ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާއިން އުފައްދާފައިވާ ވެކްސިން ވަރަށް އަވަހަށް ރާއްޖެއަށް ލިބޭނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެ އެވެ.
ސަފީރު މިހެން ވިދާޅުވީ އިންޑިއާގެ އެހީގައި ހެދި ސިންތެޓިކް ޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަފީރު ވިދާޅުވީ ބޭސް އުފައްދާ އެންމެ ބޮޑު ގައުމުގެ ހައިސިއްޔަތުން އަވަށްޓެރިންނަށް އިންޑިއާ އިން ވެކްސިން ފޯރުކޮށްދޭނެ ކަމަށާއި އޭގެ ތެރެއިން ވެސް ރާއްޖެއަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އިޖާބަދޭނީ އިންޑިއާއިން ކަމަށް ވިދާޅުވެފައެވެ.
އިންޑިއާ އަކީ ފާމަސޫޓިކަލް ބޮޑެތި ކުންފުނިތައް ހިމެނޭ ގައުމަކަށް ވުމުން އިންޑިއާގެ ނެއިބަރހޫޑް ފަސްޓް ޕޮލިސީގެ ދަށުން އަވައްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވެފައިވާ ބަސްފުޅު ތަކުރާރުކުރައްވާ އިންޑިއާއިން ވަނީ ނެއިބަރހޫޑް ޕޮލިސީގެ ދަށުން ވެސް ރާއްޖެއަށް ހާއްސަ އިސްކަމެއް ދޭނެކަމަށް ތަކުރާރުކޮށް ބުނެފައެވެ.
އެ ގައުމުގައި ދެ ވެކްސިނަކަށް ހުއްދަ ދީފައިވާއިރު އެ ދެ ވެކްސިނަކީ އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފެއްދި ކޮވިޝީލްޑާއި އިންޑިއާގެ ބާރަތު ބަޔޯޓެކުން އުފެއްދި ކޮވެކްސިން އެވެ.
އިއްޔެ އިންޑިއާ އިން ވަނީ ދުނިޔޭގައި ކުރިއަށް ގެންދެވޭ އެންމެ ބޮޑު ވެކްސިން ދިނުމުގެ ޕްރޮގްރާމް އެގައުމުގައި ފަށާފައެވެ. އިންޑިއާގެ 1.3 ބިލިއަން މީހުންގެ މުޅި އާބާދީއަށް ވެކްސިން ދިނުމުގެ އަމާޒުގައި އެގައުން ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާ އިރު، އެގައުމުގެ ގިނަ އަދަދެއްގެ ފާމަސޫޓިކަލް ކުންފުނިތަކަކުން ދަނީ ވެކްސިން އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ.