ރާއްޖެ އިން ބޭރުން އަންނަ ދަރިވަރުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ވާން ޖެހޭ ގޮތަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުސޫލު ބަދަލުކޮށްފި އެވެ.
އެޗްޕީއޭ އިން ރޭ ބުނީ ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސުކޫލު/ކޮލެޖް/ޔުނިވަރިސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. އަދި 10 ދުވަހަށްފަހު ޕީސީއާރު ނެގަޓިވް ނަތީޖާއަކާއެކު ކަރަންޓީނުން ދޫކޮށްލާނެ ކަމަށެވެ.
❇️ 4 ޖަނަވަރީއިން ފެށިގެން ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސުކޫލު/ކޮލެޖް/ޔުނިވަރިސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީންވުން. އަދި 10 ދުވަހަށްފަހު ޕީ.ސީ،އާރު ނެގަޓިވް ނަތީޖާއަކާއެކު ކަރަންޓީނުން ދޫކޮށްލުން
— Health Protection Agency (@HPA_MV) January 1, 2021
އެ ނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.
މީގެ އިތުރުން ރާއްޖެ އެތެރެވާއިރު 96 ގަށިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއަކާ އެކު އައުމަށްވެސް އެޗްޕީއޭގެ އިއުލާނުގައިވެ އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅު އެޗްޕީއޭ އިން އަނެއްކާ ވެސް ވަރުގަދަ ކުރިއިރު، އިނގިރޭސި ވިލާތުގައި، ކޮވިޑް-19 ގެ ވައިރަސް މިއުޓޭޭޓްވެގެން އާ ވޭޭރިއަންޓްއެއް އުފެދި އޭގެ ބިރު ވަނީ ބޮޑުވެފަ އެވެ. އޭގެ އެންމެ ބޮޑު ނުރައްކަލަކީ ފެތުރޭލެއް ހަލުވިކަމުން ކޮންޓްރޯލް ކުރަން އުނދަގޫވުމެވެ. މި ވައިރަސް އެކި ގައުމުތަކުން ފެންނަން ފެށުމާ އެކު މިހާރު ވަނީ އިނގިރޭސި ވިލާތުން ރާއްޖެ އަންނަ މީހުން ކަރަންޓީނު ކުރަން ފަށައިފަ އެވެ. އަދި ރާއްޖެއަށްވެސް މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް މީގެ ކުރިން ވަނީ ސިއްހީ ދާއިރާއިން ބުނެފަ އެވެ.
މި ދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްތަކެއް ކަމުން ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށް އެކި ދިމަދިމާލަށްދާ ދުވަސްވަރެކެވެ. އެގޮތުން ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ބޭރަށްވެސް އަންނަނީ ދަތުރު ކުރަމުންނެވެ.