th May 2024

އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 17 ކުއްޖަކު އޭދަފުށި "އަމާން ވެށި"އަށް ބަދަލުކޮށްފި

ނަބީލާ އިސްމާޢީލް
Dec 24, 2020

އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުޑަކުދިން އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ 17 ކުއްޖަކު ބ.އޭދަފުށި އަމާން ވެއްޓަށް ބަދަލުކޮށްފިއެވެ.

ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ ސީޕްލޭންގައި މި ކުދިން ގޮވައިގެން ބ.އޭދަފުއްޓަށް ވަޑައިގަތީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއެވެ.

ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކު ވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމުގައިވިޔަސް، ހާލަތު ނިޔާކުރާގޮތުން އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގެއެވެ.

ނަމަވެސް މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ މާލޭ ސަރަހައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދީ އެ ފަދަ މާހައުލެއް ތަނަވަސްކޮށްދިނުމަށެވ. އޭދަފުށި އަމާން ވެއްޓަކީ ކަމާބެހޭ އިދާރާތަކާއި، މުޖުތަމައުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއެކު ތަރައްޤީކުރެވޭ މި ފަދަ ފުރަތަމަ ތަނެވެ.

ކުޑަކުދިންގެ ހިޔާގައި 50 ކުދިން އަދި ފިޔަވަތީގައި 130 ކުދިން ދިރިއުޅެމުންދާއިރު، މި ދެ މަރުކަޒުގައި ކުދިން ގެންގުޅެނީ ދެ އުމުރުފުރާއަކަށް ބަހައިލައިގެންނެވެ. އެ ކަމުގެ ސަބަބުން އެއް އާއިލާއަކަށް ނިސްބަތްވާ ބައެއް ކުދިން ދެ މަރުކަޒެއްގައި ދިރިއުޅެންޖެހޭ ހާލަތު އާދެއެވެ. އަތޮޅު ތެރޭގައި ގާއިމުކުރެވޭ މި ފަދަ އަމާން ވެށިތަކުގައި ކުދިން ބޮޑެތިވެގެންދާނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ އެ ކުދިންގެ އާއިލާގެ އެހެން ކުދިންނާއެކުގައެވެ. އަދި އެ ކުދިން ހުންނާނީ ރަށުގެ އެހެނިހެން އާއިލާތަކާ ވެސް ގުޅުވާ ދެވިފަ ކަމަށް ޖެންޑާ އިން ބުންޏެވެ.

އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންނެވެ. އެ ކަމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ހާއްސަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެންދާނެއެވެ. އަދި މުޖުތަމަޢުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުސަތު ލިބިގެން ދިޔުމުން، މުސްތަގަބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާހައުލަށާއި އާންމު ދިރިއުޅުމަށް ނުކުތުމަށް ފަހިވެގެންދާނެއެވެ.

ބ.އޭދަފުށީގެ އިތުރުން ރާއްޖޭގެ އިތުރު 4 ސަރަޙައްދެއްގައި އަމާން ވެށިތައް އަންނަނީ ތަރައްޤީކުރެވެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355