ލޯކަލް ކައުންސިލް އިންތިހާބު ދިގުދެމިގެން ދިޔުމާއެކު ގިނަ ކަންތައްތަކެއް ވަނީ ބަދަލުވެފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ މީގެކުރީ އެހެން އެއްވެސް އިންތިހާބެއްގައި ކެންޑިޑޭޓުން ނަން އަނބުރާ ނުގެންދާ މިންވަރަށް އެކަން ކޮށްފައިވުމެވެ. މި އިންތިހާބުގައި 300 އަށްވުރެ ގިނަ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔައެވެ. މީގެ ސަބަބުން ގިނަ ދާއިރާތަކެއްގައި އިންތިހާބު ނުބާއްވަން ވެސް ވަނީ ޖެހިފައެވެ. އެންމެ ކެންޑިޑޭޓެއް ހުރުމުން އޮޓަމެޓިކުން އެ ކެންޑިޑޭޓުން ވަނީ ހޮވިފައެވެ. އެކަމަކު، މިކަމާ ސުވާލު އުފައްދައިފިއެވެ.
ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ކަމަކީ އިންތިހާބެވެ. އިންތިހާބަކުން ރައްޔިތުން މަންދުބޫން ހޮވުމެވެ. ރާއްޖޭގައި ކަތީބުންގެ ޒަމާން ނިންމައި ލާމަރުކަޒީ ނިޒާމް ގާއިމްކޮށް، ކައުންސިލްތައް އިންތިހާބު ކުރާ ގޮތަށް އުފަން ކުރުވީ ވެސް އެ މުހިންމު އަސާސްގެ މައްޗަށެވެ. މީގައި ސުވާލު އުފައްދާ ސަބަބަކީ އިންތިހާބު ބޭއްވުމުގެ ކުރިން 120 ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރުވެފައިވާތީއެވެ. އެ މީހުން ކައުންސިލަށް އެ ދިޔައީ އިންތިހާބަކާ ނުލައެވެ. އެމީހުންނަށް ގޮނޑި ކާމިޔާބުވެފައިވާކަން އިލެކްޝަން ކޮމިޝަނުން ވެސް ވަނީ އިއުލާންކޮށްފައެވެ. އެއީ، ކައުންސިލް އިންތިހާބާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިންނެވެ.
އެ ގާނޫނުގައި ބުނެފައިވަނީ ކައުންސިލެއްގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން ކަމަށްވެފައި އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު އިންތިހާބު ކުރަންޖެހޭ މެންބަރުންގެ އަދަދު އެއްވަރުނަމަ ނުވަތަ އެއަށްވުރެ މަދުނަމަ އެ އިންތިހާބުގައި ވޯޓުލުމެއް ނެތި އެ ކެންޑިޑޭޓުން އެ މަގާމުތަކަށް އިންތިހާބުވީ ކަމަށް އިއުލާން ކުރަންވާނެ ކަމަށެވެ.
މިއީ މިކަން އޮންނަންވާނެ ގޮތް ނޫން ކަމަށް ބައެއް ގާނޫނީ ބޭފުޅުން އަންނަނީ ވަކާލާތު ކުރައްވަމުންނެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ގާނޫނީ ވަކީލް އަދި ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ ވިދާޅުވެފައިވާ ގޮތުގައި، އިންތިހާބު ނުނިމެނީސް އެކަކުވެސް ނުހޮވޭނެ ކަމަށާއި ވޯޓު ލީ މީހުންގެ މެޖޯރިޓީ ނުލިބި އިންތިހާބު ވުމަކީ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫން ކަމަށެވެ.
އަލްހާންގެ މި ރައުޔަށް ތާއިދު ކުރައްވަމުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، އެންމެ ކެންޑިޑޭޓެއް ހުރިނަމަ، އޮޓޯއިން ހޮވޭ ގޮތަށް އޮތުމަކީ ޖަމްއިއްޔާ ޖަމާއަތްތަކުގެ ކޮމިޓީތަކަށް މެންބަރުން ހޮވުމުގައި އަމަލުކުރަން ރަނގަޅު އުސޫލެއް ކަމަށެވެ. ރާއްޖޭގެ އިންތިހާބާ ބެހޭ ގާނޫނުތައް އިސްލާހުކޮށް ރައްޔިތުން ފުރިހަމަގޮތުގައި ރެޕްރެޒެންޓް ކުރެވޭނެ އިންތިހާބީ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށެވެ. މިހެން މިކަން އޮތުން ގާނޫނު އަސާސީއާ ހިލާފު ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.
