އުތުރު ސަރަހައްދުގެ ކާރިސީ ހީރާސް ކުޑަކުރުމުގެ މަހާސިންތާ ކުޅުދުއްފުށީގައި ފަށައިފި އެވެ. މި މަހާސިންތާގައި ހއ، ހދ އަދި ށ އަތޮޅުން 75 މީހުން ބައިވެރިވެ އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ނޭޝަނަލް ޑީޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ބަދަލުވަމުންދާ ދުނިޔެއާއެކު މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލާއި މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ކާރިސާތަކުން ލިބޭ ގެއްލުންތަކުގެ ނާޒުކުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާއި ރާއްޖެ ކުރިއަރައިދާ މިންވަރަކު ކާރިސާތައް ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާކަމުގައި ހިސާނުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
އެގޮތުން ވޭތުވެދިޔަ ފަސްއަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރު އެންޑީއެމްއޭއަށް 53 ހާދިސާއެއް ރިޕޯޓްކުރެވިފައިވާއިރު މިދިޔަ 2024 ވަނަ އަހަރު 251 ހާދިސާއެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ހިސާނު ވިދާޅުވީ، ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން ދޭ އެހީތެރިކަންވެސް ބޮޑުތަނުން އިތުރުވެފައިވާކަމަށާއި އެގޮތުން 2020 ވަނަ އަހަރު 1.5 މިލިއަނުން ރުފިޔާ ހޭދަކުރިއިރު 2024 ވަނަ އަހަރު 9.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.
ހިސާނު ވިދާޅުވީ، މިދިޔަ އަހަރު ހއ ހދ އަދި ށ އަތޮޅުގެ 19 ރަށަކުން 38 ހާދިސާއެއް އެމްއެންޑީއޭއަށް ރިޕޯޓްކުރެވިފައިވާއިރު މިހާދިސާތަކުގެ އަސަރު 700 އަށްވުރެގިނަ މީހުންނަށް ޖުމްލަކޮށް 150 އަށްވުރެ ގިނަ ގެތަކަށް އެކިވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އާބާދީ އާއި ބަލާފަ ބޮޑެތި އަދަދުތަކެއްކަން ހިސާން ފާހަގަކުރެއްވި އެވެ.
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރު އުފެދި 18 ވަނަ އަހަރު އޮތޯރިޓީއަކަށް ބަދަލުވެގެން އައުމާއެކު އެންޑީއެމްއޭގެ ތައްސަވުރަކީ ކާރިސާތަކަށް ތައްޔާރުވެ ވިލުންވެރި ދިވެހި މުޖުތަމައުއެއް ބިނާކުރުން މި މަސައްކަތުގައި ކަމާގުޅޭ އެންމެހާ އިދާރާތަކާއި އާންމު ރައްޔިތުން ހިމެނިގެން ކޮމިއުނިޓީ ސެންޓަރުގެ ދަށުން ކާރިސީ ހީރާސް ކުޑަކުރުމުގެ މަސައްކަތްތައް ކުރުންކަމުގައި އެންޑީއެމްއޭގެ ސީއީއޯ ހިސާނު ވިދާޅުވި އެވެ.
މި މަހާސިންތާގެ މަގުސަދަކީ އުތުރުގެ ރަށްތަކުގައި ކާރިސާތަކަށް ތައްޔާރުވުމާއި މޫސުމީ ބަދަލުތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކުރުމަށް ކުރެވިދާނޭ ކަންކަމާއި ބެހޭގޮތުން މަޝްވަރާކޮށް، ރަށްތަކުގެ ގާބިލުކަން އިތުރުކުރުމާއި، ވިލަރެސްކުރުން ހަރުދަނާކުރުމުގެ އިތުރުން، ކާރިސީ ހީރާސް ކުޑަކުރުމަށް އަމަލީގޮތުން މުޖުތަމައުގެ ބައިވެރިވުމާއެކު ހައްލުތައް ހޯދުމެވެ.
މިއަދު ފެށުނު މި މަހާސިންތާގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް، ދިވެހި ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނަރަލް ފާތިމަތް ހިމްޔާ އަދި ލޯކަލް ގަވަރމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާރިފް އަދި ހއ އަތޮޅާއި ށ އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން މިސަރަހައްދުގެ ކައުންސިލްތަކުގެ ރައީސުންނާއި މުއައްސަސާތަކުން ބައިވެރިވެލެއްވި އެވެ.