ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ފަހި ދުވަސް" މިރޭ އޮންލައިންކޮށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ޔުނިވަރސިޓީން ބުނެފި އެވެ.
އެ ޔުނިވަރސިޓީން ބާއްވަމުން އަންނަ ފަހި ދުވަހުގެ ބޭނުންމަކީ ކޮންމެ އަހަރަކުވެސް އަލަށް ފަށާ ކޯސްތަކުގެ މައުލޫމާތު ފޯރުކޮށްދީ ކިޔެވުމަށް ހުރި ފުުރުސަތުތައް ހިއްސާ ކުރުމެވެ. އެހެން އަހަރުތަކާއި ހިލާފަށް ކޮވިޑް-19 އާއި ގުޅިގެން މި އަހަރުގެ ފަހި ދުވަސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ފޭސްބުކުން ލައިވްކޮށެވެ.
ލައިވް އިވެންޓް ފެށިގެން ދާނީ މިރޭ 10 ޖަހާއިރުއެވެ. މި އިވެންޓުގެ ތެރޭގައި ކޯސްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ޕްރެޒެންޓޭޝަންތައް ހުށައަޅައި ދޭނެއެވެ.
އަންނަ އަަހަރުގެ ފެބްރުއަރީ އިންޓޭކުގައިވެސް އެ ޔުނިވަރސިޓީން ގިނަ ކޯސްތަކެއް ފެށުމަށް ހަަމަޖެހިފައިވާއިރު އެކި ދާއިރާތަކުން 100 ވުރެ ގިނަ ކޯސް ފަށާނެއެވެ.
ކޯސްތައް ފަށާ ދާއިރާ ތަކުގެތެރޭގައި ޓޫރިޒަމް، ހޮސްޕިޓާލިޓީ، ކަލިނަރީ އާޓްސް، ޖަރނަލިޒަމް، ޕޮލިޓިކަލް ސައިންސް، ކޮމްޕިޔުޓަރ ސައިންސް، ބިޒްނަސް، އެކައުންޓިން، އިކޮނޮމިކްސް، ޓީޗިން، ނަރސިން، ސައިކޮލޮޖީ، ހެލްތު ސައިންސަސް، އާކިޓެކްޗަރ، އިންޓީރިއަރ ޑިޒައިން، އިންފޮރމޭޝަން ޓެކްނޮލޮޖީ، ސިވިލް އެންޖިނިއިރިން ސައެންސް، އެންވަޔަރަންމަންޓަލް މެނެޖްމަންޓް ގެ އިތުރުން މެރިން ސައިންސް، މެރިޓައިމް ސްޓަޑީޒް، ޝަރީއާ، ލޯ އަދި އަދި މެޑިސިން ހިމެނެއެވެ.
ފެބްރުއަރީ އިންޓޭކުގެ ފުރަތަމަޓާމް ކޯސްތަކަށް އެޕްލައި ކުރުމަށް ހަމަޖެހިފައިވަނީ ޔުނިވަރސިޓީގެ އޮންލައިން ޕޯރޓަލް portal.mnu.edu.mv މެދުވެރިކޮށެވެ. މި ގޮތުން ޔުނިވަރސިޓީގެ ކޯސްތަކަށް އެދުމުގެ ފުރުސަތު 07 ޖަނަވަރީ 2021 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
ކޯސްތަކާއި ބެހޭ މައުލޫމާތު ުނިވަރސިޓީގެ ވެބްސައިޓުން https://courses.mnu.edu.mv ލިބެންހުންނާނެއެވެ.