twitterviber whatsapp telegramfacebookyoutube instagram
9th May 2024

ހދ އަތޮޅުން ށ އަތޮޅާ ހަމައަށް ހައިޑްރޯގްރެފިކް ސާވޭއެއް ހިންގަނީ

ޚަދީޖާ އާދަމް
Jan 31, 2021

އެމްއެންޑީއެފް އާއި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ސާވޭ ފެށުމަށް އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" ރާއްޖެ އަތުވެއްޖެއެވެ.

ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ފެށުމަށް ރޭވިފައިވާ ރާއްޖޭގެ ނެވިގޭޝަން ޗާޓު އަޕްގްރޭޑްކުރުމުގެ މަސައްކަތްކުރުމަށް އިންޑިއަން ނޭވީ ޝިޕް ދަރްޝަކް ރާއްޖެ އައިސްފައިވަނީ އާދިއްތަ ދުވަހުއެވެ. ސަވޭ ދަތުރުގައި 31 ޖެނުއަރީ އިން ފެށިގެން އަންނަ މާޗް 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެއެވެ.

މި ސާވޭ ކުރުމަށް ހަމަޖެހިފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. މިގޮތުން މި މުއްދަތުގެ ތެރޭގައި އެންމެ ފުރަތަމަ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހދ އަތޮޅުން ފެށިގެން ށ އަތޮޅާ ހަމައަށެވެ. މި ސަރވޭގައި ހދ ކުޅުދުއްފުށި އިންޓަރނޭޝަނަލް ސީޕޯޓްގެ ލާޖް ސްކޭލް އެޕްރޯލް ޗާޓު ވެސް ހިމެނިގެންދާނެއެވެ.

ދިވެހިރާއްޖޭގެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޓަކައި ކުރަން ރާވާފައިވާ މި މަސައްކަތަކީ ކަމާ ގުޅުންހުރި ރާއްޖޭގެ އިދާރާތަކުގެ ފުރިހަމަ ބައިވެރިވުމާ އެކު މި މުއްދަތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސަވޭއެއް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސަރވޭއަކީ ދިވެހިރާއްޖޭގައި ނިޔަމިކަމަށް ބޭނުން ކުރަމުން އަންނަ ކަރުދާސް ޗާޓާއި ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި އެންކަރޭޖް އަދި އެޕްރޯޗް ޗާޓު ހެދުމަށްޓަކައި ކުރެވޭ ސަވޭއެކެވެ.

މިފަދަ ސަރވޭއެއްގެ އަލީގައި ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާކަމުގައިވާ ފަރަށް އެރުންފަދަ ހާދިސާތައް މަދުކުރެވި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވި އޮޑިވެރިންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355