ރަށުގެ ފުއްޓަރު ފަރާތުގައި ތަރައްގީކޮށްފައިވާ މި ތަނަށް ވަދެގެންދިޔައިރު ވަށައިގެން ހެދިފައިހުރި ކަނޑޫގަސްތަކާއި ފެންގަނޑުގައި އުޅޭ މަސްމަހާމެހިން މިތަނުގެ ގުދުރަތީ ހިތްގައިމުކަން ފެނިގެންދެ އެވެ. ކަނޑޫފަލުގެ ބިޔަ ގަސްތަކުގެ ތެރެއިން ލަކުޑި ދިގު ފާލަމެއްގަ ދެވޭއިރު އެފާލަން ގޮސްނިމެނީ 15 ވަރަކަށް ފޫޓް އުހުގައި ފުއްޓަރަށް ނުކުމެވޭގޮތަށް ލަކުޑިން ހަދާފައިވާ ޑެކްއެއް ނުވަތަ އަށްޓަކަށެވެ.
މިއީ ށ ގޮއިދޫއަށް ހެޔޮއެދޭ ގުރޫޕަކުން އިސްނަގައިގެން ޖާނާއި މާލުން ގުރުބާންވެގެން ތަރައްގީކުރި "ފުއްޓަރު އަށި" އެވެ. މި ގުރޫޕް ރަށަށް އޮތް ލޯބި ރަމުޒުކޮށްދޭނެ މި ނޭޗާ ޕާރކް ނިންމާ ހުޅުވާފައިވަނީ ހޮނިހިރުދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ށ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމާއި ގޮއިދޫ ކައުންސިލްގެ ރައީސް އިބުރާހިމް ޝާހިދު އަދި މި މަސައްކަތުގެ މޭސްތިރިޔާ މުހައްމަދު ޝަރީފެވެ.
ކޮފީމޭޒެއްގައި ދެކެވުނު ވާހަކައެއްގެ ތެރެއިން ފެށިގެން އައި މިމަސައްކަތަށް ކޮމިޓީއެއް އެކުލަވާލައި ހަގީގަތަކަށް ހެދުމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނެވެ. އެގޮތުން މާލީގޮތުންނާއި ފަންނީގޮތުން އަދި ތަކެތީގެ ގޮތުގައި ގިނަ ބައެއްގެ އެހީވި އެވެ. މި މަސައްކަތަކީ މުޅީންވެސް އެހީގެ ގޮތުގައި ލިބުނު ތަކެތިން ކޮށް ނިންމާފައިވާ އަދި ގިނަ ވަގުތުތަކެއް ހޭދަކޮށް އަމަލީ މަސައްކަތުގައި ގިނަ ބައެއްގެ އެހީތެރިކަން އެކި ގޮތްގޮތުން ލިބުނުކަން ކޮމެޓީގެ މެމްބަރު އަބްދުﷲ ނާހިދު ފާހަގަކުރެއްވި އެވެ.
ފުއްޓަރުއަށި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް 2021 ވަނަ އަހަރު ފެށިނަމަވެސް ތަފާތުއެކި ސަބަބުތަކާ ހެދި މަސައްކަތް ވަރަށް ބޮޑަށް ލަސްވި އެވެ. އެގޮތުން ކޮވިޑުގައި ރަށް މޮނިޓަރިންގެ ހާލަތުގައި ގިނަ ދުވަސްތަކަކު އޮތުމާއި މަސައްކަތަށް ބޭނުންވާ ތަކެތި ރާއްޖޭން ލިބުން ދަތިވުންފަދަ ގޮންޖެހުންތައް ކުރިމަތިވިއެވެ. ފުއްޓަރުއަށި ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ހުކުރުދުވަހު ކުރާ ގޮތަށެވެ. އެކަމަކު ހުކުރުދުވަހަކީ މަސައްކަތްކުރަން ކުޑަވަގުތުކޮޅެއް އޮންނަ ދުވަހެއްކަމުން މަސައްކަތް އަވަސްކުރުމުގެ ގޮތުން ހޮނިހިރުދުވަހަށް ބަދަލުކުރި އެވެ. ޖުމްލަ 65 ދުވަހުގެ މަސައްކަތުން މި ނޭޗާ ޕާރކް ތަރައްގީކޮށް ނިންމާލި އެވެ.
