twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ފްރޮންޓްލައިން އެލަވަންސްއެއް ނުލިބޭ!

- ކުޅުދުއްފުށިން ހަމައެކަނި އެލަވަންސް ލިބުނީ ސިފައިންނަށާއި ފުލުހުންނަށް
- އަތޮޅުތެރޭގައި މަސައްކަތްކުރާ ގިނަ އޮފިޝަލުންނަށް އެލަވަންސްއެއް ނުލިބޭ

އަބްދުލް ވާހިދު ޙަސަން
Jan 10, 2021
6

ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކޮށް ބަލި ކޮންޓްރޯކުރުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ދޭ ހާއްސަ އެލަވަންސް، ކުޅުދުއްފުށީގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މިހާތަނަށްވެސް ލިބިފައިނުވާކަމަށް ބައެއް މުވައްޒަފުން ބުނެފި އެވެ.

ކޮވިޑް-19 ގެ ހާލަތުގައި އަތޮޅުތެރޭގައި އެންމެ ބޮޑަށް ބިޒީވި ރަށަކީ ކުޅުދުއްފުއްޓެވެ. އެ ދުވަސްތަކުގައި ސަރަހައްދުގެ ރައްޔިތުންނަށާއި ރާއްޖޭގެ އެކި ހިސާބުތަކުން ބޭސް ފަރުވާއަށާއި އެހެނިހެން ޒަރޫރީ ހިދުމަތްތައް ހޯދުމަށް ކުޅުދުއްފުއްޓަށް ދަތުރުކުރި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް 24 ގަޑިއިރު ސިއްހީ މުވައްޒަފުންނާއި ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރި އެވެ.

އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސިއްހީ ހިދުމަތްތެރިންގެ އިތުރުން، އެންމެ ގާތުން ހަރަކާތްތެރިވީ ސިވިލް ސާވިސް މުވައްޒަފުންނެވެ. ކޭއޯއާ ވާހަކަ ދެއްކި ސިއްހީ ދާއިރާގެ މުވައްޒަފުން ބުނީ، އެ މީހުން ހިދުމަތްކުރަނީ ފްރޮންޓްލައިން އެލަވަންސް ހޯދުމަށް ބޭނުންވެގެން ނޫން ކަމަށާއި އެކަމަކު ސަރުކާރުން ފްރޮންޓްލައިން އެލަވަންސް ދިނުމަށް ނިންމާ، އެލަވަންސް ބައެއް ފަރާތްތަކަށް ދޭކަމަށްވާނަމަ އެކަން ކުރަން ޖެހޭނީ އިންސާފުވެރިކަމާއެކު ކަމަށެވެ.

"އަޅުގަނޑުމެންނާ ދިމާލަށް މީހުން އެބަ ބުނޭ ކަލޭމެން ތިޔަ ދުވަނީ ދައުލަތުން ލާރި ދޭތީއޭ. އެކަމަކު އަޅުގަނޑުމެންނަކަށް ޕްރޮންޓްލައިން އެލަވަންސްއޭ ކިޔާފަ މިހާތަނަށް އެންމެ ރުފިޔާއެއްވެސް ނޯނާނެ ޖަމާކޮށްދީފައެއް." ކުޅުދުއްފުށީގައި ޕްރޮންޓްލައިންގައި އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮވިޑްގެ ބައެއް ކޭސްތައް ކުޅުދުއްފުށިން ފެނުނުއިރު ދުވަސްވަރުވެސް އެލަވަންސެއް ނުލިބޭ ކަމަށެވެ. އަދި ހިދުމަތްކުރަނީ އެލަވަންސް ހޯދުމަށް ނޫން ކަމަށާ އެކަމަކު އެހެންބުނެ ދައުލަތުގެ އެތަކެއް ފައިސާތަކެއް ބައެއް ފަރާތްތަކަށް ދިނުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

"ފުނަދޫގައި ހުރި ކޮވިޑް ސެންޓަރުގައިވެސް ކޭއާރުއެޗުގެ ޑޮކްޓަރުން މަސައްކަތްކުރި. އަޅުގަނޑަކަށް ހިޔެއްނުވޭ އެ ސެންޓަރުގައި މަސައްކަތްކުރި އެއްވެސް މުވައްޒަފަކަށް އެލަވަންސް ލިބުނުހެނެއް." ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެހެން މުވައްޒަފަކު ބުންޏެވެ.

އެންމެ ފަހުން ފިނޭންސް މިނިސްޓްރީން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު ފްރޮންޓްލައިންގައި މަސައްކަތްކުރާ 10180 މުވައްޒަފަކަށް 90.32 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

މައުލޫމާތު އެނގޭ ބައެއް ބޭފުޅުން ވިދާޅުވީ، ކުޅުދުއްފުށީގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ ސިއްހީ މުވައްޒަފުންގެ އިތުރުން ސޯޝަލް ސަޕޯޓް ޑެސްކްގައި އާއި ބަނދަރު ސެކިއުރިޓީގައި ހަރަކާތްތެރިވި، އަދި އެއާޕޯޓަށްގޮސް ކަރަންޓީނުގެ ކަންކަންކުރަން ހަރަކާތްތެރިވި ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފަކަށް އެލަވަންސް ނުލިބޭ ކަމަށެވެ. ނަމަވެސް ކުޅުދުއްފުށީގައި މަސައްކަތްކުރި ފުލުހުންނަށާއި ސިފައިންނަށް އެލަވަންސް ލިބުނު ކަމަށެވެ.

އެހެން މުވައްޒަފަކު ވިދާޅުވީ، ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅާއި އެހެނިހެން ވަރަށް ގިނަ ރަށްތަކުގައި މަސައްކަތްކުރާ ސިއްހީ މުވައްޒަފުންނަށްވެސް އެލަވަންސް ނުލިބޭ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދޭން ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ އެޕްރީލްމަހު އެވެ.

އެ އެލަވަންސް ދެނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ކެޓަގަރީ އަކީ ހައި ރިސްކް ކެޓަގަރީ އެވެ. އޭގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަންޖެހޭ މީހުންނެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހުންނާއި ލެބޯރެޓަރީ އަދި ބަލި މީހުން އުފުލާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނެވެ. ބަލި މީހުން އެޑްމިޓް ކޮށްފައިވާ ތަންތަނަށް ވަންނަން ޖެހޭ މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އެ ކެޓަގަރީ އަށް އެލަވަންސްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ އެވެ. މީޑިއަމް ރިސްކް ހިމެނެނީ ދެ ވަނަ ކެޓަގަރީގަ އެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތް ކުރާ މީހުންނާ އެކުގައި މަސަައްކަތް ކުރަން ޖެހޭ މީހުންނެވެ. އެ މީހުންނަށް އެލަވަންސެއްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 250 ރުފިޔާ އެވެ.

ތިން ވަނަ ކެޓަރީއަކީ ކުރީގެ ދެ ކެޓަގަރީ އަށް ނުފެތޭ މީހުންގެ ތެރެއިން، ކޮވިޑް-19 ގެ މަސައްކަތްތައް ކުރަން އޭރު އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރާ މީހުންނެވެ. އެ މީހުންނަށް ދޭނީ މަަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355