twitterviber whatsapp telegramfacebookyoutube instagram
28th March 2024

އިންތިހާބަށް ކުރިމަތިލި 308 ކެންޑިޑޭޓުން ނަން އަނބުރާ ނަގާފައިވޭ: އީސީ

ޚަދީޖާ އާދަމް
Feb 17, 2021
1

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލި މެންބަރުންގެ ތެރެއިން ޖުމްލަ 308 ކެންޑިޑޭޓުން ނަން އަނބުރާ ނަގާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ބައެއް ކެންޑިޑޭޓުން ނަން ނެގުމުގެ ސަބަބުން ލޯކަލް ކައުންސިލްގެ 10 މަގާމަކަށް 15 މެމްބަރުން އޮޓަމެޓިކުން އިންތިހާބުވެފައިވާ ކަމަށެވެ.

ނަން ނެގި ކެންޑިޑޭޓުންގެ ތެރެއިން 169 ކެންޑިޑޭޓުން ނަން ނަގާފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުންނެވެ. އަދި 139 ކެންޑިޑޭޓުން ނަން ނަގާފައި ވަނީ އަންހެނުންގެތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުންނެވެ.

އިންތިހާބަށް ކުރިމަތިލި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ތެރެއިން އެންމެ ގިނައިން ނަން ނަގާފައި ވަނީ އެމްޑީޕީ އިން ކުރިމަތިލި މެމްބަރުންނެވެ. އެގޮތުން އެމްޑީޕީއިން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި 50 މެމްބަރުން ނަން ނަގާފައިވާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުން އެމްޑީޕީގެ 68 މެމްބަރުން ވަނީ ނަން ނަގާފައެވެ. ނަން ނެނގި ނަމަވެސް މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެސް އެމްޑީޕީންނެވެ. އެއީ ޖުމްލަ 1،475 ކެންޑިޑޭޓުންނެވެ.

ޝަރީފް ވިދާޅުވީ ކުރިމަތިލި މެމްބަރުންގެ ތެރެއިން ގިނަ ބަޔަކު ނަން އަނބުރާ ނަގާފައިވާތީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 7 ދާއިރާއަކަށް 28 މެމްބަރުން ހޮވިފައިވާ ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބުގެ 10 ދާއިރާއަކަށް 15 މެމްބަރުން ހޮވިފައިވާ ކަމަށެވެ.

މިއާއެކު އިންތިހާބުގައި ވާދަކުރާ މިހާރު ތިބީ ޖުމްލަ 3،934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2،264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ 1،670 ކެންޑިޑޭޓުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355