twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ފޯރުކޮށްދެވޭނެކަމުގައި ރައީސް ވިދާޅުވެއްޖެ

Feb 1, 2021
2

ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ކުރިއަށްއޮތް ހަ މަސްދުވަހުގެ ތެރޭގައި ކޯވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ކޯވިޑް-19 ދިފާއު" ކެމްޕޭން ރަސްމީގޮތުން ފައްޓަވައިދެއްވުމަށް މިއަދު ހެނދުނު މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކެމްޕޭންގެ ދަށުން މިއަދު އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައި ވަނީ، ކޯވިޑް-19 އިޖާބައިގެ ދަށުން ކުރަމުންދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރައްވާ އެއް ބޭފުޅެއް ކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރު ޑޮކްޓަރު ޝިރާނީ އަބްދުއްރަހްމާނެވެ.

ރައީސް ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމުގެ ގޮތުން ވެކްސިން ޖެހުމުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލެއްވުން ބޭނުންފުޅުވާނެ ކަމުގައެވެ. އަދި، މި ބަލިމަޑުކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއަށް މިއަދާ ހަމައަށް އާދެވުނީ، ސިއްހީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓައި، ރައްޔިތުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމާއި އެކުގައި ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މާލެއާ އެކުގައި އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ވެސް ވެކްސިން ޖެހުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. މާލެ ސިޓީގައި ވެކްސިން ޖެހުން ކުރިއަށްގެންދާނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭ.ޑީ.ކޭ. ހޮސްޕިޓަލް، އަދި ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ލިބިފައިވަނީ 2021 ޖަނަވަރީ 20 ވަނަ ދުވަހުއެވެ. މިއީ، ރައްކާތެރިކަން ކަށަވަރުކޮށް، ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ދީފައިވާ ވެކްސިނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355