twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ދިގު އިންތިޒާރަކަށްފަހު މާފަލު ހިޔާ ރޯހައުސްތަކުގައި މީހުން ދިރިއުޅެން ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jan 2, 2021
4

ކުރީގެ ސަރުކާރުތަކުން ވިރާނާވާން ދޫކޮށްލި، ކުޅުދުއްފުށީ މާފަލު ހިޔާގެ ރޯހައުސްތައް މިސަރުކާރުން މަރާމާތުކޮށް ނިންމާ، ގެތައް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކޮށްފި އެވެ. އެހެންވުމުން މިދިޔަ ބުރާސްފަތި ދުވަހު ބައެއް އާއިލާތަކުން ވަނީ އެތަނަށް ބަދަލުވެ ދިރިއުޅެން ފަށާފަ އެވެ.

މި ރޯހައުސްތައް ހަދަން ފެށީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެހެންނަމަވެސް އެ މަސައްކަތްތައް އެ ވެރިކަމުގެ ނިންމާލެވިފައެއް ނުވެ އެވެ. ފަހުން އައި ދެ ވެރިކަމުގައި އެ ތަން ނިމުނުނަމަވެސް އެ ރޯހައުސްތައް އޭގެ ހައްގުވެރިންނަށް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިނުވުމުގެ ސަބަބުން އެތަންތަން ވީރާނާވެ، ތަނުގެ ހުރި ތަކެތި ވަގަށް ނަގައި މުޅި ތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެ ވިރާނާވެފަ އެވެ.

މި 40 ރޯހައުސްގެ ގުރުއަތުލުން ބޭއްވީ 2017 ވަނަ އަހަރު އެވެ. ދިގު މުއްދަތަކަށްފަހު ވިޔަސް ރޯހައުސްތަކަށް ވަދެވޭތީ އެ މީހުން ތިބީ ވަރަށް އުފަލުންނެވެ. މި 40 ރޯހައުސް ހަވާލުކުރުމުގެ މަސައްކަތް ކޮށްފައިވަނީ މިދިޔަ ހަފްތާގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގައި، ހައުސިންގ މިނިސްޓްރީގެ ޓީމަކުންނެވެ.

ބައެއް އާއިލާތަކުން ރޯހައުސްތަކަށް ބަދަލުވެ ދިރިއުޅެން ފަށާފައިވާއިރު ބައެއް އާއިލާތައް ރޯހައުސްތަކަށް ބަދަލުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޑައުން ޕޭމެންޓަށް 19000 ރުފިޔާ ދައްކަން ޖެހޭއިރު އެ އަދަދު ދެ މަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި 20 އަހަރު ވަންދެން މަހަކު 3000 ރުފިޔާ މި ރޯހައުސްތަކަށް ދައްކަން ޖެހެ އެވެ.

މިނިސްޓްރީން ބުނީ ކޮވިޑްގެ ހާލަތާ ގުޅިގެން ފައިސާ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާނެ ކަމަށެވެ. ތަފާތު އެކި ސަބަބުތަކާ ހެދި އަދިވެސް 11 ރޯހައުސް ހަވާލުނުކުރެވިފައިވާކަމަށާއި އެ ރޯހައުސްތައްވެސް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި ސަރުކާރުން 40 ރޯހައުސް މަރާމާތުކުރުމަށް ފެނަކަ ކޯޕަރޭޝަންއާ ހަވާލުކުރީ މިއަހަރުގެ މާރޗުމަހުގެ ތެރޭގައި 23 މިލިއަން ރުފިޔާއަށެވެ. ފެނަކައިން ޓިކްޓެކް ނަމަކަށް ކިޔާ ކުންފުންޏަކާ 11 މިލިއަން ރުފިޔާއަށް ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއު މިހާރު ނިންމާލާފައިވަނީ މިދިޔަ ނޮވެމްބަރުމަހު ތެރޭގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355