twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމު ބޮޑުކޮށް، ހދ އަތޮޅު ވޮލީބޯޅަ މުބާރާތް މާރޗުމަހު ބާއްވަނީ

އަބްދުލް ވާހިދު ޙަސަން
Jan 25, 2021

ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމު ބޮޑުކޮށް، ހދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ވޮލީބޯޅަ މުބާރާތް މިއަހަރުގެ މާރޗުމަހު ބާއްވާނެކަން އަތޮޅު ކައުންސިލުން އިއުލާނުކޮށްފި އެވެ.

ދެ ޖިންސަށް ވަކިން، ހުޅުވާލައިގެން ބާއްވާ މި މުބާރާތް ބޭއްވުމަށް ކައުންސިލުން ނިންމީ މިދިޔަ ހަފުތާ ބޭއްވި އެކައުންސިލްގެ ބައްދަލުވުމުން ފާސްކޮށްގެންނެވެ.

މުބާރާތް މާރޗުމަހު ބޭއްވުމަށް ނިންމިއިރު މިއަހަރު ވަނީ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމު ބޮޑުކޮށްފަ އެވެ. އެގޮތުން ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 15000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އެންމެ ފަހު 2019 ވަނަ އަހަރު މި މުބާރާތް ބޭއްވިއިރު ޗެމްޕިއަން ޓީމަށް ދީފައިވަނީ 10000 ރުފިޔާ އެވެ.

އެކަމަކު ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުވެސް ފައިސާގެ އިނާމު ދިން އަދަދުކަމަށްވާ 7000 ރުފިޔާ އެވެ. 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ދެ ބައިންވެސް ޗެމްޕިއަކަން ހޯދީ ކުޅުދުއްފުއްޓެވެ.

އަތޮޅު ކައުންސިލުން މިމުބާރާތް ހޯސްޓްކުރުމަށް ބޭނުންވާ ފަރާތްތަކަށް މިއަދު ފުރުސަތު ހުޅުވާލާފައިވާއިރު ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރަށު ކައުންސިލްތަކަށާއި، އަތޮޅުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލަބް ޖަމްއިއްޔާތަކަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުން އަންނަ ފެބްރުއަރީ މަހުގެ 2 ގެ ނިޔަލަށް ކުރިއަށް ގެންދެވޭނެ ކަމަށާއި އަދި އެކަމާގުޅޭ މައުލޫމާތު ސެޝަނެއް 28 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އެކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

އަތޮޅު ކައުންސިލުން ބުނީ ޕްރޮޕޯސަލްތައް ހުށަހެޅުން އޮންނާނީ 03 ފެބުރުއަރީ 2021 ވާ ބުދަ ދުވަހުގެ 11 ޖަހާއިރު އެ ކައުންސިލް އިދާރާގެ މާލަމުގައި ކަމަށެވެ. 2020 ވަނަ އަހަރު މި މުބާރާތް ބާއްވާފައިނުވާއިރު 2019 ވަނަ އަހަރު މި މުބާރާތުގައި އަންހެން 6 ޓީމަކާއި ފިރިހެން ހަތަރު ޓީމެއް ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355