twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޝޭމް ނުވި ކޭކް!

ޙަސަން އިޔާން
Jan 11, 2021
4

"ޝޭމް އޮން ޔޫ"، "ވަރަށް ވެސް ލަދުވެތި"، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުން އެކަމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ) ބައިވެރިވެވަޑައިގެންނެވުމުން އެމްޑީޕީ އިސް ބޭފުޅުންގެ ބަސް މަގު ހުރީ މިހެނެވެ. މިކަމުގައި އަހަރެމެން ވިސްނަން ޖެހޭ ކަމެއް އޮތެވެ!

ފައިރޫޝް ރިޓަޔާ ކުރެއްވީ 20 އަހަރު ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރެއްވުމަށްފަހު އޮސްޓްރޭލިޔާގެ ޔުނިވާސިޓީއަކުން ވަޒީފާ ހަމަޖެހުމުންނެވެ. އޭނާ، ފުލުހުންގެ ވަޒީފާ ދޫކުރެއްވީ އާ ގާނޫނަކުން އޭނާ ބައްދާލަން އުޅޭތީ ކަމެއް ނުވަތަ ނޫން ކަމެއް އެއީ މިތަނުގައި ބަހުސެއް ނޫނެވެ. އެހެން ކަމަށް ވެސް ވެދާނެއެވެ. ފައިރޫޝްއަކީ ފުލުހުންގެ ބޭފުޅެއް ނަމަވެސް ސިޔާސީ ވެފައި އޮތް ނަމެކެވެ. ހަތެއް ފެބުރުއަރީގެ ގަޑުބަޑުގައި ފައިރޫޝްގެ ނަން ވެސް ކިލަނބުވެފައިވެއެވެ. އެ ދުވަހު ފުލުހުން ހިންގުމާ އަމިއްލައަށް ފައިރޫޝް ހަވާލުވެވަޑައިގެންނެވިއެވެ. އެމްޑީޕީއަށް ފައިރޫޝް "ބާޣީ"އަކަށް ވަނީ އެހެންވެއެވެ.

ކޮންމެއަކަސް ހަތެއް ފެބުރުއަރީއަކީ އެމްޑީޕީގެ ހިތަކުން ފިލާނެ ގިލަންގަނޑެއް ނޫނެވެ. އެ މަންޒަރު ފައިރޫޝް ކޭކް ފެޅުއްވި ދުވަހު އެ ފެނިގެން ދިޔައީއެވެ. ފައިރޫޝް، ރިޓަޔާ ކުރެއްވުމުން އޭނާ ކުރެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނާއި އަލްވަދާއު ކިޔުމުގެ ގޮތުން ސީޕީ ހަމީދު ބައިވެރިވެވަޑައިގެން ކޭކެއް ފެއްޅެވިއެވެ. ސީޕީ ހަމީދަކީ ހަތެއް ފެބުރުއަރީއަށްފަހު ފުލުހުންގެ އިދާރާ ދޫކޮށްލައްވަން ޖެހުނު އޮފިސަރަކެވެ. އޭނާއަށް އަލުން ވަޒީފާ ލިބުނީ މި ސަރުކާރު އައި ފަހުން ކޯޓުން ހުކުމްކޮށްގެންނެވެ.

ފައިރޫޝް ވެސް އެހެނެވެ. އޭނާއަށް ވެސް ކުރީ ސަރުކާރުގެ ތެރޭގައި ވަޒީފާ ގެއްލުނެވެ. އޭރު އަޑު އެރި ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ބައެއް ސިޔާސަތުތަކަށް ފައިރޫޝް އެއްބަސްވެވަޑައިނުގަންނަވަނީއެވެ. އޭނާ ފާޅުގައި ބައެއް ކަންކަމަށް ފާޑު ވެސް ވިދާޅުވިއެވެ. އެހެންވެ އޭނާ އެ ތަނުން ބޭރުވާން މަޖުބޫރުވީއެވެ. ފައިރޫޝް ވަޒީފާއިން ވަކިކުރި ގޮތް ގޯސްވެ އޭނާއަށް އަލުން ފުލުހުންގެ ވަޒީފާ ހަމަޖެހުނީ މި ސަރުކާރުގައެވެ.

ފައިރޫޝްގެ އަލްވަދާއު ކޭކް، އެމްޑީޕީގެ ބޭފުޅުން "ޝޭމް"އެއްގެ ގޮތުގައި ސިފަ ކުރައްވައި ވަރަށް ވަރުތަކެއް އަރުވާލެއްވިއެވެ. އެ ބޭފުޅުން ސީޕީ ހަމީދަށް ވެސް ވަރަށް އެއްޗެހި ގޮވިއެވެ. އެ ކޭކެއް ފެޅުމުގެ ހަފުލާގައި ހަމީދު ބައިވެރިވަޑައިގަތުމަކީ ކުރެއްވޭނެ އެންމެ ލަދުވެތިކަން ގޮތުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މަޖިލިސް މެންބަރުން ވެސް ވަނީ ވިދާޅުވެ ޓްވީޓްތައް އަމުނައްވާފައެވެ. އެކަމަކު، މިއީ ވަރަށް ބޮޑަށް އަސްލު އޮޅުވާލާފައިވާ "ޝޭމް"އެކެވެ.

