ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދިއްދޫގެ ކުނިކޮއްޓާއި އެރަށުގެ އެހެން ސަރަހައްދުތަކުގައި ހުރި ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.
އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ހާޝިމް ކޭއޯއަށް މައުލޫމަތު ދެމުން ވިދާޅުވީ ކުނިކޮށީގެ އިތުރުން ރަށުގެ އެހެން ސަރަހައްދުތަކުގައި ހުރި ކުނި ނެގުމުގެ މަސައްކަތްވެސް ވެމްކޯއިން ކުރަމުންދާކަމަށެވެ.
ކުނީގެ މައްސަލައަކީ ދިއްދޫއަށް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ ހާޝިމް ވިދާޅުވީ ކުނިކޮށި އޮންނަ ހިސާބަކީ ރައްޔިތުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ތަނަކަށްވާތީ އެކަމުން ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިވާކަމަށެވެ.
މިއީ ކައުންސިލްގެ އެދުމުގެ މަތިން ވެމްކޯއިން ކުރަމުން އަންނަ މަސައްކަތެކެވެ. ދާދި ފަހުން ވެމްކޯއިން ވަނީ ހއ އަދި ހދ އަތޮޅުގައި އުފެދޭ ކުނި މެނޭޖުކުރުމަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުވުމަށް އެ ދެ އަތޮޅަށް ދަތުރުތަކެއް ކޮށްފައެވެ. މި ދަތުރުތަކުގައި ރަށްރަށުގެ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކުރައްވާފައެވެ.
އެގޮތުން ވެމްކޯ ޓީމާ ދިއްދޫ ކައުންސިލުން ބައްދަލުކޮށް އެރަށުގައި ކުނި މެނޭޖުކުރުމަށް ދިމާވެފައިވާ ދަތިތައް ހިއްސާކޮށްފަ ކަމަށް ހާޝިމް ވިދާޅުވި އެވެ.
ހާޝިމް ވިދާޅުވީ މީގެ ކުރިން އާންމުކޮށް ކުނި މެނޭޖުކުރަމުންދަނީ އަންދައިގެން ކަމަށެވެ. މިކަން ދާއިމީގޮތެއްގައި ކައުންސިލުން ކުރަން ބޭނުންކަމަށާއި ނަމަވެސް މިއީ ބޮޑު ހަރަދެއް ހިނގާކަމެއް ކަމުން އެކަން ދާއިމީކޮށް ކުރުމަށް ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. ދިއްދޫއިން ނަގާކުނި ގެންދަން ނިންމާފައިވަނީ ތިލަފުއްޓަށެވެ.