ށ އަތޮޅުގެ ހުރިހާ ރަށެއްގައި ކޮވިޑް-19 ގެ ވެކްސިން ދޭނެ ފަށާފައިވާކަމަށް ށ ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.
ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލް ވެކްސިނެވެ. ށ އަތޮޅަށް ފުރަތަމަ ބުރުގައި ފޮނުވީ 700 ޑޯޒްގެ ވެކްސިނެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން ފުނަދޫ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ޒުމްރަތު ވިދާޅުވީ، އަތޮޅުގެ ހުރިހާ ރަށެއްގައި ވެކްސިން ޖަހަމުންގެންދަނީ 80 އަހަރުން މަތީގެ މީހުންނަށާއި ޕްރޮންޓް ލައިންގައި މަސައްކަތްކުރައްވާ ފަރާތްތަކަށެވެ.
"ހުރިހާ ރަށަކަށްވެސް ފޯރިކޮށްދީފަ ހުންނާނީ 80 އަހަރުން މަތީގެ މީހުންނަށާއި ފްރޮންޓް ލައިންގައި އުޅޭ ފަރާތްތަކަށް ޖެހޭ ވަރަށް." ޒުމްރަތު ވިދާޅުވި އެވެ.
ޒުމްރަތު ވިދާޅުވީ، ބައެއް ރަށްރަށުގައި ވެކްސިން ލިބޭވަރަކުން ޖަހަމުންދާއިރު އިއްޔެ ކޮމަންޑޫގައި ބައެއް އެހެން ރަށްތަކުގައި ވެކްސިން ދޭން ފަށާފައިވާއިރު ފުނަދޫގައި މިހާރަށް ފޮނުވި ވެކްސިން ވަނީ ޖަހާ ނިންމާލާފަ އެވެ.
އެގޮތުން އެރަށުގައި 80 އަހަރުން މަތީގެ މީހުންނަށާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ 45 ފަރާތްތަކަށް ވެކްސިން ދީފައިވެ އެވެ.
އިތުރު ވެކްސިން މިހަފްތާތެރޭގައި ލިބޭނެކަމަށް ބުނެފައިވާއިރު ދެ ވަނަ ބުރުގައިވެސް ފުރޮންޓްލައިންގައި މަސައްކަތްކުރާ ބޭންކް މުވައްޒަފުންނާއި އަތޮޅު ކައުންސިލް އަދި ފުލުހުންނަށް ވެކްސިން ޖަހާނެކަމަށް ޒުމްރަތު ވިދާޅުވި އެވެ.