twitterviber whatsapp telegramfacebookyoutube instagram
8th May 2024

ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހި ފުރަތަމަ މީހަކަށް ޑރ ޝިރާނީ، ކުޅުދުއްފުއްޓަށް ހާއްސަ އުފަލެއް

ޚަދީޖާ އާދަމް
Feb 1, 2021
3

މިއަދު ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވާއިރު ވެކްސިން ޖެހި ފުރަތަމަ ބޭފުޅަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ޑރ ޝިރާނީ އަބްދުއްރަހްމާނެވެ. ކޮވިޑް-19 ގެ ބިރުވެރިންކަން ރާއްޖޭގައި ފެތުރިގަތް ދުވަސްވަރު ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމްކުރި މެޑިކަލް ފެސިލިޓީގައި ބަލިމީހުންނަށް ފަރުވާ ދިނުމަށް އެންމެ ގާތުން އެންމެ ގިނަ ދުވަސްވަންދެން މަސައްކަތްކުރި އެއް ބޭފުޅަކީ ޑރ ޝިރާނީ އެވެ.

ފްރޮންޓަލައިންގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ކޮވިޑްގެ ދުވަސްވަރަކީ ބުރަ އަދި އެހާމެ ހިތްދަތިވެސް ދުވަސްތަކެކެވެ. ޔަގީނުންވެސް ރާއްޖެއަށް ކޮވިޑް ވެކްސިން ގެނެސް ވެކްސިން ދޭން ފެށުން ވެގެންދާނީ އެބޭފުޅުންނަށް އުފާވެރިކަމަށެވެ.

ޝިރާނީ ވިދާޅުވީ ފުރަތަމަ ވެކްސިން ޖަހަން ޖެހުމުން އެއްވެސް ވަރަަކަށް ޖެހިލުން ނުވާކަމަށާއި މިއީ ވަރަށް އުފާވެރިދުވަހެއް ކަމަށެވެ.

"ބުނެލަން ބޭނުންވާނީ އެންމެންވެސް ވެކްސިން ޖަހާށޭ، އެންމެން އިމިއުން ވެގެން ބެކް ޓު ނޯމަލް ލައިފަކަށް ދެވޭނީ". ކޭއޯއާ ވާހަކަދައްކަވަމުން ޝިރާނީ ވިދާޅުވި އެވެ.

ފުރަތަމަ ވެކްސިން ޖެހުމުގެ ފުރުސަތު ލިބުނީ ރައީސް އޮފީހުގެ ސިއްހީ ކަންކަމާއި ހަވާލުވެ ހުންނެވި އަންޑަރ ސެކްޓެރީ ޑރ މަލިކްގެ ފަރާތުންކަން ޝިރާނީ ފާހަގަ ކުރެއްވި އެވެ.

ވެކްސިން ޖެހުމަށް ފަހު މީޑީއާތަކަށް ދެއްވި އިންޓަވިއުއެއްގައި ޝިރާނީ ވިދާޅުވީ ފުރަތަމަ ވެކްސިން އެއްބަސް ވީ ރައްޔިތުންނަށް ނަމޫނާއަކަށް ވުމަށް ކަމަށާއި ވެކްސިން ޖެހުމަށް ބުނުމުގެ ބަދަލުގައި އަމިއްލައަށް ވެކްސިން ޖަހާފަ އެ މެސެޖް އެންމެނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ފްރަންޓްލައިންގައި މަސައްކަތް ކުރާވާއިރު ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހޭ ކަމަށް ގަބޫލު ކުރާކަމަށް ޝިރާނީ ވިދާޅުވި އެވެ.

ވެކްސިން ޖެހުމަށް ފަހު އެއްވެސް އުދަނގުލެއް ނުވާކަމަށާއި ވެކްސިން ޖެހުމަށް ފަހު ދިޔައީ އެނބުރި މަސައްކަތަށް ކަމަށެވެ.

ޝިރާނީ ވަނީ ކޮވިޑް ފެސިލިޓީގައި މިދިޔަ އަހަރުގެ މާޗުމަހުން ފެށިގެން ޑިސެންބަރު މަހުގެ އެއްވަނަ ދުވަހާއި ހަމައަށް މަސަައްކަތް ކޮށްފައެވެ.

ރާއްޖޭގައި ދޭން ފަށާފައިވަނީ ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. މާލޭގެ އިތުރުން ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައިވެސް މިއަދު ވެކްސިން ޖަހަން ވަނީ ފަށައިފައެވެ.

ކޮވިޝީލްޑް ވެކްސިނުގެ 100،000 ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން ސަރުކާރުން އެސްޓްރާޒެނެކާ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގެންނަ 700،000 ޑޯޒް ވެކްސިން އަންނަ މާޗުމަހު ލިބޭނެ ކަމަށާއި ޑަބްލިއުއެެޗްއޯ އިން ރާއްޖެއަށް ހަދިޔާ ކުރާ ވެކްސިން މިމަހުގެ 14 އިން ފެށިގެން އަންނަން ފަށާނެ ކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355