25 ފެބުރުއަރީ 2021 ވަނަ ދުވަހަކީ ކުޅުދުއްފުށި ރައްޔިތުންނަށް އުފާވެރި ދުވަހެކެވެ. ކުޅުދުއްފުށީގެ މަގުތައް ތަރައްޤީ ކުރުމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯރޕަރޭޝަނާއެކު ސޮއި ކުރެވުނު ކަމުގެ އުފާވެރި ހަބަރަކީ ގިނަ ރައްޔިތުންތަކެއްގެ ހިތްތަކަށް ތަސައްލީ ގެނުވައިދިން އުފާވެރި ހަބަރެކެވެ.
ނަމަވެސް މި ހަބަރާއެކު ގިނަ ސުވާލުތަކެއް އަދި ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ކުޅުދުއްފުށީގައި މިހާރު ތަރައްގީ ކުރެވިފައިވާ މަގުތަކަކީ ވަރަށް ދަށް ފެންވަރަށް، މަގުގެ ބޭނުން ކުރާ ފަރާތްތަކަށް އެއްވެސް ވަރަކަށް ވިސްނައިގެން ހެދިފައިވާ މަގުތަކެއް ނޫންކަން މިއީ އެއްވެސް ރައްޔިތަކަށް އޮޅިފައިވާނެ ކަމެއް ނޫނެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ބައެއް މައްސަލަ ތަކުގެ ތެރޭގައި އާޅާފައިވާ ތާރުގެ ފެންވަރު އިންތިހާއަށް ދައްވެ ތުނި ވުމާއި، ފެން ހިންދާ ކާނުތައް މަަސައްކަތް ނުކުުރުމާއި، މަގުގައި ގަސްއިންދުމަށް އެކަށީގެންވާ ޖާގާ ނެތުމާއި، ރޯޑް ޑިވައިޑަރ ނެތުމާއި، ޑީވޯޓަރިން ކުރުމަށް ނިޒާމު ގާއިމުވެފައި ނެތުމާއި ފަޔަރ ހައިޑްރަންޓް ނެތުމާއި މަގުގަައި ހިނގުމަށް ލެވިފައިވާ ޕޭވްމަންޓްތައް ހަނިވެ ބޭނުން ނުކުރެވޭ ގޮަތަށް ހުރުން ހިމެނެއެވެ.
ހިތާމައަކީ ކުޅުދުއްފުށީގައި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީގައި ބަޔާންކުރެވިފައިވާ މައްސަލަތަކާއެކު މަގުތައް އެތައް ފައިސާއެއް ހޭދަކޮށްގެން ހެދިފައިވާނީ އކެމަުގެ ނޭދެވޭ އަސަރާއި ތަޖުރިބާ ވެރިރަށް މާލެއިން ފެންނާން ހުއްޓައެވެ. މާލޭގެ މަގުތަކުގެ ދަތިކަމާއި އުނދަގޫކަން މާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކާއި މާލެގަިއ ދިރިއުޅޭ ފަރާތްތަކަށް އެއްވެސް ވަރަކަށް އޮޅިފައެ ނޯންނާނެއެވެ. އަބަދުވެސް ކޮންމެވެސް މައްސަލައެއް ޖެހިގެން ރަނގަޅު ކުރުމަށް އެކި މަސައްކަތްތައް ވެސް ކުރެވެއެވެ. މައްސަލަތައް ހައްލު ކުރުމަށް އެކި ސަރުކާރުން އެކި ފެންވަރުގެ އެކި ޒާތްޒާތުގެ ޕްރޮޖެކްޓް ހިންގައެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި މަގިތަކުގެ ހާޅަތު ދުވަހެއް ދުވަހުން ގޯސްވަމުން ގޮސް މުޅި މާލެ މަގުތަކުގެ ޑިޒައިން އެއްކޮށް ބަދަލު ކުރަންޖެހޭކަން ވިސްނި އެކަމަށް ވެސް އެތައް މިލިއަނެއް ހޭދަކޮށް ވަނީ ޕްރޮޖެކްޓެއް ފާށަފައެވެ.