އޭގެ ސަބަބު ސާފުކޮށް ދެއްވަމުން ކުރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގައި ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރަންޖެހޭ ގޮތް ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާއިރު އެއާ ހިލާފަށް އިންތިހާބުވެފައިވާ ކަމަށް ބުނަމަކީ ގާނޫނާ ހިލާފަށް ކުރެވޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ސިއްރު ވޯޓުން އިންތިހާބުކުރުން ގާނޫނު އަސާސީން ލާޒިމްކުރާ މަގާމަކަށް ކުރިމަތިލާ ފަރާތްތައް ނަން އަނބުރާ ގެންދިޔުމަކީ ނަން އަނބުރާ ނުގެންދާ ފަރާތާމެދު ދާއިރާގެ ރައްޔިތުން ބަސް (ވޯޓުން) ހޯދުމަކާ ނުލައި، އިންތިހާބުވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
ގާނޫނު އަސާސީގެ 231 ވަނަ މާއްދާގައި ބުނެފައިވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެން ވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ދީމިގްރާތީ އުސޫލުތަކުގެ މަތީން ސިއްރު ވޯޓަކުން އިންތިހާބު ކުރާ މެންބަރުން ކަމެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނު އަސާސީގައި މިހެން ލިޔެފައި އޮތްއިރު އެއާ ހިލާފު ގޮތެއް ގާނޫނެއްގައި ނުލިޔެވޭނެ ކަމަށެވެ. ޑރ. ދީދީ ވިދާޅުވީ ހައެރާކީގޮތުން ގާނޫނުތަކުގެ އެންމެ މަތީގައިވާ ގާނޫނު އަސާސީއާ އެއްގޮތް ނޫން ކަމެއް ގާނޫނާ އެއްގޮތް ކަމަށް ބަލާނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ.
ހައިލަމް ވިދާޅުވީ އިންތިހާބާބެހޭ ގާނޫނުތަކުގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ރައްޔިތުންގެ ވޯޓާ ނުލައި އިންތިހާބުކުރެވޭ ބަޔަކީ ގާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ ގޮތަށް ރައްޔިތުން ފުރިހަމަ ސިފައެއްގައި ރެޕްރެޒެންޓް ކުރެވޭ ބަޔަކަށް ނުވާނެ ކަމަށެވެ. އެ ވާހަކައަށް ބާރު ދެއްވަމުން އަލްހާން ވިދާޅުވެފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ހުރި ގާނޫނީ ހަމަތައް ބަދަލު ކުރަންޖެހޭ ކަމަށެވެ. ރައްޔިތުންގެ މެޖޯރިޓީ ވޯޓާ ނުލާ އެކަކުވެސް އިންތިހާބެއް ނުވާނެ ކަމަށާއި އަދި އެގޮތަށް ކަނޑައެޅުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ނޯންނާނެ ކަމަށެވެ. ދެން މިކަން ކަނޑައަޅާނީ ދުސްތޫރީ ގަޒިއްޔާއަކުން ސުޕްރީމް ކޯޓުން ކަމަށް އަލްހާން ވިދާޅުވިއެވެ. އަލްހާން ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމަވާފައެވެ.
ކޮންމެއަކަސް އިންތިހާބަކާ ނުލާ ހޮވިފައިވާ ކެންޑިޑޭޓުންގެ އަދަދު ގިނަވުމާއެކު ފެށިފައިމިވާ ބަހުސް ދެން ކޮޅެއްގައި ޖައްސާނީ ސުޕްރީމް ކޯޓުންނެވެ. މި މައްސަލާގައި ސުޕްރީމް ކޯޓަށް ގޮސްފިނަމަ، ޝައުގުވެރި ނިންމުންތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.