ށ ގޮއިދޫ ސްކޫލުގެ ޕީޓީއޭ އާއި ރައްޔިތުން ގުޅިގެން އެރަށު ސްކޫލުގައި ހިންގި މުހިންމު މަސައްކަތްތަކެއް ނިންމައި އިފްތިތާހުކޮށްފި އެވެ.
ބާވެ ގިނަ ދުވަސްވީ ކޮމްޕިއުޓަރ ލެބް އާބާތުރަ ފިލުވައި އެތަނަށް ބޭނުންވާ ކޮމްޕިއުޓަރު ސިސްޓަމް ހޯދުމާއި ގްރީން ހައުސް މަޝްރޫއުގެ އިތުރުން އައުޓްޑޯ ރީޑިންގ ޕާރކެއް ތަރައްގީކޮށް ނިންމާ އިފްތިތާހުކުރީ ގޮއިދޫ ސްކޫލްގެ 46 ވަނަ އަހަރީ ދުވަހާ ގުޅުވަ އެވެ.
މި ތިން މަޝްރޫއުއަކީވެސް ސްކޫލަށް ވަރަށް މުހިންމު އެހާމެ ބޭނުންތެރިން ތިން މަޝްރޫއުކަން ފާހަގަކުރައްވަމުން ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް އަލީ ހައިދަރު ވިދާޅުވީ، މިއީ ޕީޓީއޭގެ އިސްނެގުމަށް ރަށުގެ ކުންފުނިތަކާއި އިސްދަރިވަރުން އަދި ޖުމްލަކޮށް ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށެވެ.
އަލީ ވިދާޅުވީ، ކޮމްޕިއުޓަރ ލެބުގެ ކޮމްޕިއުޓާތައް އާކޮށް ތަނުގެ އާބާތުރަފިލުވައި އާ މޭޒާއި ޝެލްފްތައް އާކޮށް މުޅި ލެބްވެސް އާކޮށްފައިވާ ކަމަށެވެ. އެތަނުގައި ހުރީ އެންމެ ދުވަސްވީ ކޮމްޕިއުޓަރ ސިސްޓަމެއްތަކެއް ކަމަށާއި 2007-2015 ގެ ބެޗުގެ އިސްދަރިވަރުންގެ އެހީތެރިކަމާއެކު ފަހުގެ 12 ކޮމްޕިއުޓާ ސިސްޓަމް ހަދިޔާކުރި ކަމަށެވެ.
އެ 12 ކޮމްޕިއުޓާ ސިސްޓަމާއި އެތަކެތި ރަށަށް ގެނައުން ހިމަނައި ޖުމްލަ ހަރަދު ލައްކައަކަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހެޔޮ އެދޭ ފަރާތެއްގެ އެހީގައި 3 ކޮމްޕިއުޓާ ސިސްޓަމާއެކު ލެބުގައި މިވަގުތު ޖުމްލަ 15 ކޮމްޕިއުޓާ ސިސްޓަމް ހުންނާނެ ކަމަށެވެ. އަދި ހަމަ ހެޔޮއެދޭ ފަރާތެއް ލެބުގައި ބޭނުންކުރުމަށް އާ 15 މޭޒު ހަދިޔާކުރިއިރު އެތަން އާބާތުރަފިލުވާ ލެބް އާކޮށްލުމުގައި ޒެޑްއެމްއެސްގެ އެހީތެރިކަން ލިބިގެންދިޔަކަން އެ ސްކޫލްގެ ޕްރިންސިޕަލް ފާހަގަކުރި އެވެ.
އަދި މީގެ އިތުރުން ލައިބްރަރީގެ ޝެލްފްތައްވެސް ޒެޑްއެމްއެސްގެ އެހީތެރިކަމާއެކު އާކޮށްލި އެވެ.
ގްރީން ހައުސްއެއް ހަދައި ދަނޑުވެރިކަމަށް ދަރިވަރުން އަހުލުވެރިކުރުވަން ނިންމީ ގޮއިދޫ އަކީ ދަނޑުވެރި ރަށެއްކަމަށްވުމުންނާވެސް އެކު އެވެ. ސްކޫލުން ބޭނުންވި ހައިޑްރޯފޯނިކްސް ސިސްޓަމް ކައުންސިލުން ހަދިޔާކުރިއިރު ނެޓް ހަދިޔާކުރީ ޕްރައިމް ފަރޓިލައިޒާސްގެ ފަރާތުންނެވެ. އަދި ގްރީން ހައުސް ހެދީ ޕީޓީއޭ އާއި ހެޔޮއެދޭ ފަރާތްތަކާއި ޒެޑްއެމްއެސްގެ އެހީތެރިކަމާއެކު އެވެ.
ސްކޫލަށް އައުޓްޑޯ ރީޑިންގ ޕާރކެއްގެ މުހިންމުކަން ރަށުގެ ކުންފުންޏެއްކަމަށްވާ ޑްރީމް ހޯމްސްއާ ހިއްސާކުރުމުން އަމިއްލަ ތަކެތީގައި ޕާރކް ހަދައި ހުރިހާކަމެއް ނިންމީ އެ ކުންފުނިން ކަމަށް އަލީ ވިދާޅުވި އެވެ. އަލީ ވިދާޅުވީ، ޕާރކްގެ މަސައްކަތް ވަރަށް ފުރިހަމަ ކަމަށާއި އެތަން ތަރައްގީކުރީ ސްކޫލުން ހުށަހެޅި ޑިޒައިނަށް ވުރެވެސް މާ ފުރިހަމަކޮށް ކަމަށެވެ. އެތަނުގެ ހުރިހާ ހަރަދެއްވެސް ކުރީ ޑްރީމް ހޯމްސް އިންނެވެ.
އަލީ ވިދާޅުވީ، ރަށުގެ ރައްޔިތުންނަކީ ނަމޫނާ ރައްޔިތުންތަކެއް ކަމަށާއި މިފަދަ މަސައްކަތްތަކުން އެނގިގެންދަނީ ރަށުގެ ތައުލީމަށް ރައްޔިތުން ދެއްވާ އަހަމިއްޔަތު ކަމަށެވެ. އަދި މިކަމުގެ ހެޔޮ އަސަރު ދަރިވަރުންނަށް ކުރާނެ ކަމަށާއި މި މަސައްކަތްތައް ކުރަން އެހީތެރިވި ހުރިހާ ފަރާތްތަކަށް އަލީ ޝުކުރުއަދާކުރެއްވި އެވެ.




