ވިޔަފާރި ބަނދަރުގައި ހިނގާ ނުރައްކާތެރި ހާދިސާތައް ހައްލު ކުރަން ގޮވާލާއި ކުއްލި މައްސަލައެއް ރައްޔިތުން މަޖިލީހަށް ހުށައަޅައިފި އެވެ.
މިއަދު ކުރިއަށްދާ މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި މި މައްސަލަ މަޖިލީހަށް ހުށައެޅީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ނިންމީ 34 މެމްބަރުންގެ ވޯޓުން ނެވެ. އަދި ނުފެންނަކަމަށް ހަތަރު މެމްބަރުން ވޯޓު ދެއްވި އެވެ.
މައްސަލަ ހުށަހެޅުއްވި އާދަމް ޝަރީފް އެދިވަޑައިގެންނެވީ މިހާރު ވިޔަފާރި ބަނދަރުގައި ހުރި ސަލާމަތީ މިންގަނޑުތަކުގެ ފުރިހަމަ އޮޑިޓެއް ހަދައި އެ ސަލާމަތީ މިންގަނޑުތައް ހަރުދަނާ ކުރުމަށް ފިޔަވަޅުތައް އެޅުމެވެ.
މީގެ އިތުރުންވިޔަފާރި ބަނދަރުގައި ހިނގާ ހާދިސާތަކުގަިއ ގެއްލުން ލިބޭ ފަރާތްތަކުގެ އާއިލާތަކުގެ މެމްބަރުންނަށް ނަފްސާނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
ޝަރީފް ހުށަހެޅުއްވި މައްސަލައަށް ތާއީދު ކުރައްވައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ އެފަދަ ހާދިސާތަކުގައި ޒިންމާވަން ޖެހޭ ފަރާތްތައް ބަލައި ފިޔަވަޅު އަޅަން ވަނީ ގޮވާލައްވައިފަ އެވެ. އެފަދަ މައްސަލަތައް ހުރީ ހަމައެކަނި ހުރީ ވިޔަފާރި ބަނދަރުތަކުގައި އެކަނި ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އަހަރު ފެށި ފަހުން އެމްޕީއެލް ބަނދަރުގައި ނުރައްކާތެރި ދެ ހާދިސާއެއް ހިނގާފައި ވެއެވެ. މިދިޔަ މަހު ބިއްލޫރި ޕެލެޓް ވެއްޓި ހިނގި ހާދިސާގައި ޒަހަމްވި އެކަކު ވަނީ މަރުވެފައި އެވެ. އަދި މިމަހުގެ ހަތަރު ވަނަ ދުވަހު ހިނގި ހާދިސާގައި މީހަކު ވަރަށް ބޮޑަށް ޒަހަމްވެ އޮތީ ވެންޓިލޭޓަރުގަ އެވެ. އޭނާ ފަހުން ބޮޑެތި އޮޕަރޭޝަންތަކެއް ވެސް ވަނީ ކޮށްފަ އެވެ.