ދިވެހި ޕްރިމިއާ ލީގުގެ ތާރީހުގައި މުޅިން އަލަށް ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ފެށި އާ ސީޒަނުގައި، ހއ. ދިއްދޫ ފުޓްބޯޅަ ޓީމުން ތާރީހީ މޮޅަކާއެކު ފެށުން ރަނގަޅުކޮށްފި އެވެ. ގަލޮޅު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު ފޯރިގަދަ މެޗުގައި، މިދިޔަ ސީޒަނުގެ ލީގު ގަދަ ހަތަރެއްގައި ހިމެނުނު ބުރު ސްޕޯޓްސް ކްލަބުގެ މައްޗަށް ދިއްދޫން ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.
ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ލީގަށް ކޮލިފައިވި ދިއްދޫ ޓީމަށް މިއީ ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗެވެ. މި މޮޅާއެކު ދިއްދޫ ވެގެން ގޮސްފައިވަނީ ހޯމް އެންޑް އަވޭ ފޯމެޓުގައި ކުޅޭ ލީގެއްގައި މޮޅުވި އަތޮޅުތެރޭގެ ފުރަތަމަ ރަށުގެ ޓީމަށެވެ.
މެޗު ފެށިގެން ބުރު ސްޕޯޓްސްއިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އެވެ. އެގޮތުން އަބްދުﷲ ޔާމީން (ޔާން) ފޮނުވާލި ބޯޅައެއް ދިއްދޫގެ ކީޕަރު މުހައްމަދު ޝިފާން މަތަކުރިއިރު، ބުރުގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ނަމަވެސް، މެޗުގެ 24 ވަނަ މިނެޓުގައި ދިއްދޫން ވަނީ މެޗުގެ ލީޑު ނަގައިފަ އެވެ. ބުރުގެ އޭރިއާ ބޭރުން، ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން ދިއްދޫއަށް މުހިންމު ލަނޑު ކާމިޔާބުކޮށްދިނީ ގާނާގެ ފޯވާޑް ގިޑިއަން ޓެޓޭ އެވެ. ޓެޓޭ ފޮނުވާލި ހިތްގައިމު ބޯޅަ ގޯލުގެ ތެރެއަށް ވަނީ ބުރުގެ ކީޕަރު ހަސަން އަލީފް އިބްރާހިމްގެ އަތްދަށުންނެވެ.
""މިއީ ދިއްދޫގެ ފުޓްބޯޅައަށް އެކަނި ލިބުނު މޮޅެއް ނޫން. މުޅި އަތޮޅުތެރޭގެ ފުޓްބޯޅައަށް ލިބުނު ބޮޑު ހިތްވަރެއް. އަޅުގަނޑުމެންގެ އަމާޒަކީ ލީގުގައި ސާބިތުވެ ތިބުން."ދިއްދޫ ފުޓްބޯޅަ ޓީމުގެ ސަޕޯޓަރެއް
ލީޑަށްފަހު ދިއްދޫގެ މުހައްމަދު ޝަނާއު ނަސީރުއަށް ލީޑު ފުޅާކުރަން ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރުގެ އާޖެންޓީނާ ފޯވާޑް ޖުއާން އެޑުއާޑޯ ލެސްކާނޯއަށް ނަތީޖާ ހަމަހަމަކުރަން ލިބުނު ފުރުސަތު ދިއްދޫ ޑިފެންޑަރުން ވަނީ ދިފާއުކޮށްފަ އެވެ.
ދެވަނަ ހާފު ފަށައިގެން ދިއްދޫގެ ގާނާ މިޑްފީލްޑަރު ޔޫސުފް އަފުލް އޭރިއާ ބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ އިރުކޮޅެއް ފަހުން، 50 ވަނަ މިނެޓުގައި ބުރުގެ އެޑުއާޑޯ ފޮނުވާލި ހިލޭ ޖެހުން ވެސް އަމާޒުވީ ގޯލު ދަނޑިއަށެވެ.
ބޯ ވިއްސާރައިގައި ކުޅުނު މި މެޗުގެ ފަހުކޮޅު ބުރުގެ މުހައްމަދު ތަޝްމީން (ތައްތި) އާއި އަބްދުﷲ އަރީން އިބްރާހިމްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުނެވެ. މެޗު ނިމެން ދަނިކޮށް ބުރުގެ ޝަމްވީލް މުހައްމަދު (ބޮންޑާ)، ދިއްދޫގެ ހުސެއިން ޒިމްޔާންއަށް ކުރި ފައުލަކަށް ސީދާ ރަތް ކާޑެއް ދެއްކުމުން، ބުރުން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ.
މާލެއިން ބޭރުން ލީގަށް ކޮލިފައިވި ދެ ޓީމުގެ ތެރެއިން ގދ. ގައްދޫ، ނިއު ރޭޑިއަންޓް އަތުން 2-0 އިން ބަލިވި ނަމަވެސް، ދިއްދޫން ވަނީ ފުރަތަމަ މެޗުން ތިން ޕޮއިންޓް ހޯދައި ސަޕޯޓަރުންނަށް ބޮޑު އުފަލެއް ދީފަ އެވެ. އަނެއްކޮޅުން މިދިޔަ ސީޒަނުގެ ކޯޗު މުހައްމަދު ނިޒާމް އާއި ސީނިއާ ކުޅުންތެރިން ޓީމު ދޫކޮށް ދިއުމާއެކު، އުމުރުން 29 އަހަރުގެ ސްޕެއިން ކޯޗު ކްރިސްޓިއަން ރޮޑްރިގޭޒްގެ އިރުޝާދުގެ ދަށުން ކުޅުނު ހަތަރު މެޗުން ވެސް (ކަޕް ވިނާސް ކަޕްގެ މެޗުތަކާއެކު) ބުރު ވަނީ ބަލިވެފަ އެވެ. ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހުރީ ތަޖުރިބާކާރު އިސްމާއީލް އާސިފް (ކުޑަ ހީނާ) އެވެ.