ގާތްގަނޑަކަށް މިލިއަނަކާއި ގާތްކުރާ ހޭދައެއްކޮށްގެން ތަރައްގީކުރި މި ނޭޗާ ޕާރކްގެ ކުރިމަތީގައި މަސްމަހާމެހިން ފުރިފައިވާ ފެންގަނޑެއްގައި އޮންނައިރު ކަނޑޫފާ ތެރެއިން ލާފައި ދިޔުމަށްޓަކާ ލަކުޑިން އަޅާފައިވާ ދިގު ފާލަމެއް އޮވެ އެވެ. ފާލަންމަތީގައި ހުންނައިރު ވަށައިގެންވާ ބޮޑެތި ގަސްތަކުން ގުދުރަތީ ފުރިހަމަކަން ބަލާ ފޫހިނުވެ އެވެ. ފާލަން ދަށުގައި އޮންނަ ފެންގަނޑުގައިވެސް ގިނަ އަދަދަކަށް މަސް އުޅެ އެވެ. އަދި ކުޅީގައި އުޅޭ ވެނާއި އެހެނިހެން ބާވަތްތަކުގެ ދިރޭތަކެތިވެސް އެތަނުން ފެނެ އެވެ.
15 ވަރަކަށް ފޫޓް އުހުގައި ހަދާފައިވާ ޑެކަށް އަރާ ބަލާލުމުން ވަށައިގެންވާ ރީތި މަންޒަރު ވަރަށް ފުރިހަމައަށް ފެނެ އެވެ. އާންމުކޮށް މިފަދަ ތަންތަން އެހެން ރަށްރަށުގައި ހުންނަނީ އިރުއޮއްސޭ މަންޒަރު ފެންނާނެހެން ބީޗް ކައިރީގައިވީނަމަވެސް ގޮއިދޫގެ މިޑެކަށް އަރާ ބަލާލުމުން ފެންނާނީ ފުއްޓަރެވެ. ރާޅުގަނޑާއި ވަށައިގެންވާ ރަށްތަކެވެ. މިއީ އިރުއަރާއި މަންޒަރާއި ހަނދު އަރާ މަންޒަރު ބަލަން މިއީ އެންމެ ހިތްގައިމު ތަނަށްވާނެކަން ޔަގީނެވެ. މިއީ މިތަން އެހެން ރަށްރަށާ ހުންނަ ތަފާތެކެވެ.
މިއީ ލޯކަލް ޓޫރިޒަމަށް ހުޅުވިގެންދިޔަ އިތުރު ދޮރެއް ކަމަށާއި މިކަމުގެ ސަބަބުން ގެސްޓް ހައުސް ވިޔަފާރިއަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އާރޯކަން ލިބިގެންދާނެކަމަށް ނާހިދު ފާހަގަކުރެއްވި އެވެ. އަދި މިއީ ގޮއިދޫގެ ތާރީހުގައިވެސް ރަށުގައި ހިންގުނު އިޖުތިމާއީ އެންމެ ބޮޑު މަސައްކަތެވެ.
މިތަން ހުޅުވާ ރަށު ކައުންސިލާއި ހަވާލުކޮށްފައިވާއިރު ކައުންސިލްގެ ރައީސް އިބުރާހިމް ޝާހިދު ވިދާޅުވީ، ތަން އިތުރަށް ތަރައްގީކޮށް އިތުރު ފުރިހަމަކަން ގެންނަ ކައުންސިލުން މަސައްކަތްކުރާނެ ކަމަށެވެ. ށ ގޮއިދޫއަކީ ކުޅުދުއްފުށިން ފުރައިގެން ގާތްގަނޑަކަށް 30 މިނެޓުން ދެވޭހާ ކައިރީގައިވާ ރަށެކެވެ.