ށ. ގައިދޫ ކައުންސިލުން ރަމަޟާން މަހާ ދިމާކޮށް އެ ރަށު ދަނޑުވެރިންނަށް ހެޔޮއަގުގައި ގަސްކާނާ ފޯރުކޮށްދީފި އެވެ. ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށުގެ ދަނޑުވެރިންނަށް ހެޔޮއަގުގައި ގަސްކާނާ ފޯރުކޮށްދީފައިވަނީ އަންނަ ރަމަޟާން މަހަށް ދަނޑުތައް ހައްދާ އެ ރަށުގެ ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ޝާހިދު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުވެސް ދަނޑުވެރިންނަށް އެހީތެރިވުމުގެ ގޮތުން ރަމަޟާން މަހާ ދިމާކޮށް ދަނޑުވެރިންނަށް މި އެހީ ފޯރުކޮށްދީފައިވާނެ ކަމާއި ކައުންސިލަކީ އަބަދުވެސް ދަނޑުވެރިންނާއި ވަރަށް ގާތުން މަސައްކަތް ކުރާ އަދި އެކަމަށް އެހީތެރިވާ ކައުންސިލެއް ކަމަށެވެ.
އެގޮތުން މި އަހަރުވެސް ކައުންސިލުން ދަނޑުވެރިނަން އެންމެ ބޭނުން ކަމަކާއިމެދި މަޝްވަރާކޮށް، ދަނޑުވެރިނަށް ގަސްކާނާގެ ދަތިވެފައިވާކަން އެނގިގެން އެކަމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލުގައި ނަންނޯޓް ކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 33 ޓަނަށްވުރެ ގިނަ ގަސްކާނާ ވަނީ ދަނޑުވެރިންނަށް ފޯރުކޮށްދީފައިކަމަށް ރައީސް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެރަށަކީ ދަނޑުވެރި ރަށެއް ނަމަވެސް ރަށުން ގަސްކާނާ އާންމުކޮށް ލިބެން ނުހުންނަ ކަމަށެވެ. އަދި މާލޭ ބާޒާރުން ގަނެގެން ރަށަށް ގެންނަނަމަ ގަސްކާނާގެ އަގު ބޮޑުވެގެން ދާކަމަށް އޭނާ ވިދާޅުވިއެވެ. ބޭރުން ގަސްކާނާ އެތެރެކުރާ ފަރާތަކާއި ގުޅިގެން ހެޔޮ އަގެއްގައި ގަސްކާނާ ދަނޑުވެރިންނަށް ފޯރުކޮށްދޭން ކައުންސިލުން އިސްނެންގެވީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އާންމު ދުވަސްތަކަށްވުރެން ރަމަޟާން މަހާ ދިމާކޮށް ދަނޑުވެރިކަން ކުރާފަރާތްތަށް އިތުރު ވާނެ ކަމަށާއި މި ފުރުސަތުގެ ބޭނުން ރަށުގެ 90 އިންސައްތަ ދަނޑުވެރިން ހިފި ކަމަށެވެ. އަދި ގަސްކާނާ ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށްވެސް ކައުންސިލުން ބަނދަރުގައި ޑެސްކް ބަހައްޓައިގެން ކައުންސިލު އެކަމަށް އެހީތެރިވެދިން ކަމަށެވެ.
ގޮއިދޫއަކީ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށަކަށްވެފައިވާއިރު ރަމަޟާން މަހާދިމާކޮށް އާންމުކޮށް ކަރާގެ ދަނޑުވެރިކަމަށް އެ ރަށުދަނޑުވެރިން އިސްކަންދޭކަމަށާއި އެހެން މަސްތަކުގައިވެސް ދަނޑުވެރިން ބޭނުންވެއްޖެ ނަމަ ކައުންސިލްގެ އެހީ އެ ދަނޑުވެރިންނަށް ކާނާ ހޯދުމުގައި ފޯރުކޮށްދެވިދާނެ ކަމަށް ރައިސް ވިދާޅުވި އެވެ.