ކުޅުދުއްފުށީގައި 207 މީހަކު ކޮވިޑް-19 ވެކްސިން ޖަހައިފި އެވެ. ކުޅުދުއްފުށީގައި އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދެވެ. އެއަށްފަހު ވެކްސިން ޖެހީ ކުޑަކުދިންގެ ޑޮކްޓަރު މުހައްމަދު ފައިސަލެވެ.
މިއަހަރުގެ ފެބްރުއަރީމަހު ފުރަތަމަ ދުވަހު ކުޅުދުއްފުށީގައި ކޮވިޑް-19 ވެކްސިން ޖަހަން ފެށިފަހުން މިހާތަނަށް 207 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ.
އެ ހޮސްޕިޓަލުން މައުލޫމާތުދޭގޮތުގައި ވެކްސިން ޖަހަން އަދި ހުޅުވާލީ ހޮސްޕިޓަލްގެ މުވައްޒަފުންނަށާއި 70 އަހަރުން މަތީގެ ފަރާތްތަކަށެވެ. އެގޮތުން މި ފާއިތުވެ ދިޔަ ތިން ދުވަހު ވަނީ 70 އަހަރުން މަތީގެ 54 މީހެއްގެ ވެކްސިން ޖަހާފަ އެވެ.
ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި ވެކްސިނެވެ. އެއީ އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. އަދި ޗައިނާއިންވެސް ވެކްސިން ހަދިޔާކުރަން ވަނީ ނިންމާފަ އެވެ. ޗައިނާއިން ހަދިޔާކުރަން ނިންމާފައިވަނީ ސައިނޯފާމް، 100،000 ޑޯޒެވެ.
މީގެ އިތުރުން ސަރުކާރުންވެސް ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ.