ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ނައިބަކަށް ހުންނެވި އިބްރާހީމް ނަޒީމްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
“ގެދޮރުވެރިކުރުވުން” ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓް ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ތަހްގީގުކޮށް ނިންމައި އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި ހޯމަ ދުވަހު ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮރަޕްޝަން ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.
އެ ކޮމިޝަނުން ބުނީ މި މައްސަލައިގައި ނަޒީމްގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް އޭގެ ފައިދާ ލިބެންނުޖެހޭ މީހަކަށް މަންފާ ހޯދައިދިންކަމުގެ ކުށުގެ ދައުވާގައި ކަމަށެވެ.
މައްސަލައިގެ ތަހްގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 2017 ވަނަ އަހަރު ދޫކޮށްފައިވާ 140 ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހެޅި ފަރާތްތަކަށް ފުރަތަމަ ޕޮއިންޓް ދީފައިވަނީ ހއ. ދިއްދޫ ކައުންސިލްގެ އިދާރާއިން ކަމަށްވީނަމަވެސް ފަހުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެންގެވުމުގެ މަތިން އެ މަސައްކަތް ހއ. ދިއްދޫ ކައުންސިލްގެ އިދާރާއިން މަޑުޖައްސާލަފައިވާ ކަމަށެވެ.
އަދި ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތައް މިނިސްޓްރީއަށް ގެނެސްފައިވާކަން މި މައްސަލައިގެ ތަހްގީގަށް އެނގެން އޮތްކަމަށް އޭސީސީން ބުނެއެވެ. މިނިސްޓްރީގެ ފަރާތުން ވެސް ހައުސިންގ ޔުނިޓްތަކަށް ޕޮއިންޓްދީފައިވާކަމާއި އިވެލުއޭޝަން މަރުހަލާގެ ރިވިއު މަސައްކަތުގައި އިބްރާހީމް ނަޒީމް ބައިވެރިވެފައިވާކަން މި މައްސަލައިގެ ތަހްގީގަށް އެނގިފައިވާ ކަމަށް ބުނެފައިވެއެވެ.
އިބްރާހީމް ނަޒީމްއަކީ ހއ. ދިއްދޫ ހައުސިންގ ޔުނިޓްތައް ދޫކުރި އިރު ހައުސިންގ ޑިޕާޓްމަންޓްގެ ސިޔާސީގޮތުން އިސްވެރިޔާކަމަށްވެފައި ހައުސިންގ ޔުނިޓްތައް ދޫކުރުމުގައި ނިންމުން ނިންމޭފަދަ މަގާމެއްގައި ހުރި މީހެއް ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ދިއްދޫ އަށް ނިސްބަތްވާ ވަކި ފަރާތްތަކަކަށް ހައުސިންގ ޔުނިޓްތައް ހޯދައިދިނުމަށް އަމިއްލަ ފަރާތަކުން އެދުމުން އެކަމަށް އިބްރާހީމް ނަޒީމް އެއްބަސްވެފައިވާކަން މި މައްސަލައިގެ ތަހްގީގަށް އެނގިފައިވާކަމަށާއި އެއީ ހައުސިންގ ޔުނިޓްތައް ލިބެންޖެހޭ ފަރާތްތަކެއް ނޫންނަމަވެސް އެ ފަރާތްތައް ދާއިމީ ލިސްޓްގައި ހިމަނައި ހައުސިންގ ޔުނިޓްތައް ހަވާލުކޮށްފައިވަނީ އިބްރާހީމް ނަޒީމްގެ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެންކަން ތަހްގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި އިބްރާހީމް ނަޒީމްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެއެވެ.