twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޗައިނާ ވެކްސިންގެ އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާ ކުރަނީ

Feb 4, 2021
1

ކޮވިޑް-19ގެ ވެކްސިންގެ 100،000 ޑޯޒް ހަދިޔާ ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޗައިނާއިން ހަދިޔާ ކުރަން ނިންމާފައި ވަނީ 100،000 ޑޯޒް އެވެ. ޗައިނާއިން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިނެވެ.

ސަފީރު ލިޖޮންގް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާކަން ދަންނަވަން މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. ވެކްސިން ވީހާވެސް އަވަހަށް ރާއްޖެއަށް ގެނައުމަށް މަޝްވަރާ ކުރައްވަމުންދާ ކަމަށް ސަފީރު ވިދާޅުވި އެވެ.

މީގެ ކުރިންވެސް، ހެޔޮ އެދޭ ފަރާތަކުން ވަނީ ރާއްޖެއަށް 5000 ޑޯޒްގެ ސައިނޯފާމް ވެކްސިން ހަދިޔާކޮށްފަ އެވެ. ނަމަވެސް އަދި އެ ވެކްސިން ދޭން ފަށާފައި ނުވެ އެވެ. ސައިނޯފާމް ކުންފުނިން އުފެއްދި ކޮވިޑް ވެކްސިން ދަނީ ޗައިނާގެ ރައްޔިތުންގެ ގަޔަށް ޖަހަމުންނެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި ވެކްސިނެވެ. އެއީ އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އިއްޔެއާ ހަމައަށް 1500 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355