ފުރަތަމަ ބަލަން ޖެހެނީ ހަތެއް ފެބުރުއަރީގެ އެ "ބަޣާވާތަށެވެ". އެއީ ބަޣާވާތެއްނަމަ، އޭގެ ބޮޑު ބާޣީއަކީ ގައިމު ވެސް ފައިރޫޝްއެއް ނޫނެވެ. އެމްޑީޕީ ވެސް ގަބޫލު ކުރާ ހަމައަކީ އެވެ. އެމްޑީޕީއިން ދެކޭ ގޮތުގައި އޭގެ އަޑީގައި ތިބި ބޮޑުންނަކީ އޭރު އިދިކޮޅު ލީޑަރުންނެވެ؛ ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި އަބްދުﷲ ޔާމީނެވެ. ގާސިމް އިބްރާހިމާއި ތަސްމީނާއި އިމްރާން އަބްދުﷲއެވެ. އޭގެ ތެރެއަށް އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު އަހުމަދު ވެސް ވަދެއެވެ. މިއީ ބޮޑުންނެވެ. އެންމެ ހަރު "ބާޣީއިންނެވެ." އޭގެ ކުޅި ބައި އަތުރައްވަން ތިއްބެވީ އެ ބޭފުޅުންނެވެ. އެހެންކަމަށްވާނަމަ، ފައިރޫޝްއަކީ އެ ބޭފުޅުންގެ ކުޅިބައިގެ އެއް މޮހޮރާއެވެ. – އެމްޑީޕީގެ ބަހުރުވައިންނަމައެވެ. –

މިހާރު ކުޅިބައި އަތުރައްވަން ފަތްވައްކޮށްގެން ތިއްބެވި ބޭފުޅުން ކޮބައިތޯއެވެ؟ ރައީސް މައުމޫނާއި އިމްރާން އަދި ގާސިމަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންނެވެ. ރައީސް ޔާމީން ފިޔަވައި އެހެން ހުރިހާ ބޭފުޅުން ތިއްބެވީ އެމްޑީޕީގެ ކޮށި ތެރޭގައެވެ. އެމްޑީޕީގެ ކެންޑިޑޭޓް، ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވީ އެ ބުނާ ހަރު "ބާޣީންނެވެ." އެ ލީޑަރުންގެ ތާއިދު ނެތި އެމްޑީޕީއަށް ވެރިކަމުގެ ގޮނޑި ފެންނަން އޭރު ސިޔާސީ މަޝްރަހުގައި ނެތެވެ. "ބާޣީ"އިންނަށް ހަގީގަތު ވެސް އެމްޑީޕީއިން ގާޒީގެ ދަރަޖަ ދިނެވެ. އިއްޒަތާއި ލޯބި ބަރުތީލަކުރިއެވެ. އިންތިހާބު ކާމިޔާބުކޮށް ސަރުކާރު ވެސް އުފެއްދީއެވެ. ކޭކް ވެސް ފެޅިއެވެ. ބޮޑު ކޭކެވެ. ކޯލިޝަން ކޭކެވެ. އެ ކޭކަށްވީ މުޅި ދައުލަތެވެ. ކެބިނެޓެވެ. ސިޔާސީ މަގާމުތަކެވެ. ކުންފުނިތަކުގެ ވެރިންނެވެ. ބޯޑު މެންބަރުންނެވެ. ކޯލިޝަން ވެރިންނާއެކު އެ ކޭކް ފެޅީ އެންމެން އެކަމަށް އަތްޖަހަމުންނެވެ. އޭގައި "ޝޭމް"އެއް ނެތެވެ. ހަމަ އެކަކު ވެސް އެހެނެއް ނުބުނެއެވެ. އެކަމަކު، ފައިރޫޝްގެ ކޭކް، "ޝޭމް" ވަންޏާ ކޯލިޝަން ކޭކް އަދި އެއަށްވުރެ "ޝޭމް" ނޫން ހެއްޔެވެ؟ އެ ކޭކެއް ފެޅީ ހަރު މީހުންނާއެކު ވިއްޔާއެވެ. މިއީ ސުވާލެވެ. ސިޔާސީ ވެރިން ޖަވާބު ނުދޭނެ ސުވާލެވެ. މީގެ ޖަވާބާމެދު ވިސްނަން ޖެހޭނީ ރައްޔިތުންނެވެ. އަހަރެމެންނެވެ.

ޖަވާބު ވަރަށް ކުރުވެފަ، ސާފެވެ؛ އެއިރަކު ސިޔާސީ ފައިދާ އޮތް ގޮތެއް ވަރިހަމައެވެ. ކޯލިޝަން ކޭކް ފެޅީ އެގޮތަށް ސިޔާސީ ފައިދާ އޮވެގެންނެވެ. ފައިރޫޝްގެ ކޭކް ކަމުނުދިޔައީ މިހާރަށް ސިޔާސީ ފައިދާ އެގޮތަށް އޮތުމުންނެވެ. އިހްލާސްތެރިކަމުގެ އަލިފު ވެސް މިތަނުގައި ލިޔަން އުޅޭނެ ކަމެއް ނެތެވެ. އެޔެއް ނެތެވެ. ސިޔާސީ ކިލަނބުގައި ގައުމު ހަމަ މަގަށް ނޭޅި، އަމާން ނުވެގެން މިއުޅެނީ މި އިހްލާސްތެރި ހިތެއް ސިޔާސީ ވެރިންގެ ތެރޭގައި ނެތުމުންނެވެ. އެ ވެސް "ޝޭމް"އެވެ. މި ވެސް "ޝޭމް"އެވެ!

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355