އަންދާޒާ އަގުގެ ގޮތުގައި 462 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓަށް ކިޔަނީ މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓްގެ ތެރެއިން މާލެ މަގުތަކުގެ ޑިޒައިން ވަނި އެއްކޮށް ބަދަލުކޮށް ޒަމާނީ ކޮށްފައެވެ. އެގޮތުން ގަސްއިންދާނެ ޖާގަތަކާއި މި ޖާގަތަށް ހިނގާ މީހުންނަށް އުނދަގޫ ނުވާނެހެން ޕޭވްމަންޓާއި ވަކިން ހުރުމާއި، ޕޭވްމަންޓް ފުޅާކޮށް ފާރުގައި ނުކޭތި ހަމަޖެހިގެން ހިނގޭވަރަށް ހުރުމާއި، ފުރޮޅުލީ ގޮނޑިއަށް އެރޭ އަދި ދެވޭ ފުޅާމިނަށް ހުރުމާއި، ފެންހިންދާ ނިޒާމް ރަނގާޅު ބަދަލުތަކެއް ގެނެސްފައި ހުރުމާއި ޓްރެފިކް ފްލޯރ ރަނގަޅު ކުރާނެ ފީޗަރސްތައް ބޭނުންކުރެވިފައިވާތަން ފެނެއެވެ. ޒަމާނީ ސިޓީތަކުގެ ގިނަ ސިފަތައް ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގައި ޑިޒައިން ކުރެވިފައިވާ މަގުތަކުން ފެނެއެވެ.
ނަމަވެސް ކުޅުދުއްފުށީގައި ތަރައްގީ ކުރުމަށް ނިންމި މަގުތަކުގެ ޑިޒައިންއިން މިދެންނެވި ފަދަ ޒަމާނީ ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމާމެދު ޝައްކެވެ؟ ރަނގަޅުގޮތް ވިސްނިފައިވާއިރު މާލޭގެ ކުރީގެ މަގުތައް އެމަގުތަކުގައި ހުރި މައްސަލަތަކާއެކު ކުޅުދުއްފުށީގައި ނަކަލު ކުރުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ މި ބީދައިން ކަންތައްކޮށް އަނެއްކާ ފަހުން ކުޅުދުއްފުށި މަގުތަކުގެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް ހިންގާނިބާވައެވެ؟ މިއީ ފަސޭހަ އަދި ފަސޭހައިން ފައިސާ ހޯދޭނެ ކަމަކަށް ނުވާނެކަން ޔަގީނެވެ.
މަގުތައް ތަރައްގީ ވެގެންދާއިރު އުމުރުން ދުވަސްވީ މީހުން، ހާއްސަ އެހީއަށް ބޭނުންވާ މީހުން. ކުޑަކުދިން އަދި ހިނގާފަ އުޅޭ މީހުންގެ ބޭނުންތަކަށް ރިއާޔަތް ކުރެވޭނެ ބާވެއެވެ؟ މަގުތަކުގައި ދިމާވާ ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދިފައި އޮންނާނެ ބާވައެވެ؟ މަގު ހިޔާކޮށް ފިނިކުރުމަށް އިންދަންޖެހޭ ގަސްތައް މަގު ހިނގާ މީހުންނަށް ހުރަސްކުރަންޖެހޭ އޮބްސްޓެކަލްތަކެއް ގޮތަށް ޕޭވްމަންޓުން ކެނޑިފައިވާ އަނދަވަޅުތަކެއް ނޫންގޮތަކަށް ހުންނާނެބާވެއެ؟ މިއީ ހައްތަހާވެސް ސުވާލެވެ.
ކުޅުދުއްފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް މިހުސްވި ފެބުރުއަރީމަހު އާރުޑީސީއާ ހަވާލުކޮށްފައިވާއިރު މިހާރު ކުރިއަށްދާ މާލޭ ސްޓްރީޓް ސްކޭޕިންގެ ޕްރޮޖެކްޓަށް އަލިއަޅުވާލުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މީގެ ކުރިން ކުޅުދުއްފުށީގައި ވަރަށް ފީކަޅާގޮތަށް ގެންގޮސްފައިވާ މަގު ހެދުމުގެ ޕްރޮޖެކްޓްގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދެ އެވެ. އަދި ޒަމާނީ ސިޓީއަކުން ފެންނަ ޖެހޭ ގިނަ ކަންކަން އެ ޕްރޮޖެކްޓްގައި މިސްވެގެން ގޮސްފައިވުމީ ގިނަ ބަޔަކު ކަންބޮޑުވާ މައްސަލަ އެކެވެ. އެހެންވުމުން ދެވަނަ ފަހަރަކަށް އެފަދަ ތާކުންތާކުން ނުޖެހޭ ޑިޒައިނަކަށް މަގު ހެދުމުގެ ޕްރޮޖެކްޓެއް ގެންދެވިގެންނުވާނެ އެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް ކުރިން ދިމާވަމުންދާ މައްސަލަތައް ހައްލުކުރުމަށް ކުރިއަށްގެންދާ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ދަށުން ހެދި ފުރަތަމަ މަގުންވެސް ޒަމާނީ ސިޓީއެއްގެ ކުލަ ފެނިގެންދިޔަ އެވެ. ކަނބާއައިސާރަނި ހިންގުން ނިންމާ ހުޅުވާލިއިރު މާލޭގެ މަގުތަކަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ބޮޑު ހައްލެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެ. އަވަހަށް ފެންހިންދާލަދެ އެވެ.
މީގެ އިތުރުން މަގުތައް ހަދާ ނިމޭއިރު އިތުރަށް މަގު ކޮންނާކަށް ނުޖެހޭނެކަމަށާއި އަދި މަގު ހިނގާ މީހުންނަށް ވެސް ހިނގަން އޮންނަ ޖާގަ ވެސް ވަނީ ބޮޑުކޮށްފަ އެވެ. ފެނާއި ނަރުދަމާ އާއި ޑީވޯޓަރިން އާއި އެހެނިހެން ހިދުމަތްތަކަށް މަގު ކޮންނަން ޖެހޭ މައްސަލައަށްވެސް މި ޕްރޮޖެކްޓުން ވަނީ ހައްލު ހޯދައިދީފަ އެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށް އަލަށް މާލޭގައި ހަދާ މަގުތައް ނިމޭއިރު ކަރަންޓާއި ފެނާއި ނަރުދަމާ އަދި ޑީވޯޓަރިން އާއި ތަފާތު އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭނެ ގޮތްގޮތަށް ފަރުމާކުރާނެކަމަށް އާރުޑީސީން މައުލޫމާތުދެ އެވެ.
މި ޕްރޮޖެކްޓްގެ ދަށުން މަގުތައް ހަދާއިރު 4 ޑިޒައިނެއްގެ މަގު ހިމެނޭނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެ އެވެ. އެއީ އާރޓީރިއަލް މަގުތަކާއި، ސިޓީ ރޯޑްސްއާއި، ސެކަންޑަރީ ރޯޑްސްގެ އިތުރުން ނެއިބަރ ހުޑްޕެޑެސްޓްރިއަން ރޯޑެވެ. އެ ސިޓީ ކައުންސިލުން ބުނެފައިވަނީ ކަރަންޓާއި ފެނާ ނަރުދަމާއާއި ޑީވޯޓަރިންގ އާއި ފަޔަރ ހައިޑްރަންޓް ހޮޅި ފަދަ އަދި ތަފާތު އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭގޮތަށް ފަރުމާކުރެވިފައިވާނެ ކަމަށެވެ.
ކުޅުދުއްފުށި މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހުސްވި ފެބްރުއަރީމަހު އެވެ. 510 ދުވަސްތެރޭގައި ނިންމާގޮތަށް ހަވާލުކުރި މިމަސައްކަތުގެ އަގަކީ 100.7 މިލިއަން ރުފިޔާ އެވެ.
މިފަދަ ޒަމާނީ ގޮތަކަށް މަގުތައް ފަރުމާކުރެވި ކުރިއަށްދާއިރު ކުޅުދުއްފުއްޓަށްވެސް މުހިންމުވާނީ މިފަދަ ޑިޒައިނެކެވެ. އެހެންނޫނަމަ ކުރިން މި ފާހަގަކުރި އެތަކެއް މައްސަލަތަކެއް ކުރިމަތިވާނެކަމާމެދު ޝައްކެއްވެސް ނެތެވެ.