ރާއްޖޭން އަލުން ގަތަރާއެކު ހާރިޖީ ގުޅުން ގާއިމުކުރުމަށް ނިންމައި، އެކަން ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ. މިކަން އިއުލާން ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެެއްގަ އެވެ.
މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖޫން، 2017 ގައި ރާއްޖެއިން ގަތަރާ އެކު އޮތް ހާރިޖީ ގުޅުންތައް ވެސް ނިމުމަކަށް ގެނައީ ސައުދީ އަރަބިއްޔާ އާއި ގަތަރުގެ ގުޅުން ގޯސްވެ، ސައުދީއިން ގަތަރާ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެންނެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ގަލްފު ސަމިޓަށް ފަހު، ގައުމުތަކުން އެއްބަސްވި އެއްބަސްވުންތަކަށް ރާއްޖެ އިން މަރުހަބާ ކިޔާ ކަމަށެވެ. ޝާހިދު ވިދާޅުވީ، ގަތަރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައި، އެ ގައުމާ އެކު އަލުން ގުޅުން ގާއިމުކުރަން ރާއްޖެ އިން ނިންމާފައިވާ ކަމަށެވެ.
ރާއްޖެއާއި ގަތަރާ ދެމެދު އެންމެ ފުރަތަމަ ހާރިޖީ އަދި ސިޔާސީ ގުޅުން ގާއިމުކުރީ 1984 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގަ އެވެ. ގަތަރަކީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދޭ، އަދި ބޮޑެތި އިންވެސްޓްމެންޓްތަކެއް ވެސް ގެނެސްފައިވާ ގައުމެކެވެ.